ފިނިޕޭޖް

ލިއޭން ރައިމްސް ބަލިވުމުން ކޮންސަޓް ރީޝެޑިއުލްކޮށްފި

ކަންޓްރީ ލަވަކިއުންތެރިޔާ އަދި ފިލްމީ ތަރި ލިއޭން ރައިމްސްގެ ބަލި ހާލަތު ހުރި ގޮތުން ދެ ޝޯ ރީޝެޑިއުލްކޮށްފި އެވެ.

ލިއޭން އިންސްޓަގްރާމްގައި ލިޔެފައި އޮތް ސިޓީއެއް ޝެއާކުރިއެވެ. އަދި މި ސިޓީގައި ދެ ޝޯ ރީޝެޑިއުލް ކުރަންޖެހުމުން ހިތް ހަލާކުވާ ކަމަށް ބުންޏެވެ. ލިއޭން ބުނީ ރޯގާ ޖެހިގެން ކެއްސުމުގެ ތެރޭގައި ޑޮކްޓަރަށް އޭނާގެ ވޯކަލް ކޯޑްސް އިން ލޭ އައިކަން ފާހަގަކުރެވުނު ކަމަށެވެ.

މިހާރު ރަނގަޅުވަމުން އައި ނަމަވެސް ޑޮކްޓަރުގެ ލަފާއަކީ ލަވަ ނުކިން ކަމަށް ލިއޭން ބުންޏެވެ.

ލިއޭން ދެން ފެންނާނީ މިމަހުގެ 16 އަދި 17 ގައި އޮންނަ ޝޯތަކުން ނެވެ. ރީޝެޑިއުލް ކުރި ދެ ޝޯ އޮންނާނީ އަންނަ އޭޕްރިލް މަހުގައާއި ސެޕްޓެމްބަރު މަހުގައެވެ.

އޮގަސްޓް މަހު 40 އަހަރު ފުރުނު ލިއޭން ބުނީ އޭނާ އަމިއްލަ ސިއްހަތަށް މުހިއްމުކަން ދޭކަމަށެވެ. ލިއޭން އަކީ ގްރެމީ އެވޯޑް ލިބިފައިވާ ލަވަ ކިޔުންތެރިއެއް އަދި ލިޔުންތެރިއެކެވެ.