ކުޅިވަރު

ޕެނަލްޓީ ޖަހައިގެން މޮޅުވެ ކްރޮއޭޝިއާ އިން ބްރެޒިލް ރޮއްވާލައިފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ބްރެޒިލް އާއި ކްރޮއޭޝިއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 4-2 އިން ކްރޮއޭޝިއާ އިން ބްރެޒިލް ބަލިކޮށްފި އެވެ.

ބްރެޒިލް އަކީ މިފަހަރުގެ މުބާރާތަށް ނުކުތްއިރު ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމެވެ. މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އެޓީމު ދައްކަމުން އައީ ވެސް މޮޅު ކުޅުމެކެވެ. އެކަމަކު މިރޭގެ މެޗުން އެޓީމު 1-0 އިން މޮޅުވާން ދަނިކޮށް ކްރޮއޭޝިއާ އިން ފަހު ވަގުތު އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ އެވެ. މެޗު ނިމުމާ އެކު ބްރެޒިލްގެ ކުޅުންތެރިންގެ ފެނުނީ ދަނޑު މަތީގައި ހުއްޓިފައި ތިއްބަ އެވެ.

މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބްރެޒިލް އެވެ. ކްރޮއޭޝިއާ އިން ދިޔައީ ބްރެޒިލްގެ ވަރުގަދަ އެޓޭކް ލައިން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މުޅި މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވުނީ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗްގެ މޮޅު ކުޅުމެވެ. މެޗުގައި ބްރެޒިލުން ގޯލާ އަމާޒުކޮށް ފޮނުވާލި 11 ހަމަލާއެއް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 90 މިނެޓު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބްރެޒިލްގެ ނޭމާ ވަނީ އެޓީމަށް ލަނޑު ޖަހައިދީފަ އެވެ. ލޫކަސް ޕަކޭޓާ ދިން ބޯޅަ ހޯދުމަށް ފަހު ނޭމާ ގޯލަށް ވައްދާލީ ކީޕަރު ވެސް ކަޓުވާލުމަށް ފަހު އެވެ. މި ގޯލާ އެކު ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭގެ ރެކޯޑާ ނޭމާ ވަނީ ހަމަހަމަކޮށްފަ އެވެ. މި ދެކުޅުންތެރިން ޖަހާފައިވާ ގޯލުގެ އަދަދަކީ 77 އެވެ. އިތުރު ގޯލެއް ޖަހައިގެން ޕެލޭގެ ރެކޯޑް ނޭމާ އަށް މުގުރާލެވޭނެ އެވެ.

ބްރެޒިލް ލީޑު ނެގުމުން އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަނީ ކުރިއަށް ޖެހި ކުޅުން ރަނގަޅުކޮށްފަ އެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރީ 117 ވަނަ މިނެޓުގަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްގެ ގައިގައި ޖެހިފަ އެވެ.

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ބްރެޒިލަށް ކާމިޔާބު ކުރެވުނީ ކަސެމީރޯ އާއި ޕެޑްރޯ ޖެހި ދެ ޕެނަލްޓީ އެވެ. އެޓީމުގެ ރޮޑްރީގޯ ފޮނުވާލި ޕެނަލްޓީ ކީޕަރު މަތަކުރި އިރު ބްރެޒިލް ބަލިވީ މާކީނިއޯސް ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހުމުންނެވެ.

ކްރޮއޭޝިއާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ނިކޮލާ ވްލަސިޗް އާއި ލޮވްރޯ މޭޔާގެ އިތުރުން ލޫކާ މޮޑްރިޗް އަދި މިސްލާވް އޯސިޗް އެވެ.

ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް ފްރާންސް އަތުން ބަލިވެފަ އެވެ. ސެމީ ފައިނަލުގައި ކްރޮއޭޝިއާ ނުކުންނާނީ މިރޭ އާޖެންޓީނާ އާއި ނެދަލެންޑްސް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.