އެޗްޕީއޭ

މެޗު ބަލާއިރު ކާންވީ "ހެލްތީ ސްނެކް": އެޗްޕީއޭ

ވޯލްޑްކަޕްގެ މެޗުތައް ބަލަމުންދާއިރު ސިއްހަތަށް ފައިދާހުރި ލުއިކާނާ ބޭނުން ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި އިލްތިމާސްކުރީ ވާލްޑް ކަޕްގެ އެންމެ ގަޔާވާ ޓީމަށް ސަޕޯޓް ކުރާއިރު ހެލްތީ ސްނެކެއް އިޚްތިޔާރު ކުރުމަށާ އެ މިގޮތުން ލޮނު، ހަކުރު އަދި ތެޔޮ އެކުލެވޭ ބާވަތްތައް މަދުކުރުމަށެވެ.

ސިއްހީގޮތުން ފައިދާހުރި ލުއިކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތީގެ ގޮތުގައި ބައެއް މިސާލުތައް އެޗްޕީއޭގެ ޓްވީޓްގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޭވާ އާއި ތަރުކާރީއާ، ހަނާކުރި މުގާ، ފިހުނު އަލުވި ޗިޕްސް، ވަޅޯމަސް އަދި ލޮނުމަޑުކޮށް ހަދާފައި ހުންނަ ޕޮޕްކޯނެވެ.

ގިނަ ބަޔަކު އެއްވެގެން ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް މެޗު ބަލަމުން ތަފާތު ކާނާކަމުން ދާއިރު ސިއްހަތާއި މެދު ފަރުވާތެރިވުމަކީ އެޗްޕީއޭއިން ބުނިފަދައިން މުހިންމު ކަމެކެވެ.

މިދިޔަ މަހު ހެލްތް މިނިސްޓްރީން އާއްމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް މިސާލަކަށް ހަކުރުބަލި ލޭމައްޗައް ދިއުން ކޮލެސްޓްރޯލް މަތިވުން ފަދަ ބަލި ޖެހޭ މީހުން ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ.