ބޮލީވުޑްގައި އޭނާ މަސައްކަތްކުރިއިރު ލިބެނީ ބަތަލަކަށް ލިބޭ އުޖޫރައިގެ އެންމެ 10 ޕަސެންޓް ކަމަށް ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
ބީބީސީގެ 100 ވިމެން ޝޯ އަށް ދިން އިންޓަވިއު އެއްގައި ޕްރިޔަންކާ، 40، ބުނި ގޮތުގައި އޭނާއަށް ފިރިހެން އެކްޓަރަކަށް ލިބޭ ވަރުގެ އުޖޫރައަށް ލިބުނީ ހޮލީވުޑް ސީރީޒް "ސިޓެޑަލް" ކުޅެގެން އެކަންޏެވެ.
"ބޮލީވުޑުން އަހަންނަށް ދުވަހަކުވެސް އެކަށީގެންވާ އުޖޫރައެއް ނުލިބޭ. އަހަންނަށް ލިބެނީ އަހަރެންނާއެކު އެ ފިލްމެއްގައި ލީޑް ރޯލް އަދާކުރާ ފިރިހެން އެކްޓަރަށް ލިބޭ މުސާރައިގެ އެންމެ 10 ޕަސެންޓް،" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނި ގޮތުގައި ފިރިހެން އެކްޓަރުންނާއި އަންހެން އެކްޓަރުންގެ މެދުގައި މިއޮތް މުސާރައިގެ ތަފާތުކުރުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ތަފާތު ކުރުމެކެވެ. އަދި މިހާރުވެސް ވަރަށް ގިނަ ބަތަލާއިންނަށް ބޮލީވުޑްގައި މި މައްސަލަ ކުރިމަތިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.
"އަހަންނަށް ޔަގީން އަހަރެން މިހާރު ބޮލީވުޑް ފިލްމެއް ކުޅެން ސޮއިކުރިޔަސް ހަމަ މި މައްސަލަ މިގޮތަށް ދިމާވާނެ. އަހަންނަށް ދޭނީ ބަތަލަށް ދޭވަރުގެ 10 ބައިކުޅަ އެއްބައި،" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ ޖެނެރޭޝަންގެ ބަތަލާއިން މި ވާހަކަ ވަރަށް ގިނައިން ދައްކަ އެވެ. އަދި ބަތަލުންނާ އެއްވަރަށް އެމީހުންނަށް ވެސް މުސާރަ ދޭން ޑިމާންޑް ކުރެ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކަށް އެގޮތަކަށް މުސާރަ ލިބިފައެއް ނެތެވެ.
މިނޫނަސް ބޮލީވުޑްގައި ހުރި އަންހެން އެކްޓަރުންނާއި ފިރިހެން އެކްޓަރުންގެ ތަފާތުކުރުންތަކަށް ޕްރިޔަންކާ އަލި އަޅުވާލި އެވެ. އަދި މިއީ ހަމައެކަނި މިހާރު ދިމާވާ މައްސަލައެއް ނޫން ކަމަށާއި ޒަމާނުއްސުރެ މިކަން އޮތީ މިހެންކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ފިލްމު ސެޓަށް ގޮސް ތައްޔާރުވެގެން އެތައް ގަޑިއެއްގެ އިރު ތިބެން ޖެހޭނެ ފިރިހެން އެކްޓަރު ނައިސްގެން. އެމީހުން ދައްކާލާނީ ހިތަށް އެރި އިރަކުން. އަދި އެމީހުން ނިންމާނީ އަހަރެމެންނަށް ޝޫޓިން ފެށޭނީ ކޮން އިރަކުންކަން ވެސް،" ޕްރިޔަންކާ ކިޔައިދިނެވެ.
އޭނާގެ ހަށިގަނޑު ހުރި ގޮތުންނާއި ހަމުގެ ކުލައިގެ ސަބަބުން ހަނގާ އާއި މަލާމާތް ހިންދީ ފިލްމު އިންޑަސްޓްރީން ރައްދުވަމުންދިޔަ ކަމަށް ވެސް "ކުއަންޓިކޯ" އެކްޓަރު ބުންޏެވެ.
"އަހަންނާ ދިމާލަށް 'ކަޅު ބުޅަލޭ' ވެސް ގޮވާ. އަދި ހަމުގެ ކުލަ އަނދިރިކަމުން މަލާމާތް ކުރޭ. އަހަންނަކަށް ނޭނގެ ޕޮޕިއުލޭޝަންގައި ހަމުގެ ކުލަ އަނދިރިމީހުން ގިނަ ގައުމެއްގައި ކޮންމެހެން ހަމުގެ ކުލައަށް އެހާ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ސަބަބެއް އަހަންނަކަށް ނޭނގެ،" ޕްރިޔަންކާ ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މިކަހަލަ ވާހަކަތައް އަޑު އިވިއިވި އޭނާއަކީ ފިލްމު ކުޅެވޭހާ ރީތި މީހެއް ނޫންކަމަށް ވެސް އިހްސާސް ވާން ފެށި އެވެ.
"އަހަރެން ހިތަށް އެރި އެހެން މީހުންނަށްވުރެ ބުރަކޮށް އަހަރެން ޖެހޭނޭ މަސައްކަތްކުރަން އެމީހުންނާ އަހަރެން ރީތި ނޫން ވީމަ. އަދި އަހަންނަށް އޭރު ވެސް ޔަގީންކުރެވުނު އަހަންނަށް ވުރެ ހަންގަނޑު އަލި ގިނަ ބަތަލާއިންގެ ވެސް އަހަރެންގެ ހުރި އެކްޓިން ހުނަރު ނެތްކަން. އަހަރެންނަށް މަލާމާތްކޮށްފައި ވެސް ފިލްމު ކުޅެން ދެނީ އެހެންވެގެން ކަމަށް އަހަންނަށް ގަބޫލު ކުރެވުނީ،" ޕްރިޔަންކާގެ ބޮލީވުޑް ތަޖުރިބާތައް ހިއްސާ ކުރަމުން ކިޔައިދީފައި ވެއެވެ.