މިފްކޯ

މިފްކޯއިން ތިން ބޯޓު ގަނެފި

މަސްވެރިކަމުގެ މޫސުމުގައި މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭން ބޭރުން ތިން ބޯޓެއް ގަނެފައިވާ ކަމަށާއި އެ ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އަރީބާ ހާޝިމް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިންވެސް ޕްލޭން ކޮށްފައިވާ ގޮތަށް ތިން ބޯޓު ގަނެ މިހާރު ދަނީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރާއްޖެ މިހާރު ގެންނަން ހަމަޖެހިފައިވާ ތިން ބޯޓުގައި ޖުމުލަ 240 ޓަނުގެ މަސް ރައްކާ ކުރެވޭނެ ކަމަށް އަރީބާ ވިދާޅުވި އެވެ.

އަރީބާ ވިދާޅުވީ މިހާރު ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ބޯޓުތައް މާލެ އަންނަން ދަތުރު ފަށާނެ ކަމަށެވެ. ރާއްޖެއަށް މި ބޯޓުތައް އަންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ އޮޕަރޭޝަން ގައި މިވަގުތު 12 ބޯޓު އޮތް އިރު ދެ ބޯޓު ދަނީ މަރާމާތު ކުރަމުންނެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނީ މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފަ އެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން މިފްކޯގެ ބަނދަރުތަކުން ކިރީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

މަސް ގަންނަ އަދަދު އިތުރުކުރުމުގެ ގޮތުން މިފްކޯ އިން ދާދި ފަހުން ވަނީ މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފަ އެވެ. މީގެއިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ބޯޓެއް (ޖަޒީރާ ރީފާ) ވެސް ރާއްޖެ ގެނެސްފައިވެ އެވެ.

މީގެ އިތުރުން މަސް ރައްކާ ކުރުމަށް ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.