ވާހަކަ

އިޙްސާސްވޭ

( 6 ޑިސެމްބަރ 2022 އާ ގުޅޭ )

ބޭޤަރާރުކަމާއެކު ދޮރާދިމާއަށް ބަލަން ހުރެވުނީ ލޮލުގައިވާ ފުސްކަމާއެކީއެވެ. އެހެންވިޔަސް އެ ފުސްކަމުގެ ތެރެއިން ވެސް އޭނާގެ ހަޔާތުގެ އިރު އަރައިގެން އަންނާތީ ފެނިއްޖެއެވެ. އާމާލްގެ އަތުގައި ހިފާލައިގެން ހުރެ އެތެރެއަށް ވަން ހޫރެއް ފަދަ އޭނާގެ މާޔަލް ފެނި އައިރިކްގެ ދުނިޔެ ހުޅުދާންވެގެން އައި ފަދައެވެ. ލުއިލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

މާޔަލްގެ "އައެވްރީ" ކުލައިގެ ބޮޑު ކައިވެނި ހެދުމުގެ ތިރި ފުޅާވެ ފުއްޕާލައިފައި އޮތް ގޮތުން ޝާޙީ އަމިރާއެއްގެ ހެދުމެކޭ ތަފާތެއް ނެތެވެ. ކުރިޔަށް އަޅަމުން އައި ފިޔަޅުތަކާއެކު ތަޅުމުގެ ބޮޑުބައަކުން އެ އަންހެން ކުއްޖާގެ ހެދުން ޖާގަ ހޯދަމުންދިޔައެވެ. ކައިވެނި ކުރެވޭ ވަގުތު ކޮންމެހެން ވެސް ތިބެން ޖެހޭ މެންބަރުން އިށީނުމަށް ތައްޔާރުކޮށްފައިވާ މޭޒުގެ ދޮށުގައި އެންމެން އިށީންނަމުން ދިޔައެވެ. އަންހެންދަރިފުޅު ގޮވައިގެން އާމާލް އެ މޭޒުގެ ކައިރިއަށް އައުމާއެކު އިންތިޒާރުގައި ހުރި އައިރިކް ވާން އުޅޭ އަނބިމީހާއަށް ޓަކައި ގޮނޑި ފަހަތަށް ޖައްސާލަދިނެވެ. އޭނާ އިށީނީ މާޔަލް ގޮނޑީގައި ހަމަޖެހިލީމައެވެ. ހެދުމުގެ ބައެއްހެން ހީވާ ލޭސް ފޮތިގަނޑަކުން މާޔަލްގެ ބޮލުން ފެށިގެން ދެކޮނޑުމައްޗަށް ދާންދެން އޮތީ ބުރުގާއެއްހެން ފޮރުވާލައިފައެވެ. ގަދަ ނޫކުލައިގެ ސޫޓެއްގައި އައިއިރިކް އިނެވެ. އެންމެންގެ ތެރެއިން އައިރިކްއާއި މާޔަލްގެ ޖޯޑު މިރޭ ވަކިން ޚާއްޞަވެފައި އެންމެންގެ ލޯތަށް އެމީހުންނަށް ހުއްޓިފައިވެއެވެ. އެ ދެ ބައިވެރީންގެ ރީތިކަމާއި ފުރިހަމަކަމަށް އެންމެންގެ ތާރީފުތައް އޮހެމުންދިޔައެވެ.

ހަށިގަނޑު ސީދާކޮށްލައި ގަމީހުގެ ޖީބުން ނެގި ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އެންމެން ހަމަވެއްޖެތޯ ޤާޟީ ސުވާލުކޮށްލިއެވެ. އެއާއެކު ނިކަން އަވަހަށް މަޒްހަރު ޖަވާބު ދީފިއެވެ. ދެން ބިސްމިއާއެކު ޤާޟީގެ ވާޖިބު ފެށިއެވެ. އެއާއެކު ހޯލުތެރެއަށް ފުން ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. މޭޒުގެ ދެ ކޮޅުގައި ވީޑިއޯގްރަފަރުން ކެމެރާ ސްޓޭންޑް ކައިރީ ހުއްޓިލައިގެން ތިއްބެވެ. ޙަފުލާއަށް ޚާއްޞަ ކުރެވިފައިވާ ފޮޓޯގްރްފަރު އޭނާގެ މަސައްކަތް ފުރިހަމަ ކުރުމުގައި މޭޒުގެ އެކި ދިމާލުން ހަރާކާތްތެރިވަމުންދިޔައެވެ.

