ފިނިޕޭޖް

ބީޓީއެސްގެ ޖިންގެ ފޭނުންނަށް އޭޖެންޓްގެ އިލްތިމާސް

ސައުތް ކޮރެއާގެ މުޅި ދުނިޔެއަށް މަޝްހޫރު ޕޮޕް ގްރޫޕް ބީޓީއެސްގެ އޭޖެންޓް ބިގްހިޓް މިއުޒިކް އިން ފޭނުން އެ ގްރޫޕްގެ މެންބަރު ޖިން އާމީ އަށް އެންލިސްޓްކުރާ އިރު އެތަނަށް ނުދިއުމަށް އިލްތިމާސްކޮށްފިއެވެ.

ބިގްހިޓް މިއުޒިކް އިން އެދުނީ 30 އަހަރުގެ ޖިން އޭނާގެ ނެޝަނަލް ސާވިސް ފުރިހަމަ ކުރާއިރު އޭނާގެ ޕްރައިވަސީ އަށް އިހްތިރާމްކުރުމަށެވެ.

އެންލިސްޓްކުރުމުގެ ހަރަކާތަކީ މިލިޓަރީ މީހުންނާއި އެ ފަރާތްތަކުގެ އާއިލާތަކާއެކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ތޮއްޖެހުމާއި އެހެނިހެން މައްސަލަތައް ހުއްޓުވުމުގެ ގޮތުން ފޭނުން އެތަނަށް ނުގޮސް ހިތްތަކުގައި ސަޕޯޓާއި އަލްދާއު ކިއުމަށް ބިގްހިޓް މިއުޒިކް އިން ބުންޏެވެ. އަދި ޖިންގެ މިލިޓަރީ ހިދުމަތް ނިންމާފަ އަނބުރާ އަންނަންދެން ފޭނުންގެ ދެމެހެއްޓެނިވި ލޯތްބާއި ސަޕޯޓް ބޭނުންވާނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ބީޓީއެސްގެ ހަތް މެންބަރުންގެ މިލިޓަރީ ހިދުމަތް ފުރިހަމަކުރުމަށް އެ ބޭންޑް ވަނީ ބްރޭކެއް ނަގާފައެވެ. މިގޮތުން އެ ބޭންޑްގެ އެކި މެންބަރުން އެ މެންބަރެއްގެ ވަކި ޕްލޭނަކާ އެއްގޮތަށް މިލިޓަރީ ހިދުމަތް ފަށާނެއެވެ. އެންމެ އަވަހަށް އެކުގައި ލަވަކިޔަން ފެށޭނީ 2025 ގައި ކަމަށް ލަފާކުރެވެއެވެ.

ސައުތް ކޮރެއާގެ ޤާނޫނުގެ ދަށުން ސިއްހަތު ރަނގަޅު ކުޅަދާނަ ހުރިހާ ފިރިހެނުން އެމީހުންގެ އުމުރުން 30 އަހަރު ވުމުގެ ކުރިން 18 މަހާއި 21 މަހުގެ ދެމެދުގެ މުއްދަތުގެ މިލިޓަރީ ހިދުމަތް ކުރަންޖެހެއެވެ. ބީޓީއެސްގެ މެންބަރުން މި ހިދުމަތް ފުރިހަމަ ކުރުމާބެހޭގޮތުން މަޝްވަރާތަކެއް ކުރިއަށްދިއުމަށްފަހު، ނިންމާފައިވާ ގޮތަކީ އެ ބޭންޑުގެ މެންބަރުންވެސް މިލިޓަރީ ހިދުމަތް ފުރިހަމަކުރަންޖެހޭ ގޮތަށެވެ.