މިއުޒިކް

ސެލީން ޑީއޯން އަށް 'ހަރު ހިލަޔަށް' ވާ ބައްޔެއް ޖެހިފައި!

'ސްޓިފް ޕާސަން ސިންޑްރޯމް' ކިޔާ ބައްޔެއް ތަހައްމަލުކުރަމުންދާ ކަމަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ބުރާސްފަތި ދުވަހު ބުނެފި އެވެ.

"ސްޓިފް ޕާސަން ސިންޑްރޯމް"އަކީ މަދުން ނޫނީ މީހުންނަށް ނުޖެހޭ ނިއުރޮލޮޖިކަލް ޑިސްއޯޑާ އެކެވެ. މި ބަލި ޖެހުމުން ގައިގެ މަސްތައް ހަރުވެ މަސްތަކުގައި ވޭން އަޅައި އަކުނިވަޔަށް ދަމަ އެވެ.

ކެނެޑާގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި މި ބަލީގެ ސަބަބުން އޭނާގެ ގައިގައި އަޅާ ވޭނުގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި ލަވަކިޔުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ހަމަޖެހިފައިވާ ބައެއް ޓުއާތައް ލަސްކޮށް އަދި ބައެއް ޝޯތައް ކެންސަލް ކުރަން ޖެހިފައިވާ ކަމަށް ވެސް ސެލީން ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި ބުނެފައި ވެއެވެ.

އޭނާ މިވަގުތު ސިއްހަތަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމުގައި ވަރަށް މޮޅު ޑޮކްޓަރުންގެ ޓީމެއް މަސައްކަތްކުރަމުންދާ ކަމަށް ސެލީން ބުންޏެވެ.

"އަހަރެންނަށް ކުރަން އެނގޭހާވެސް ކަމަކީ ލަވަކިޔުން. އަދި އަހަރެންގެ ހަޔާތުގައި މިހާތަނަށް ކުރި ހަމައެކަނި މަސައްކަތަކީ ވެސް އެއީ. ވީމާ ބޭސްފަރުވާ ކޮށްގެން ރަނގަޅުވެގެން އަލުން މި މަސައްކަތަށް އެނބުރި އާދެވޭނެކަމަށް އުންމީދުކުރަން،" ސެލީން ބުންޏެވެ.

ސްޓިފް ޕާސަން ސިންޑްރޯމްއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށާއި މި ބަލި ޖެހެނީ ކޮންމެ މިލިއަނަކުން އެކަކަށް ނުވަތަ ދެ މީހަކަށް ކަމަށް ޖޯންސް ހޮޕްކިންސް މެޑިސިންގައިވާ މައުލޫމާތުގައި ވެއެވެ.

މި ބަލި ޖެހޭ މީހުންގެ ގައިގެ މަސްތައް ބާރުވަމުންގޮސް ހަރު ހިލަގަނޑެއްހެން ވާކަމަށް ވެއެވެ. އެހެންވެ މި ބަލި ޖެހޭ މީހުންގެ ގައިގައި ވަރަށް ވޭން އަޅައެވެ. އަދި ހަރަކާތްކުރަން އުނދަގޫވެއެވެ.

މީހެއްގެ ފައެއްގެ މަސްގަނޑެއް ނުވަތަ އެހެންވެސް ތަނެއް އަކުނިވަޔަށް ދަމައިގަތުމުން ވާ ތަދު އެއީ ވަރަށް ގިނަ މީހުންނަށް ތަޖުރިބާ ކުރެވިފައި ހުންނާނެ ވޭނެކެވެ. ސޭލީންގެ ގައިގައި ހުރި ބަލީގައި ވެސް ވަނީ މިހެންނެވެ. މިގޮތަށް އަކުނިވަޔަށް ދަމައިގަންނަ ތަންތަން ހަރުވެފައި އެ ހުންނަ ގޮތަށް ހުރުމުން ގިނަ އިރުތަކެއް މި ވޭނުގައި އުޅެން ޖެހެ އެވެ.

މި ބައްޔަކީ އޮޓޯ އިމިއުން ޑިޒީޒް އެކެވެ. މި ބަލި ޖެހިފައިވާ މީހުން ގޭން ބޭރަށް ނުކުމެ އުޅެން ބިރުގަނެ އެވެ. ސަބަބަކީ ތަންކޮޅެއް ބާރު އަޑެއް އިވުމުން ކުއްލިއަކަށް ވެސް މި ބަލި ޓްރިގާ ވުމުގެ ފުރުސަތު އޮންނާތީ އެވެ. އަދި އެނޫނަސް މާ ފިނިތަނަކަށް ކުއްލިއަކަށް ވަދެވުމުން ވެސް ބަލި ޓްރިގާ ވުމުގެ ފުރުސަތު އޮވެ އެވެ.

މި ބަލި ޖެހިފައިވާކަން އިއުލާން ކުރަމުން ސޭލިން ވަނީ 2023އަށް ރާވާފައިވާ ބައެއް ޓުއާ ތަކާއި ޝޯތައް ކެންސަލްކޮށް އަދި ޝެޑިއުލް އެއްކޮށް ބަދަލުކޮށް މުޅިން އާ ތާރީހުތަކެއް ކަނޑައަޅަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ.