ކުޅިވަރު

ކްރޮއޭޝިއާ އިން ބްރެޒިލަށް ދުލެއް ނުދޭނެ: ޑަލިޗް

ބްރެޒިލް އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އެކަމަކު މިރޭ އެޓީމާ ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާ އިން ދޫ ނުދޭނެ ކަމަށް ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާއިރު ގިނަ ބައެއްގެ ނަޒަރުގައި ފޭވަރިޓުންނަކީ ބްރެޒިލް އެވެ.

"ބްރެޒިލް ދެކެ އަހަރެމެން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް. ކްރޮއޭޝިއާ އިން ބްރެޒިލަށް ރަނގަޅު ޗެލެންޖެއް ދެވޭނެ. އެކަމަކު އެއީ ވަރަށް ކޮންފިޑެންސާ އެކު ކުޅޭ މޮޅު ޓީމެއް. އަހަރެމެން ދުލެއް ނުދޭނަން" މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ޑަލިޗް ބުންޏެވެ.

ބްރެޒިލް ކުއާޓާ ފައިނަލަށް ދަތުރުކުރި ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައި ދެވަނަ ބުރުގައި ދެކުނު ކޮރެއާ 4-1 އިން ބަލިކޮށްގެންނެވެ. މުބާރާތުގައި ބްރެޒިލުން ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންނަކީ އެގައުމެވެ.
ކްރޮއޭޝިއާ ވަނީ ދެވަނަ ބުރުގައި ޖަޕާން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގައި މޮރޮކޯގެ ފަހަތުން އެޓީމަށް ލިބުނީ ދެވަނަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ކްރޮއޭޝިއާ ޓީމަށް އަނިޔާގެ މައްސަލައެއް ނެތެވެ. މުހިއްމު ޑިފެންޑަރު ބޯނާ ސޯސާ އަނިޔާގެ ސަބަބުން ޖަޕާން މެޗުގައި ނުކުޅުނު ނަމަވެސް މިހާރު ހުރީ ފިޓްކޮށެވެ.

ޑަލިޗް ބުނީ އޭނާގެ ޓީމު ގަދަ އަށެއްގައި ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 2018 ވަނަ އަހަރުގެ ޑަލިޗްގެ ކޯޗުކަމުގައި ކްރޮއޭޝިއާ ވަނީ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. މިފަހަރު އޭނާ ވޯލްޑް ކަޕަށް ގެނައި ކްރޮއޭޝިއާ ޓީމުގައި އާ ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފަ އެވެ.

"މީގެ ހަތަރު އަހަރު ކުރިން މި ޓީމުގައި ނެތް 18 ކުޅުންތެރިން މިހާރު ތިބޭނެ. މިއި މުޅިން އާ ގައުމީ ޓީމެއް" ކްރޮއޭޝިއާގެ ޓީމާ ގުޅޭގޮތުން ޑަލިޗް ބުންޏެވެ.

ޑަލިޗް ބުނީ 2018 ވަނަ އަހަރު ކްރޮއޭޝިއާގައި ތިބީ އެއްކޮށް ކުޅޭތާ 10 އަހަރުވީ ކުޅުންތެރިން ކަމަށާއި، އޭރު އެކުޅުންތެރިން ކުޅެމުން ދިޔައީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ވަރުގަދަ ކްލަބްތަކަށް ކަމަށެވެ.

"އިތުރަށް ރަނގަޅު ކުރަން މިހާރު އޮތް ޓީމަށް ވަގުތު ބޭނުންވާނެ. އެކަމަކު ކްރޮއޭޝިއާ މިފަހަރުގެ ގަދަ އަށް ޓީމުގެ ތެރޭގައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް" ޑަލިޗް ބުންޏެވެ.

ބްރެޒިލަށް ދިމާވެފައިވާ މައްސަލައަކީ އެޓީމުގެ ލެފްޓް ބެކަށް ކުޅެ ދެކުޅުންތެރިން ވެސް އަނިޔާގައި ތިބުމެވެ. އަނިޔާގެ ސަބަބުން އަލެކްސް ޓެލެސް އަށް ވޯލްޑް ކަޕް ގެއްލިފައިވާއިރު އަލެކްސް ސަންޑްރޯ އަންނަނީ އަނިޔާއިން ރަނގަޅުވާން މަސައްކަތް ކުރަމުންނެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ސަންޑްރޯ މިހާރު ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި، ރަނގަޅު ނަމަ މެޗުގައި ކުޅުވާނެ ކަމަށެވެ. މި ދެކުޅުންތެރިން އަނިޔާގައި ތިބުމުން ދެކުނު ކޮރެއާ މެޗުގައި އެ މަގާމް ފުރީ ޑެނީލޯ އެވެ.

ކްރޮއޭޝިއާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް އަތުން 4-2 އިން ވަނީ ބަލިވެފަ އެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނީ 2002 ވަނަ އަހަރު އެވެ. އެފަހަރު ޖަރުމަނު 2-0 އިން ބަލިކޮށް އެގައުމު ވޯލްޑް ކަޕްގެ ފަސްވަނަ ތަށި ކާމިޔާބުކުރި އެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކްރޮއޭޝިއާ އާއި ބްރެޒިލް ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.