ފީފާ ވޯލްޑް ކަޕް

ލުއިސް އެންރީކޭ އިސްތިއުފާ ދީފި

ސްޕެއިންގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި އެވެ.

ފީފާ ވޯލްޑްކަޕް 2022ގައި ސްޕެއިން މުބާރާތުން ކެޓީ ރައުންޑް އޮފް 16ގައި މޮރޮކޯ އަތުން ބަލިވުމުން ނެވެ.

ލުއިސް އެންރީކޭ ވަނީ ވޯލްޑްކަޕްގެ ފަރިތަކުރުންތަކުގައި 1،000 ޕެނަލްޓީ ފަރިތަކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މޮރޮކޯ ކޮޅަށް އެންމެ ޕެނަލްޓީއެއްވެސް ސްޕެއިން އަށް ކާމިޔާބެއް ނުކުރެވުނެވެ.

މޮރޮކޯ އަތުން ސްޕެއިން ބަލިވީ ޕެނަލްޓީ ޖަހައިގެން 3-0 އިން ނެވެ. ސްޕެއިން އަތުން މޮޅުވުމުން މޮރޮކޯ ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް މޮރޮކޯ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖް އީގައި ސްޕެއިން ވަނީ ޖަޕާން އަތުންވެސް ބަލިވެފަ އެވެ. ޖަޕާނު އަތުން ސްޕެއިން ބަލިވީ 2-1 އިން ނެވެ.

ލުއިސް އެންރީކޭ މަގާމުން އިސްތިއުފާ ދިނުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ އޭނާއަށާއި އޭނާގެ ކޯޗިން ސްޓާފަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވަރަށް އަވަހަށް "އާ ޕްރޮޖެކްޓް" އެއް ފެށިގެންދާނެ ކަމަށް ސްޕެއިން ފުޓްބޯލަ ފެޑްރޭޝަނުން ވަނީ ބުނެފަ އެވެ.