ކައިވެނިކޮށްދީ ނިމުމުން އަލަތު ދެމަފިރިންނަށް ޤާޟީ ތަހުނިޔާ ކިޔެވެ. އެއާއެކު އަތްތިލަބަޑިއާއި އުފާފާޅުކުރުމުގެ އަޑުފަށްގަނޑުން ހޯލު ތެރޭގައި އިހުވީ ހިމޭންކަން ގެއްލުނެވެ. އެންމެންގެ މޫނުތަކުން ހިނިތުންވުމެއް ނޫނީ ނުފެނެއެވެ. އައިރިކްއަށް އަނބިމީހާއަށް ގޮވާނުލެވެނީސް މަންމަމެން އައިސް އޭނާގެ އަނބިމީހާ އެ ހޯލުން ނެރެގެން ގެން ގޮސްފިއެވެ. އިރުކޮޅެއްގެ ތެރޭ އެމީހުންގެ ވަލީމާއަށް ދަޢުވަތު ދިން މެހެމާނުން އަންނަން ފަށާނެކަން އައިރިކްއަށް އެނގެއެވެ. މާޔަލް އެ ދިޔައި ވަލީމާގެ ޙަފުލާއަށް ތައްޔާރުވާންކަން ވެސް އެނގެއެވެ. އެހެންވިޔަސް އައިރިކްގެ ހިތް ނުތަނަވަސްވާގޮތް ވީއެވެ. އެންމެ ފަހަރަކު ވެސް އަނބިމީހާއަށް ލޯބިން ގޮވާނުލެވިގެން އުޅެނިކޮށް ލޯމަތިން ގެއްލުނީމައެވެ. ބައްޕައާއެކީ އެއްފަރާތްވެލި އައިރިކްގެ ގާތުގައި އައިތަން އައިސް ހުއްޓިލިއެވެ. އައިރިކްގެ ކޮނޑުމަތިން ބުރަކަށީގައި އޭނާ ޖަހާލި އަޑު ކައިރީ ތިބި އެންމެންނަށް އަޑު އިވުނެވެ. ދަތް ދިލުވައިގެން ހުރެ ކޮއްކޮ އެ ކިޔާލި ހޫނު ތަހުނިޔާގެ ދިލަ އައިރިކްއަށް އިޙްސާސް ވިއެވެ.

"މިހާރުއްސުރެ ސާވަންޓެއްހެން އުޅޭން ދަސްކުރޭ. ސިސް އިން ލޯ އަކީ ކުއީންއެއް. ދެން ނުކެރޭނެ ދޮންބެއަށް ފުއްޕާކަށް." ހެވިފައި ހުރެ އައިތަން ބުނެލީ އައިރިކްއަށް އިވޭނޭ ވަރަށެވެ. އައިރިކް ދަތްކުނޑިވިކާލިއެވެ. އެހެންނަމަވެސް ރުޅިއަކުން ނޫނެވެ. އައިތަން ނޫނީ އޭނާއާ އެގޮތަށް ސަމާސާކޮށް ދިމާކޮށްލާކަށް އެކަކަށް ވެސް ނުކެރޭނެކަން އައިރިކްއަށް އެނގެއެވެ. އެއް ހިޔަލުގެ ދަށުން އެއް އުނގަކުން ތަރުބިއްޔަތުވެ ބޮޑުވެފައި ވިޔަސް އޭނާއާއި ކޮއްކޮއަކީ މުޅީން ތަފާތު ދެ މިޒާޖެއްގެ މީހުންކަން އައިރިކް ދަނެއެވެ. ނިކަން ކައިރިން ބައްޕަގެ ހުނުމުގެ އަޑު އިވި އައިރިކް ބަލާލިއެވެ. އެ ބައްޕަގެ ލޮލުގައި އުފާވެރިކަމާއި ގުޅިފައިވާ ފަޚުރު އައިރިކް ދުށްޓެވެ. މީ އޭނާގެ މައިންބަފައިން ދުށުމަށް އެދިއެދި ތިބި ދުވަހެކެވެ. އަމިއްލަ އުންމީދުތައް ފުރިހަމަ ކުރިއިރު އެމީހުންގެ އުންމީދުތައް ވެސް މިއަދު އައިރިކްއަށް ފުރިހަމަކޮށްދެވިއްޖެއެވެ. އޭނާގެ ކޮންމެ އުފަލަކަށް އެ މަންމައާއި ބައްޕަ ވަނީ މަރުޙަބާކިޔާފައެވެ. އޭނާއަށް ޓަކައި އޭނާގެ ލޯބިވާ މާޔާ ވެސް ބަލައިގެންފައިވަނީ އެއްވެސް ދެކޮޅުވެރިކަމެއް ނެތި ރުހުމުގައެވެ. އެމީހުންގެ އޯގާތެރިކަމަށް އޭނާ ދަރަނިވެރިވާއިރު ހިތްވަނީ ޝުކުރުން ފުރިފައެވެ.

