ޕެނަލްޓީ ޖަހައިގެން 3-0 އިން ސްޕެއިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް މޮރޮކޯ ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 އިންނެވެ. އެއްވަރުވެގެން ކުޅުނު ދެ ހާފުގައި ވެސް ގޯލެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ތަފާތު ދެއްކީ ސެވިއްޔާ އަށް ކުޅޭ މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯ އެވެ. ސްޕެއިން އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ބޯނޯ މަތަކުރި އެވެ.
މުޅި މެޗުގައި ވެސް މޮރޮކޯ އިން ވަނީ މޮޅަށް ޑިފެންސް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސްޕެއިން އިން މޮޅަށް ކުޅުނުއިރު ކައުންޓަ އެޓޭކުގައި މޮރޮކޯ އިން ވެސް ސްޕެއިނަށް ޕްރެޝަރުކުރި އެވެ. މި ހާފުގައި ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.
މެޗުގެ ދެވަނަ ފާހު މުޅިންހެން ޑޮމިނޭޓްކުރީ ސްޕެއިން އިންނެވެ. މި ހާފުގައި އަލްވާރޯ މޮރާޓާ އަށް ގޯލު ޖަހާނެ ފުރުސަތެއް ލިބުނެވެ. އެކަމަކު މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކައިރިން ހުރަސްވެގެންނެވެ. ދެވަނަ ހާފާއި އިތުރު ވަގުތުގެ ދެ ހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ މޮރޮކޯ އަށެވެ. މޮރޮކޯގެ ބެންޗުން ކުޅެން އެރި އަލްހާމިދު ސަބީރީ އަށް ރަނުގެ ދެ ފުރުސަތު ލިބުނުއިރު، ފުރަތަމަ ހަމަލާ ފޮނުވާލުމުން ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޮން މަތަކުރި އެވެ. އޭގެފަހުން ލިބުނު ފުރުސަތުގައި ސަބީރީ ގޯލަށް ފޮނުވާލުން ލަސްކުރުމުން ސްޕެއިންގެ ޑިފެންޑަރުން އެ ބޯޅަ ސާފުކޮށްލީ އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި މޮރޮކޯ އިން ވަނީ ސަބީރީ އާއި ހަކީމް ޒިޔެޗް އަދި އަޝްރަފް ހަކީމީގެ ޕެނަލްޓީ ވައްދާލާފަ އެވެ. މޮރޮކޯގެ ބާޑް ބެނޫން ޖެހި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ސްޕެއިންގެ ތިން ޕެނަލްޓީގެ ތެރެއިން ކާލޮސް ސޮލާ އާއި ސާޖިއޯ ބުސްކެޓްސް ޖެހި ދެ ޕެނަލްޓީ ބޯނޯ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ސްޕެއިންގެ ސަރަބިއާ ޖެހި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑި އަށެވެ.
މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މޮރޮކޯ އިން އަންނަނީ ގްރޫޕް ސްޓޭޖުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކުރިއިރު ކްރޮއޭޝިއާއާ އެއްވަރުކުރި އެވެ.
މޮރޮކޯ ކުއާޓާ ފައިނަލުގައި ނުކުންނާނީ ޕޯޗުގަލް ނޫނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މި ދެޓީމުގެ މެޗު މިރޭ 12 ޖަހާއިރު ފަށާނެ އެވެ.