ކުޅިވަރު

ޕޯޗުގަލް ކުއާޓާ ފައިނަލަށް، ރާމޯސް އަށް ދުނިޔޭގެ ސަމާލުކަން

ފީފާ ވޯލްޑް ކަޕްގައި ރޭ 6-1 އިން ސްވިޒަލެންޑް ބަލިކޮށް ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. ޕޯޗުގަލް ހޯދި ބޮޑު މޮޅުގައި އެންމެ ފާހަގަކޮށްލެވުނީ އުމުރުން 21 އަހަރުގެ ގޮންޒާލޯ ރާމޯސް ހެޓްރިކް ހެދުމެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ޒުވާން ފޯވާޑް، ރާމޯސް އަށް ފުރުސަތު ދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗު ކުރުމަށް ފަހު އެވެ. މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނީ ރޮނާލްޑޯ ބެންޗުކުރާ ވާހަކަ އެވެ. ބަދަލުގައި އެރި ރާމޯސް ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ދުނިޔޭގެ މީޑިއާގެ ސަމާލުކަން އޭނާ އަށް ވަނީ ހުއްޓިފަ އެވެ.

ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ފޯވާޑް ހޯދުމަށް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ގިނަ ކްލަބް ތަކަކުން މަސައްކަތް ކުރާނެކަމަށް ބެލެވެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ރާމޯސް ޖެހީ 17 ވަނަ މިނެޓުގަ އެވެ. ޔާއޯ ފީލިކްސް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ރާމޯސް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޖެހި މި ގޯލާ އެކު ރާމޯސްގެ ފެންވަރު ފެނިގެންދިޔަ އެވެ.

ޕޯޗުގަލްގެ ދެވަނަ ގޯލު ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރެއްގައި ބޮލުން ކާމިޔާބުކުރީ ޕެޕޭ އެވެ. އުމުރުން 39 އަހަރުގެ ޕެޕޭ ބޮލުން އެ ބޯޅަ ޖެހިއިރު ސްވިޒަލެންޑުގެ ޑިފެންޑަރުންނަށް ޕެޕޭ ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވުނެވެ.

ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ރާމޯސް ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. ޔާއޯ ކަންސޭލޯގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޑިއޯގޯ ޑަލޯ ނަގައިދިން ހުރަސް ރާމޯސް ވަނީ ގޯލުގެ ކައިރި ކަނަށް ވައްދާލާފަ އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ފައިގައި ޖެހިފަ އެވެ.

ދެވަނަ ގޯލު ޖެހިތާ ހަތަރު ވަރަކަށް މިނެޓު ފަހުން ޑިފެންޑަރު، ރަފައެލް ގަރޭރޯ ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. މިއީ ހެޓްރިކް ހެދި ރާމޯސް ދިން ބޯޅައަކުން ގަރޭރޯ ޖެހި ލަނޑެކެވެ.

ޕޯޗުގަލް ހަތަރު ގޯލުގެ ލީޑެއް ނެގިފަހުން ސްވިޒަލެންޑުގެ މަނުއެލް އަކާންޖީ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މި ގޯލާ އެކު ސްވިޒަލެންޑަށް ޕޯޗުގަލް ހާސްކޮށްލެވޭ ގޮތެއްނުވި އެވެ. މެޗުގެ ފަހުކޮޅު ޕޯޗުގަލުން އިތުރު ދެ ގޯލު ޖަހައި ފަރަގު ބޮޑުކުރި އެވެ.

ރާމޯސް މެޗުގައި ހެޓްރިކް ހެދީ 67 ވަނަ މިނެޓުގަ އެވެ. ފީލިކްސް ދިން ބޯޅަ ހޯދުމަށް ފަހު މި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޗިޕެއް ގޮތަށް ޖަހަ އެވެ. ރާމޯސް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ހެޓްރިކް ފުރަތަމަ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ގޯލު ޖެހި ޕޯޗުގަލްގެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ޕޯޗުގަލްގެ ފަހު ގޯލު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެންޗުން ކުޅެން އެރި ރަފައެލް ލެއާއޯ އެވެ. އާއްމުން ބެންޗުން ކުޅެން އަރައި އޭސީ މިލާންގެ ފޯވާޑް، ލެއާއޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ލެއާއޯގެ ދެވަނަ ގޯލެވެ.

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރެ އެވެ. ހުކުރު ދުވަހުގެ ރޭ އަށެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ބްރެޒިލް އެވެ. އެރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ނެދަލެންޑްސް އާއި އާޖެންޓީނާ ވާދަކުރާނެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އަށެއް ޖަހާއިރު ޕޯޗުގަލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އެރޭ 12 ޖަހާއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.