"ރިކް. ދަރިފުޅުގެ މާޔާ އަންނަންދެން ކޮޅަށް ނުހުރެ އިށީންނަން އާދޭ." މަޒްހަރު ގޮވާލާފައި ބުންޏެވެ.

އައިރިކްގެ ނަޒަރު އެ ދިމާއަށް އަމާޒުވެލިއެވެ. ކޮއްކޮއަށް ދެއްކި ހަރުކަށިކަމުގެ އަސަރު އެ މޫނުން ފިލުވާލިއެވެ. މާޔަލްގެ ބައްޕައަށް އޭނާގެ ސަމާލުކަން ދެވުނެވެ. ކައިވެނި ކުރެވުމުގެ ކުރީން މަޒްހަރު އެއްފަހަރު ވެސް އޭނާއާ ދަރިފުޅުގެ ނަމުން މުޚާތަބުކޮށްފައެއް ނެތެވެ. އެހެންނަމަވެސް މިހާރު އެ ބައްޕަގެ ކޮންމެ ހަރަކާތަކުން އައިރިކްއަށް ކުރާ އިޚްތިރާމް ފާޅުވެއެވެ. ދަރިއެއްގެ ދަރަޖަ އެ ބައްޕަ އޭނާއަށް ދީފިކަން ޔަގީންކުރެވެއެވެ. ލުއިލުއި ހިނިތުންވުމެއް އައިރިކްގެ ތުންފަތުގައި ދުވެލިއެވެ. މާޔަލްގެ ބައްޕަ ދެއްކި ގޮނޑީގައި އައިރިކް އައިސް އިށީނެވެ.

އެންމެ ފަހުގެ ތައްޔާރީތައް ނިމި ލޯގަނޑުން އަމިއްލަ ސޫރަ މާޔަލް ބަލާލިއެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައިވާއިރު ހުދު އެސްތަކުން ދަޅައަޅަމުންދިޔަ ޓިއާރާއެއް ބޮލުގައި ވިއެވެ.

"ބިއުޓިފުލް." އަންހެންކުއްޖަކު ބުނެލިއެވެ. އެ އަޑަށް މާޔަލް އެނބުރިލިއެވެ. އޭނާއަށް ފެނުނީ އައިތަންގެ އަނބިމީހާއެވެ.

"ރިއާ..." މާޔަލްއަށް ގޮވާލެވުނީ ކަންބޮޑުވުމާއެކީއެވެ.

"ކޮންގްރާ ސިސް." ނިކަން އުފާވެރި ރާގެއްގައި ރިއާ ބުނެލިއެވެ. އަދި އައިސް މާޔަލްގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ.

އަދިވެސް ބެޑްރެސްޓް ކުރާން ޑަކްޓަރުން ވަނީ ރިއާއަށް އަންގާފައެވެ. ޢާއިލާގެ ތެރޭގައި ކައިވެންޏެއް ކުރިޔަށްދާއިރު އޭނާ ބާކީ ކުރީއޭ ހީވާން އެކަކުވެސް ނޭދެއެވެ. ވަގުތުކޮޅަކަށް ޙަފުލާގައި ރިއާ އިންނަން އެންމެން އެއްބަސްވީ އޭނާ ބައިވެރި ކުރުމުގެ ވިސްނުމުގައެވެ. އެހެންވިޔަސް އެހާބޮޑަށް ހަރަކާތްތެރިވެ ނޫޅުމެއް ނަޞޭޙަތްތެރިވެފައި އޮއްވާ ވެސް އެ އަންހެންކުއްޖާ މިހާރު އެ ހުރީ އައިސް މާޔާގެ ކައިރީގައެވެ.

