އެމްއެމްއޭ

އިންޑިއާގެ މަރުކަޒީ ބޭންކާ އެކު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދައިފި

Dec 8, 2022
3

އިންޑިއާގެ މަރުކަޒީ ބޭންކާ -- ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެކު 200 މިލިއަން ޑޮލަރު -- ތިން ބިލިއަން ރުފިޔާގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ސޮއިކޮށްފި އެވެ.

އިންޑިއާ މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން މިއެއްބަސްވުން ހަދާފައިވާ ކަމަށެވެ.

ކަަރަންސީ ސްވޮޕް ކޮށްފައިވާތީ އިންޑިއާގެ މަރުކަޒީ ބޭންކުން ދޫކުރި 200 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ދައްކާނެކަން ޔަގީންކުރުމަށްޓަކައި އެމްއެމްއޭ އިން އެ އަދަދަށްވާ ދިވެހި ފައިސާ އިންޑިއާގެ މަރުކަޒީ ބޭންކްގައި ބަހައްޓާނެ އެވެ.

ސްވޮޕް ކުރި ފައިސާ ދައްކަން އެއްބަސްވެފައިވަނީ ކިހާ ދުވަހަކުން ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ކަރަންސީ ސްވޮޕް އެއްބަސްވުން ހަދާއިރު ފައިސާ ދައްކަން ދެނީ އެހާ ގިނަ މުއްދަތެއް ނޫނެވެ.

މީގެކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ވެސް އިންޑިއާ އާއި އެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް މިސަރުކާރުން ހެދި އެވެ. މިފައިސާ އަނބުރާ ދެއްކީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭރު ފައިސާ ދެއްކުމުން ޖުމްލަ ރިޒާވްގައި 791 މިލިއަން ޑޮލަރު ނުވަ ޕަސަންޓުގެ އަދަދެއް މަދުވި އެވެ.

ރާއްޖޭގެ ރިޒާވްގައި 604 މިލިއަން ޑޮލަރު ނޮވެމްބަރު މަހުގެ ނިޔަލަށް ހުރި ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 219 މިލިއަން ޑޮލަރެވެ.