ފިނޭންސް މިނިސްޓްރީ

ދައުލަތުގެ އާމްދަނީގެ އަމާޒަށް ވާސިލުވެއްޖެ

ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިއްޖެ އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރީ 24.2 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 24.7 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 19.2 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިއިރު ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ 17.9 ބިލިއަން ރުފިޔާ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިއިރު ޓެކްސް ނޫން އާމްދަނީ އިން ދައުލަތަށް ވަނީ 6.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.

އާމްދަނީ އިތުރުވި ނަމަވެސް އަންދާޒާކުރި ވަރަށް ހިލޭ އެހީ ލިބިފައެއް ނުވެ އެވެ. ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 325.8 މިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިން ނެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 8.8 ބިލިއަން ރުފިޔާ ލިބުނެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބުނުއިރު ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 768.2 މިލިއަން ރުފިޔާ ލިބުނުއިރު ރަޖިސްޓްރޭޝަން އަދި ލައިސަންސް ފީގެ ގޮތުގައި 734.2 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.