ކުރިޔަށްދާ މުނާސަބާގެ ގޮތުން ޝަބްނަމް ވެސް ރިއާއާ ދިމާއަށް އެއްޗެއް ބުނާން ގަސްދެއް ނުކުރިއެވެ. މާޔަލްގެ ކައިރީ އުޅުނު ހުރިހާ އަންހެނުން އޭނާ ގޮވައިގެން ޙަފުލާ އޮތް ހޯލަށް އައިސް ވަނެވެ. ރިއާގެ އަތުގައި ހިފާލުމާއެކު ކަންފަތް ދޮށުގައި ޝަބްނަމް ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލާފައި މީހުންގަނޑުގެ ތެރެއިން ވަކިވެ ޢާއިލާއަށް ޚާއްޞަ ކުރެވިފައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި ގޮސް އިށީނެވެ. މެހެމާނުން ވަންނަންވާއިރަށް ދެމަފިރިން ހުރުމަށް އިންތިޒާމު ކުރެވިފައިވާ ބެކްޑްރޮޕްއާ ދިމާއަށް އައިރިކްއާއި މާޔަލް ދިޔައެވެ. އެމީހުން ތިބުމަށް ޚާއްޞަކުރެވިފައި ހުރީ ހޯލަށް ވަންނަން ހުރި މައިދޮރާ ދިމާވާނޭހެން އެންމެ އެތެރޭގައެވެ. ހޯލުގެ ބޭރުގައި އައިރިކްއާއި މާޔަލްގެ ކައިވެނީގެ ވަލީމާ ޙަފުލާ ކުރިޔަށްދާކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި ހުއްޓެވެ. ޙަފުލާއަށް ވަކި ކުލައެއް ޚާއްޞަ ކުރެވިފައިވާކަން އެނގެނީ ޢާއިލާއާ ގާތް މީހުންނަށެވެ. އެހެންވެ ނޫކުލައާ ގުޅުވައި ހެދުން އަޅައިގެން އުޅޭތަން ފެންނަނީ ވެސް ދެމަފިރިންގެ ގާތް މީހުންނެވެ.

ވަލީމާ ކުރިޔަށް ދިޔައިރު ދަޢުވަތު ދިން އެންމެން ކަހަލަ ގޮތަކަށް އެ އުފާވެރި ޙަފުލާގައި ބައިވެރިވާން އައެވެ. އިވާން ނަޔަސް އޭނާގެ ޢާއިލާ އައީތީ މާޔަލް އުފާވިއެވެ. ރަޒާގެ ޢާއިލާއިން އެކަކުވެސް އެ ޙަފުލާއަށް އައިސްފައެއް ނުވެއެވެ. ރަޒާ ވަނީ ދައްތަ ޖުނާއަށާއި މަންމައަށް ދަޢުވަތު ދީފައެވެ. އެމީހުން ނައުން އެއީ އެމީހުންގެ އަމިއްލަ ނިންމުން ރަޒާއަށް އަންގައިދިން ކަމެކެވެ.

ހޯލު ތެރޭ މީހުން މަދުވެއްޖެއެވެ. ޢާއިލާއިން އެނބުރި ގެއަށްދާން ދަތުރު ހަދައިފިއެވެ. ވަލީމާގެ ޙަފުލާ ނިމުނީއެވެ. މާޔަލްގެ ގާތުގައި މަލަކްއާއި މައިރާގެ އިތުރުން އާމާލް ހުއްޓެވެ. މިރެއަކީ އާމާލްގެ ދެވަނަ އަންހެން ދަރިފުޅު އާ ހަޔާތެއް ފެށި ރެއެވެ. އަދި އެ ދަރިފުޅު ދެން ދާނީ ފިރިމީހާގެ ގެއަށްކަން ވެސް އެނގެއެވެ. މާޔަލްގެ ދިރިއުޅުން ހަމަޖެހިފައިވަނީ އައިރިކްގެ ޢާއިލާއާ އެކީއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭ ޝަބްނަމްގެ ގޮތް އާމާލްއަށް ހުރީ ފެނިފައެވެ. އެއީ ދަރީންދެކެ ލޯބިވާ އޯގާތެރި މައެއްކަން އާމާލްއަށް ބުނާން އެނގެއެވެ. އެހެންވެ ދަރިފުޅު އެގެއަށް ފޮނުވުމުގައި އާމާލްގެ ހިތުގައި ނުތަނަވަސްކަމެއް ނެތެވެ. ދޮށީ ދަރިފުޅު މައިރާއަށް ޖެހުނު ފަދަ ހާލެއް މާޔަލްއަށް ނުޖެހޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އާމާލްގެ ހިތުގައި އޮތެވެ. އެންމެން އެކުގައި ހޮޓެލްގެ ތިރިއަށް ފޭބިއެވެ. ދުވާރުމަތީ މަޑުކޮށްލައިގެން ތިބީއެވެ.

