މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވާ މައްސަލަ

ޖެންޑާ މިނިސްޓްރީއަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހެޅުނު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުގެ މައްސަލަތަކާއި ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 79 މައްސަލަ މިދިޔަ އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން އިހުމާލުވުމުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. މީގެއިތުރުން ޖިންސީ ހާނިކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިކައިގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާ ތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ، ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަތުމުގެ ހަ މައްސަލަ ވެސް އޮކްޓޯބަރުގައި ހުށަހަޅާފައިވެ. އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ ދެ މައްސަލަ އާއި، ސާފު ބޯފެނުގެ ހިދުމަތް މެދުކަނޑާލުމުގެ ދެ މައްސަލަ އާއި، ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ މައްސަލައަކާއި، އުފަންވުމުން ރަޖިސްޓްރީ ނުކުރުމުގެ އެއް މައްސަލަ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 17 މައްސަލަ ވެސް އޮކްޓޯބަރުގައި ރިޕޯޓުކޮށްފައިވާއިރު ދައުލަތުގެ ބެލުމުގެ ދަށަށް ދެ ކުއްޖަކު ވެސް އޮކްޓޫބަރުގައި ގެންގޮސްފައިވެ އެވެ.

ކުޑަކުދިންނަށް "އިހުމާލުވުން" ކަމުގައި ގާނޫނީ ގޮތުން ބަލަނީ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެ ކުއްޖާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ މީހަކު ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ކުރުމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ. މިއީ ބޮޑު އަދަބު ދެވޭ ގާނޫނީ ކުށެކެވެ.