މާލެއާއި ވިލިމާލޭގެ އާންމު ތަންތާގައި ހުންނަ ކުނި މި މަހު 26 އިން ފެށިގެން ނަގާއިރު، މާލެ 16 ޒޯނަކަށް އަދި ވިލިމާލެ ހަތަރު ޒޯނަކަށް ބަހައިލަައިގެން ކުނި ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 26، 2016 ގައި ނިމިދިޔަ ކައުންސިލުން ސޮއިކުރި އެއްބަސްވުމެކެވެ.
އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ހަމަވުމުން، އެ އެއްބަސްވުން އާނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ނިންމީ މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ކުނިކަހައި ބެލެހެއްޓުމުގެ މަސައްކަތް ސީދާ ސިޓީ ކައުންސިލުން ކުރުމަށެވެ. މިގޮތުން ކުނި ނެގުމުގެ މަސައްކަތުގައި މާލޭގައި 15 ވެހިކަލެއް އަދި ވިލިމާލޭގައި ހަތަރު ވެހިކަލެއް ބޭނުން ކުރާނެ އެވެ. އަދި ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލް ވެސް ބޭނުން ކުރާނެ ކަަމަށް ކައުންސިލުން ބުންޏެވެ.
މިގޮތުން ކައުންސިލުން އަމިއްލައަށް ކުނި ނަގާނަމަ ވެމްކޯ އިން މާލޭގައި މިހާރު ބޭނުންކުރާ 150 މުވައްޒަފުންގެ ތެރެއަށް އިތުރު 85 މުވައްޒަފުން އަދި ވިލިމާލެއަށް އިތުރު 15 މުވައްޒަފުން އިތުރުކޮށްގެން ކޮންމެ މުވައްޒަފަކަށް އެވްރެޖުކޮށް 10،000 ރުފިޔާގެ މުސާރައެއް ދީގެން ކައުންސިލަށް ފައިދާއާ އެކު މާރަނގަޅަށް ކުނި އުކާލެވޭނެ ކަމުގެ ޔަގީންކަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދީފަ އެވެ.
މިހާރު މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި އެފަދަ ކުނިތައް މަގުމަތިން ނެގުން ލަސްވަމުންދިއުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަންވެސް މާލެ ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ.
މީގެ އިތުރުން ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ފެށުމުން އެ މަސައްކަތް ރަނގަޅަށް މޮނީޓާ ކުރެވިގެންދާނެ ކަމަށްވެސް ކައުންސިލުން ގަބޫލުކުރެ އެވެ.