"ދަރިފުޅުމެން ދާންވީނު. މިކޮޅުގެ ކަންކަން ނިންމާލާފައި ބައްޕަމެން ދާނަން." އިސާކު ބުންޏެވެ. އާނއެކޭ ބުނުމަށް އައިރިކް ބޯޖަހާލީއެވެ.

"މާދަން އަންނައްޗޭ ދެކުދީން." އައިރިކްއާއި މާޔަލްއަށް ބަލާލާފައި އާމާލް ބުންޏެވެ. އެއާއެކު އައިރިކް ބޯޖަހާލައިފިއެވެ. ޢާއިލާގެ އެންމެންނާ ސަލާމްކުރުމަށްފަހު އައިރިކްއާއެކީ މާޔަލް ކާރަށް އެރިއެވެ.

އެންމެން ލޯ މައްޗަށް އޮބާލަންދެން ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބަލަން މާޔަލް އިނެވެ. އެއަށްފަހު ކާރުތެރެއަށް ވެރިވީ ހިމޭންކަމެވެ. ޑްރައިވަރު ހަބީބު ކާރު ދުއްވަމުން އައިސް ގޭގެ ގޭޓު ކުރިމައްޗަށް މަޑުކޮށްލުމާއެކު ރަނާއިކަޅުކުލައިންވާ އެ ބޮޑު ގޭޓު ކެހިގެން ހިނގައްޖެއެވެ. އެތެރެއަށް ކާރު ވަދެގެން އައިސް ޕޯޓިކޯ ފެންނަ ހިސާބު އެއްފަރާތުގައި މަޑުކޮށްލިއެވެ. ފުރަތަމަ ކާރުން ފޭބީ އައިރިކްއެވެ. އޭނާ ކާރުގެ ފަހަތުން ވަށާލާފައި އައިސް މާޔަލްއަށް ދޮރު ހުޅުވާލަ ދިނެވެ. ފުޅާބޮޑު ހެދުމުގައި ކާރުން ފައިބަން މާޔަލްއަށް ދަތިވީ ހިނދު އައިރިކް އެހީތެރިވިއެވެ. ދެމަފިރިން ޕޯޓިކޯގެ ހަރުފަތްތަކާ ދިމާއަށް އައިއިރު މައިދޮރު ހުޅުވާލައިގެން ފަޒްނާއާއި އައިތަން ތިބިގޮތުން ހީވަނީ އިންތިޒާރުގައި ތިބީ ހެންނެވެ. ރިއާ ގޮވައިގެން ޙަފުލާ ނުނިމެނީސް އައިތަން ގެއަށް އައިއިރު އެކުދީންނާއެކީ ފަޒްނާ ވެސް އައީއެވެ.

"ވެއިޓް..." ގޭތެރެއަށް ވަނުމުގެ ކުރީން އައިތަން ބުންޏެވެ.

"ކޮބާ ޑާލިން ކެރީ. އަނބިމީހާ... އައި މީން ކުއީން ގެއަށް ވައްދަންވާނީ ފުރިހަމަ އިއްޒަތުގައި. ދޮންބެއަށް ނުވަންޏާ އަހަރެން ހެލްޕްވަންތަ؟." ލާނެތް ހިންޏެއް އައިސްފައި ހުރެ އައިތަން ބުންޏެވެ.

