ހައިކޯޓް

ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެއް ފަނޑިޔާރަކު މައްސަލައެއް ބަލައިފި

ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެއް ފަނޑިޔާރަކު އިންނަވައިގެން މައްސަލައެއް ބަލައިފި އެވެ.

ހައި ކޯޓުގެ ބައެއް ބާވަތްތަކުގެ މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލޭ ގޮތަށް ޖިނާއީ އިޖުރާތުގެ ގާނޫނު އިސްލާހުކޮށް އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ ނިމިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އާ ގާނޫނުގައި ވާގޮތުން:

  • ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައި އެއް ފަނޑިޔާރަށް ވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ އެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ހިމެނެއެވެ.

ހައިކޯޓުގެ ތާރީހުގައި މިއަދު ފުރަތަމަ ފަހަރަށް އެއް ފަނޑިޔާރު ބައްލަވާ މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ހައި ކޯޓުން މިއަދާ ހަމައަށް މައްސަލަ ބަލާފައިވަނީ މަދުވެގެން ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.