އިޒްރޭލުގެ ސަރުކާރާ ހަވާލުވެ ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ބެންޖަމީން ނަތަންޔާހޫ އަކީ ބަލިކަށި ބޭފުޅެއް ގޮތުގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޔައީރު ލަޕީދު ސިފަކުރައްވައިފި އެވެ.
ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި އިޒްރޭލުގެ ތާރީހުގައި ވެސް ނަތަންޔާހޫއަށް ވުރެ ހަރުކަށި ބޭފުޅަކު ވެރިކަން ނުކުރައްވާ ކަމަށާއި އޭނާ މިފަހަރު އެކުލަވާލައްވާ ސަރުކާރުގެ ރަހުމް ކުޑާކަމާ މެދު ދުނިޔެ ވެސް އޮތީ ބިރުން ކަމަށެވެ.
އިޒްރޭލުގައި މިފަހުން އޮތް އާންމު އިންތިހާބުގައި ގާނޫން ހަދާ މަޖިލީހުން އެންމެ ގިނަ ގޮނޑި ލިބިވަޑައިގަތީ ނަތަންޔާހޫ އިސްވެ ހުންނަވައި އުފައްދާފައި އޮތް ކޯލިޝަނަށެވެ. އެހެން ނަމަވެސް އެވަރުން ވެސް އިތުރު ޕާޓީތަކުގެ އެއްބާރުލުން ލިބިވަޑައިގެން ނޫން ގޮތަކަށް ސަރުކާރެއް އެކުލަވާލެއްވޭނެ ގޮތެއް އޭނާއަކަށް ނެތެވެ.
އެހެންކަމުން ނަތަންޔާހޫއަށް މިހާރު ޖެހިވަޑައިގެންފައި އޮތީ ސިޔާސީ މައިދާނުގައި މާބޮޑު ތަޖުރިބާއެއް ނެތް އެކަމަކު ސިޔާސީ އެއްވުންތަކުގައި ހަރުކަށި ކަމަށް ގޮވާލާ މެމްބަރުން ހިމަނައިގެން އަޣުލަބިއްޔަތު ހޯއްދެވުމަށެވެ.
ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި ނަތަންޔާހޫ މި ފަހަރު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތް ނަމަވެސް ސަރުކާރު ހިންގާނީ ބުއްދި ލުހިފައި ތިބި ޒުވާނުންނެވެ. އޭނާ އަދި ވިދާޅުވީ ބުއްދި ގޯސްވެފައި އޮތް ސަރުކާރެއް އިޒްރޭލާ ހަވާލުވުމަކީ ގައުމު ހަލާކުވުމަށް އޮތް މަރުހަލާއެއް ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ޒުވާނުން ގޮތްފޮތް ކިޔާނެ ކަމަށް ޔައީރު ލަޕީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަރަށް ބޮޑަށް ކެތްތެރިކަން އިސްކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.