"ރެޑީތަ؟." މާޔަލްއަށް ބަލާލަމުން އައިރިކް އަހާލިއެވެ. އޭނާގެ ތުންފަތުގައިވީ މާނަވީ ހިނިތުންވުން މާޔަލްއަށް ފެނުނެވެ. އެއްޗެކޭ ނުބުނެވިގެން މާޔަލްއަށް އުޅެނިކޮށް އައިރިކްގެ އަތްދަނޑިމައްޗަށް އޭނާ ނަގައިފިއެވެ. ސިހުމާއެކީ އައިރިކްގެ ކޮނޑުމަތިން ކަރުގައި މާޔަލް ދެއަތް އަޅުވާލިއެވެ.

ބޮޑުކޮޓަރިތެރެއިން އައިސް އައިރިކްވަނީ މާޔަލްއާ ރައްޓެހި މާޙައުލަކަށެވެ. އެގެއަށް އޭނާ އައިރިކްގެ އެހީތެރިއެއްގެ ގޮތުގައި އައި ދުވަސްތައް މަތިން ކުއްލިއަކަށް ހަނދާން އާވިއެވެ. އައިރިކް އައިސް މާޔަލް ބޭންދީ އެބައިގަ ހުރި އުނދޯލީގައެވެ. އޭރު އޭނާގެ ފަހަތުން އައި އައިތަން ދޮރުމަތީގައި ހުއްޓެވެ. އައިރިކް އައިސް އައިތަން ބޭރަށްލުމާއެކު އެބަޔަށް ވަދެވެން ހުރި ދޮރުލައްޕާލިއެވެ. ކޮންމެވެސް އެއްޗެކޭ އައިތަން އެވަގުތު ވެސް ކިޔާ އަޑު އިވެއެވެ. ނަމަވެސް އައިރިކް އަޅައެއް ނުލިއެވެ. އޭނާ ދޮރުފަތުގައި ލެނގިލި ގޮތަށް އުނދޯލީގައި އިން އަނބިމީހާއަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ. ވެރިވެފައި އޮތް ފަނޑު ރީނދޫ އަލީގެ ސަބަބުން ތަނަށް ވެރިވެފައީ ހިތް އަވަސްކުރުވާ ފަދަ މަސްތުކަމެއްގެ އަސަރެވެ. އައިރިކްގެ ތޫނު ނަޒަރުން ދެނެގަންނަން މަސައްކަތް ކުރަނީ ކޮންކަމެއްކަން ނޭނގުނަސް މާޔަލް ރަކިވެއްޖެކަން ޔަގީނެވެ. އިރުކޮޅަކު އެހެން ހުރެފައި އެބަ އަންނަމޭ ބުނެ އައިރިކް އައިސް ވަނީ އެބައިން ވަދެވެން ހުރި އޭނާގެ ނިދާކޮޓަރިއަށެވެ. ދެން ނުކުމެގެން އައީ ރަތް ފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. އޭނާ އައިސް މާޔަލްގެ ކުރިމަތީ ހުއްޓުނެވެ.

"އަހަރެންގެ ލޯބިވާ މާޔާއަށް." މާބޮނޑި ދިއްކޮށްލަމުން އައިރިކް ބުންޏެވެ. އޭގައި ހިފަމުން މާޔަލް ޝުކުރު އަދާކުރިއެވެ. އޭނާއަށް ދެން ފެނުނީ އައިރިކް އޭނާގެ ގާތުގައި އުނދޯލީގައި އިށީންތަނެވެ. އަދި ޖީބުން ނެގި ކުޑަފޮށި ހުޅުވާލުމާއެކު ޖަވާހިރުގެ ރަން އަނގޮއްޓި ނެގިއެވެ. މާޔަލްގެ އަތްތިލަ ނަގައި އެ އަނގޮށްޓި އައިރިކް އަޅުވާލަ ދިނެވެ.

"މީ އަހަރެންގެ ލޯބިވާ އަނބިމީހާއަށް." އައިރިކް ބުނެލިއެވެ.

"އައި ލަވް ޔޫ ރިކް." ޖަޒުބާތުގައި ޖެހި އައިރިކްގެ ކޮނޑުގައި މާޔަލް ބޯއަޅާލިއެވެ. އެއާއެކު އޭނާގެ ނިތްކުރިއަށް އައިރިކްގެ ތުންފަތުގެ ބީހުން އިޙްސާސްވެލިއެވެ.

