އަބްދުﷲ ޝާހިދު

އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ގައުމަކަށް ރާއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަނެފި އެވެ.

އެންގޯލާގެ ލުއާންޑާގައި މި މަހުގެ ހަ ވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް ކުރިއަށް ދިޔަ އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ މެންބަރު ހުރިހާ ގައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރު ގައުމަކަށް ރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފަ އެވެ.

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެވެ.

އޯއޭސީޕީއެސްގެ ހުރިހާ މެމްބަރު ގައުމުތަކުގެ ތާއީދު ލިބުމާ އެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ސަމިޓްގެ ހަވާސާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޝާހިދު ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފަ އެވެ.

އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރު ގައުމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ ނޮވެމްބަރު 2021ގަ އެވެ. މާޗް 23، 2022 ގައި ވަނީ އޯއޭސީޕީއެސް ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފަ އެވެ. އޯއޭސީޕީއެސްއިން ޖޫން 2022ގައި އެ ޖަމިއްޔާގެ "އޮބްޒާވާ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފައެވެ.