ރާއްޖޭގައި ކުރިއަށް ގެންދާ ޑޮކްޓަރުކަން ކިޔަވައިދޭ ޕްރޮގްރާމަށް ޝަރުތު ހަމަވާ މޮޅު ކުދިން ލިބޭ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހު މި ޕްރޮގްރާމްގެ މުޅިން އާ ބެޗަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިން އިން ބުނެފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އައިމިނަތު ހުދާ ވިދާޅުވީ ރާއްޖެއިން ރަނގަޅު ފެންވަރުގެ މޮޅު ދަރިވަރުން ޑޮކްޓަރުކަން ކިޔަވައިދޭ ފްރޮގްރާމްގައި ބައިވެރިވުމަށް ލިބޭ ކަމަށެވެ.
"ހަގީގަތުގައި ކޯހަށް މިހާތަނަށް ނެގި ދަރިވަރުންގެ ތެރޭގައި އޯލެވެލް އަދި އޭލެވެލްގައިވެސް ގަދަ ދިހައެއްގައި ވިދާލި ދަރިވަރުންގެ އިތުރުން ކިޔެވުމަށް މޮޅު، ފެންވަރު ރަނގަޅު ދަރިވަރުން އެބަތިބި،" ހުދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދިވެހި ތަޖުރިބާކާރު ލެކްޗަރާ އިންގެ އިތުރުން އިންޑިއާ، ނޭޕާލް، މިސްރު ބޭފުޅުން ވެސް ސްކޫލް އޮފް މެޑިސިންގައި ދަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާ ކަމަށެވެ. ދަރިވަރުން ފުރަތަމަ ދެ އަހަރު ޕްރީ ކްލިނިކްސް ކިޔެވުމަށް ފަހު ތިންވަނަ އަހަރުން ފެށިގެން އަމަލީ ތަޖުރިބާ ހޯދުމަށް ހޮސްޕިޓަލްތަކަށް ނިކުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިގޮތުން އައިޖީއެމްއެޗް އަދި އޭޑީކޭ ފަދަ ހޮސްޕިޓަލްތަކުން އެ ކުދިންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފައި،" ހުދާ ވިދާޅުވި އެވެ.
ރާއްޖޭގައި މުޅިން އަލަށް ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހުޅުވި ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރުކަން ކިޔެވުމުގެ ކޯސް (އެމްޑީ ކޯސް) ތައާރަފްކޮށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ދަރިވަރުން ކޯހުގައި ބައިވެރިވި އެވެ.
އޭގެ ފަހުން ސްކޫލް އޮފް މެޑިސިންއަށް ހަތަރު އަހަރު ފުރިގެން ދިޔައިރު އަމިއްލަ ގައުމުގައި ތިބެގެން ޑޮކްޓަރުކަން ކިޔަވައިގެން ސިއްހީ ދާއިރާއަށް ނިކުންނަށް ދަރިވަރުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
ޖުމުލަ ފަސް އަހަރު ހިމެނޭ މި ކޯހުގައި މިހާތަނަށް ފަސް ބެޗްގައި ދަރިވަރުން ކިޔަވަމުން ގެންދާއިރު އެންމެ ފުރަތަމަ ބައިވެރިވި ބެޗްގެ 50 ދަރިވަރުން މިވަގުތު ކިޔަވަމުން ދަނީ އެކުދިންގެ ހަތަރުވަނަ އަހަރުގެ ދެވަނަ ސެމިސްޓާގަ އެވެ. ކިޔެވުން ކުރިއަށް ދަނީ ހަފްތާގެ ފަސް ދުވަހު ހެނދުނު 8:00 ހަވީރު 4:00 އަށެވެ. ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އަށްވަނަ އަދި 14 ވަނަ ފަންގިފިލާގަ އެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިން ކިޔަވަނީ ދިވެހި ސަރުކާރުން ހުޅުވާލާފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސްކީމްގެ ތެރެއިންނެވެ. ފަސް އަހަރު ދުވަހުގެ ޑިގްރީ ކޯސް ނިންމުމަށްފަހު އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ދަރިވަރުން ފުރިހަމަކުރާނެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްމުން މިވަގުތު ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރުކަން ކިޔަވަމުން ގެންދާ ދަރިވަރަކު ބުނީ ބޭރު ގައުމަކަށް ދިޔުމަށް ވުރެ އަމިއްލަ ވަޒަނުގައި ހުރެ މެޑިކަލް ސްކޫލުން ކިޔެވުމަށް ލިބުނު ފުރުސަތު މާރަނގަޅު ކަމަށެވެ.
"ސްކޫލް އޮފް މެޑިސިންގައި ކިޔަވާދެއްވާ ލެކްޗަރުންނަކީ މިހާތަނަށް އަޅުގަނޑު ދުށް އެންމެ ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުން. އަދި އެހާ ރަނގަޅުވެފަ ހިތްހެޔޮ. ވަރަށް ރަނގަޅަށް ފިލާވަޅުތައްވެސް ކިޔައިދީ ބުނެދީ ހަދާ. އަސްލު އަމިއްލަ ގައުމުގައި ކިޔަވަން މިވަނީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައި،" ދަރިވަރަކުން ބުންޏެވެ.