"އަހަރެން އުންމީދުކުރި ވަރަށްވުރެ ވެސް މިރޭ މާޔާ ފުރިހަމަ. މިހާރު މިވަގުތު އުރާލައިގެން ގޮސް އެނދުމައްޗަށް އެއްލާލާ ހިތްވަނީ." މާޔަލްގެ ކަންފަތް ދޮށުގައި ސިއްރުން އައިރިކް ވާހަކަދެއްކިއެވެ.

"ރިކް ނުހުއްޓުވާނަން. ބޭނުންކަމެއް ކުރަންވީ." އައިރިކްގެ އަތުގެތެރެއަށް ބޮނޑިވެލަމުން މާޔަލް ބުންޏެވެ.

މަޑުމަޑުން އުނދޯލިން ފޭބި ގޮތަށް މާޔަލްގެ އަތުގައި ހިފައި އައިރިކް ދަމާލިއެވެ. މާޔަލް އުފުލާލި ހިނދު ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން ހުނުމުގެ އަޑު ގުގުމާލިއެވެ. ހިތް އެދުނު ފަދައިން އަނބިމީހާ ގޮވައިގެން އައިރިކް ކޮޓަރިއަށް ވަދެގެން އައިސް އެނދުމައްޗަށް މާޔަލް އެއްލާލިއެވެ. އެ ބޮޑު އެނދުގެ މައްޗަށް ވެއްޓުނު މާޔަލްގެ ހުނުން ބާރުވެލިއެވެ. އެނދުމައްޗަށް އައިރިކް އެރި ގޮތަށް އޭނާގެ ދެއަތުގެ ތެރޭ މާޔަލް ހައްޔަރުކޮށްލިއެވެ. އަނބިމީހާއާ ލޯބީގެ ސަމާސާތައް ކުރަމުން އައިރިކް ދިޔައެވެ. ހީލި އަރައިގަނެގެން މާޔަލްގެ ހުނުމާއެކު ހަޅޭލަވައިގަނެއެވެ. އައިރިކްގެ ގައިގާ އޭނާ ތަޅައިގަނެއެވެ. ދެމަފިރިންގެ ހުނުމުގެ އަޑު ނުކެނޑި އިވިއިވި ހުއްޓެވެ.

"މާޔާ... އައި ކާންޓް ވެއިޓް އެނީ މޯ. އައި ނީޑް ޔޫ." ހުނުމާއި ސަކަރާތުގެ އަޑު ކެނޑުމަށްފަހު އައިރިކް މަޑުމަޑުން ބުނެލިއެވެ.

"ފެންވަރާނަންތަ؟." ފިރިމީހާގެ ފުން ދެ ލޮލަށް ބަލަން އޮވެ މާޔަލް އަހާލިއެވެ.

"އާން. އެކަމަކު އެކީގައެއްނޫން. މާޔާ ކުރިން ވަދޭ." އައިރިކް ބުނެލިއެވެ. ދެމަފިރިން އެކުގައި ވަދެއްޖެނަމަ އައިރިކްގެ ނަފްސުގެ ހިފެހެއްޓުންތެރިކަން ފާޚާނާ ތެރޭ ގެއްލޭނެކަން ޚުދު އޭނާއަށް ޔަގީންވަނީއެވެ. މިރޭގެ ޚާއްޞަކަން އެފަދަ ގޮތަކަށް ނިމިގެން ދާން އޭނާ ނޭދެއެވެ. އޭނާއަށް މިރޭ ޚާއްޞަވީ ފަދައިން މިރެއަކީ މާޔަލްއަށް ވެސް ނުހަނު މުހިންމު ރެއެއްކަން އައިރިކް ދަނެއެވެ.

މާޔަލްގެ ކައިވެނީގެ ހެދުން ބޭލުމުގައި އައިރިކް އެހީތެރިވިއެވެ. މާޔަލް ފާޚާނާއަށް ވަނުމުން އައިރިކް ވެސް ހެދުން ބަދަލުކުރަން ފެށިއެވެ. މާޔަލް ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި އޭނާ ތުވާލިކޮޅު އަނދެލައިގެން އިނީ ވިސްނުމެއްގައެވެ. އޭނާގެ ޢަމަލުތަކުން ހިތްއަވަސްވެފައިވާ ވަރެއް ދެނެގަންނާކަށް ނޭނގޭނެއެވެ. ލޯބީގެ ތަޖުރިބާތަކެއް ކޮށްފައި ހުރި މީހެކޭ ހީވާވަރު ވެއެވެ. ނަމަވެސް ހަޤީޤަތަކީ އެޔެއްނޫނެވެ. މާޔަލްއަކީ އައިރިކްގެ ހަޔާތަށް އައި ފުރަތަމަ ލޯތްބެވެ. ގާތްކަމެއް އުފެއްދި ފުރަތަމަ އަންހެންކުއްޖާއެވެ. މިރޭމީ އެމީހުން އަލަތު ދެމަފިރިންނަށްވެ އެކަމުގެ ހާޞިލުކުރާނޭ ރެއެވެ. އެކަމުގައި އައިރިކް ޖެހިލުންނުވެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. ޚިޔާލުތަކުން އައިރިކް ނުކުތީ ފާޚާނާގެ ދޮރު ހުޅުވިއްޖެކަން އެނގިއެވެ. އޭނާގެ މުޅި ހަށިގަނޑު ފިނިވެލިއެވެ. ހިތުގެ ހިނގުން މަޑުޖެހިލުމާއެކު ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. ހުދުކުލައިގެ ތުވާލިން ހަށިގަނޑު ފޮރުވާލައިގެން މާޔަލް ހުރި ގޮތް އައިރިކްއަށް ފެނިފައެވެ. އައިރިކް ތެދުވެގެން މާޔަލްގެ ގާތަށް އައެވެ.

"ސްޓޭ ލައިކް ދެޓް. މި ނުކުންނަނީ ވަރަށް އަވަހަށް." ނޭވާ އިޙްސާސްވާ ގާތުގައި މަޑުކޮށްލުމާއެކު އައިރިކް ބުނެލީ ކެތްތެރިކަމެއް ނެތް ފަދައަކުންނެވެ.

އައިރިކް ނުކުންނަންވާއިރާ މާޔަލް ތައްޔާރުވެލިއެވެ. ހަށިގަނޑުގައި ބޮޑީބަޓާކޮޅެއް ހާކާލުމާއެކު ސެންޓު ޖަހާލިއެވެ. އެއީ އައިރިކް އޭނާ ފާހަގަކުރާ ވަހެވެ. ދެން ހެއާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އައިރިކް ބުނި ފަދައިން އޭނާ ފާޚާނައިގަ ގިނައިރެއް ނުވިއެވެ. މާޔަލް ރީތިވާ މޭޒުދޮށުން ތެދުވިއެވެ. ތެތްކަން އެކުލެވިފައިވި އައިރިކްގެ ފަން އިސްތަށިގަނޑު ނިތްކުރިމައްޗަށް އެއްވެސް ތަރުތީބެއްނެތި ފައިބާފަ އޮތެވެ. ފުޅާ ބިޔަ ހަށިގަނޑަކަށް ނުވިޔަސް ކަސްރަތީ ކުލަވަރު އެ ހަށިގަނޑުގައި ވިއެވެ. ދެއަތުގެ އުފުލޭ މަސްގަނޑު ފާޅުކަން ބޮޑުކޮށް އެނގެން ހުރިއިރު ބަނޑުގެ މަސްތައްވަނީ ގޮޅިތަކަށް ބައިބައިވެފައެވެ. އައިރިކްގެ މޭމަތިން ފެށިގެން ފޫޅުގެ ތިރިއަށް ހުރި އިސްތަށިތައް ވަނީ ތުނިކޮށްފައެވެ. ފިރިހެންވަންތަކަން ނޫން ސިފައެއް މާޔަލްއަށް ނުފެނެއެވެ. އައިރިކް އައިސް މާޔަލްގެ އުނަގަނޑުގައި ހިފައި ގާތްކޮށްލިއެވެ. ކޯތާފަތުގައި ބޮސްދިނުމާއެކު ލުއިލުއި ބޮސްދިނުން ތަކުން މާޔަލްގެ މޫނު އޭނާގެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ. ގުޅިގެން ދިޔަ ނޭވާއާއެކު ދެ ޖިސްމު ވެސް ތިބީ އެއްކަމަކަށް ބޭނުންވެފައިކަން ހާމަވިއެވެ. ކުދިފިޔަވަޅުތަކުގައި މާޔަލް ފަހަތަށް ޖެހެމުން ގޮސް އައިރިކް އޭނާ އެނދުގައި ބާއްވާލައިފިއެވެ.

(ނުނިމޭ)