ކުޅިވަރު

މެގުއާ ބުނަނީ އިންގްލެންޑަށް ވޯލްޑް ކަޕް ހޯދޭނެކަމަށް

މިފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ހޯދޭނެކަމަށް ހަގީގަތުގައި ވެސް ގަބޫލުކުރާ ކަމަށް ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ވަނީ ކުޅެފަ އެވެ. ސެމީގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުންނެވެ. އޭގެފަހުން މިދިޔަ އަހަރު ކުޅުނު ޔޫރޯގެ ފައިނަލުގައި ކުޅެ އިޓަލީ އަތުން އެޓީމު ބަލިވި އެވެ. ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ އިންގްލެންޑް ހިމެނެނީ މިފަހަރުގެ ފޭވަރިޓުންގެ ލިސްޓުގަ އެވެ.

މެގުއާ ބުނީ ޔޫރޯގެ ފައިނަލުގައި ވާދަކުރެވުމާ އެކު ޓީމަށް އައި ކުރިއެރުން ރަނގަޅު ކަމަށެވެ.

"2018 ގެ ޓީމާ އަޅާބަލާއިރު މިހާރުގެ ޓީމުން ރަނގަޅު ގިނަ ކަންތައްތަކެއް ފެންނަން އެބަހުރި. އަހަރެން ގަބޫލުކުރަނީ މި ވޯލްޑް ކަޕް އިންގްލެންޑަށް ކާމިޔާބު ކުރެވޭނެކަމަށް" މެގުއާ ބުންޏެވެ.

މެގުއާ ބުނީ 2018 ވަނަ އަހަރު ސެމީ ފައިނަލުގައި ވާދަކުރެވުމުން ވެސް ހިތްހަމަޖެހުން ލިބުނު ކަމަށާއި، ރަނގަޅު މެންޓަލިޓީއަކާ އެކު މިފަހަރުގެ މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

"ކަމެއް ބަދަލުކުރަން ބޭނުންވަނީ ރަނގަޅު މެންޓަލިޓީ އެއް. އަހަރެމެންގެ އެ ގަބޫލުކުރުން އެބަހުރި. އެކަމަކު ތަށި ހޯދޭނެ ފެންވަރުގެ ފަހެއް ނޫނީ ހަ ޓީމު މުބާރާތުގައި ކުޅޭ" އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ޑިފެންޑަރު ބުންޏެވެ.

އިންގްލެންޑް އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނީ 1966 ވަނަ އަހަރު އެވެ. އެފަހަރު އެޓީމު ޗެމްޕިއަންކަން ހޯދި އެވެ. ފްރާންސް ބަލިކޮށްފި ނަމަ ސެމީ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ މޮރޮކޯ ނޫނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގައި އިންގްލެންޑް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މެގުއާ އަންނަނީ ހުރިހާ މެޗެއްގައި ގަވާއިދުން ކުޅެމުންނެވެ. ގައުމީ ޓީމުގައި މެގުއާ މޮޅު ކުޅުމެއް ދައްކަމުން އަޔަސް އޭނާގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ގިނަ މެޗުތަކުގައި އިންނަނީ ބެންޗުގަ އެވެ. މެގުއާގެ ކުޅުމަށް ފަހަކަށް އައިސް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މެގުއާ ބުނީ އެވާހަކަތަކަށް އޭނާ ސަމާލުކަން ނުދޭ ކަމަށާއި، ބޭނުންވަނީ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ދެން ބޭނުންވަނީ ތަށި ހޯދަން. އަހަރެންނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން. އިންގްލެންޑް ޓީމަށް 52 މެޗު ކުޅެފިން" ފާޑުކިޔުންތަކަށް ޖަވާބުދެމުން 29 އަހަރުގެ ޑިފެންޑަރު ބުންޏެވެ.