މީހުން

މަރިޔަމް ނޫރައްދީން ހިތް އެދެނީ ޓޫރިޒަމަށް

  • ހޮޓެލް ސްކޫލް އުފައްދައި އެތަން ތަރައްގީ ކުރި
  • ހޮޓެލް ސްކޫލްގައި 19 އަަހަރު މަސައްކަތް ކުރި
  • ސަރުކާރަށް 25 އަހަރު ހިދުމަތް ކުރެއްވި

ޓޫރިޒަމް ދާއިރާގައި އޭނާގެ ހިދުމަތްތަށް ގުނައި އަދަދު ނުކުރެވޭނެ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާ އިން ދިވެހިން ބިނާ ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. ޓޫރިޒަމް ދާއިރާ އަށް މީހުން ބިނާ ކުރަން ސަރުކާރުން އުފެއްދި "ހޮޓެލް ސްކޫލް" ގެ ފުރަތަމަ ޑީންއަކީ ވެސް މިއީ އެވެ. މަރިޔަމް ނޫރައްދީން އަކީ ހޮޓެލް ސްކޫލް ޒަމާނީ ބަދަލުތަކެއް ގެނެސްދިން އެއް ބާނީ އެވެ.

"ކިޔަވައި ނިންމާފައި ހިތުގައި އަޅައިގެން ހުރީ މަސައްކަތް ކުރާނީ ރިސޯޓް އޭ! އެއީ އަޅުގަނޑުގެ މައިން ބަފައިން ވެސް މަސައްކަތް ކުރީ ޓޫރިޒަމް ދާއިރާގައި. އެކަމަކު އެއިރު މި [ޓޫރިޒަމް] ދާއިރާ ރާއްޖެއަށް އާވީމަ ބެލެނިވެރިން މާ ގަބޫލުވާ ކަމަށް ނުވީ،" ރިސޯޓެއްގައި މަސައްކަތް ކުރަން ދެކުނު ހުވަފެން ހަގީގަތަކަށް ނުވި ސަބަބު "އަވަސް" އާ ހިއްސާ ކުރައްވަމުން މަރިޔަމް ވިދާޅުވި އެވެ.

ރިސޯޓެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ނުލިބުނު ނަމަވެސް މަރިޔަމް ވަނީ މި ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. މިގޮތުން ޓޫރިޒަމް ދާއިރާއިން މީހުން ބިނާ ކުރުމުގެ އަޒުމުގައި ހޮޓެލް ސްކޫލާ ގުޅިވަޑައި ގަތީ އުމުރުން އެންމެ 21 އަހަރުގަ އެވެ. އެއީ 1987 ވަނަ އަހަރެވެ. މިއީ ރާއްޖޭގައި ހޮޓެލް ސްކޫލެއް ވުޖޫދަށް އައި އަހަރެވެ. އޭރުގެ ޓޫރިޒަމް ޑިޕާޓްމަންޓުން، ޔޫއެންޑީޕީގެ އެހީގައި ފެށި މަޝްރޫއެއްގެ ދަށުން ދިޔައީ ހޮޓެލް ސްކޫލް ފައްކާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދުވަސްވަރުގެ ހޮޓެލް ސްކޫލްގައި މަސައްކަތް ކުރި މަދު ދިވެހިންގެ ތެރޭގައި މަރިޔަމް ހިމެނިވަޑައިގަތެވެ.

"ހޮޓެލް ސްކޫލްގައި އޭރު [1987] ވަނަ އަހަރު ތިބީ ހުސް އިނގިރޭސި ޓީޗަރުން. އޭރު ދިވެހި ސްޓާފުން ހޯދަނީ. އެ ތަނުން ފުރުސަތު ލިބުނީ ޓްރެއިނިން އިންސްޓްރަކްޓަރަކަށް ވާން،" މަރިޔަމް ވިދާޅުވި އެވެ.

ރާއްޖެ އާއި އަވަށްޓެރި ސްރީލަންކާ އަދި އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، މަރިޔަމް، އޭރުގެ ހޮޓެލް ސްކޫލްގައި ޔޫއެންޑީޕީގެ މުވައްޒަފުންނާއެކު އަހަރެއްހާ ދުވަހު މަސައްކަތް ކުރި އެވެ.

"އެ މީހުން ހެޑް އޮފް ސްކޫލަކަށް އަޅުގަނޑަކަށް ފުރުސަތު ދިނީ. އެހެންވެ އެތަނުގައި 1992 އިން ފެށިގެން ހެޑް އޮފް ސްކޫލަކަށް މަސައްކަތް ކުރިން،" މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ނޫރައްދީން ހޮޓެލް ސްކޫލުގައި ހިދުމަތް ކުރަން ފެށިއިރު، އެ ތަނުގައި އެންމެ ދިގު ކޯހަކަށް ވެސް ހިންގަމުން ގެންދިޔައީ އަހަރެއްހާ ދުވަހުގެ ކޯހެކެވެ. ދެން ހިންގަނީ ކުރު ކޯސްތަކެވެ. އެ ދުވަސްވަރަކީ ޓޫރިޒަމް ދާއިރާއަށް ދިވެހިން "ލޯ ހުޅުވިފައިވާ" ދުވަސްވަރަކަށް ނުވުމުން ހޮޓެލް ސްކޫލްގެ ކްލާސްތަކަށް ކުދިން ހޯދަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް އަންހެން ކުދިން ޓޫރިޒަމް ދާއިރާއަށް ނެރުން އޮތީ "ނުވާނެ ކަމެއްގެ" ގޮތުގަ އެވެ. ނަމަވެސް އެކަން ބަދަލު ކުރުމަށް މަރިޔަމް ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ.

"އޭރު ވަރަށް މަސައްކަތުން ކުދިން ލިބެނީ. ހާއްސަކޮށް އަންހެން ކުދިން. ވާގޮތަކީ އޭރުގެ ރިސޯޓުތައް ހުންނަނީ ވެސް އަންހެން ކުދިން މަސައްކަތް ކުރާ ގޮތަކަށް ނޫން. އެކޮމޮޑޭޝަން ހުންނަ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވޭ. ކޯހެއް އަންހެން ކުއްޖަކު ނިންމިއަސް ދެ ކުދިން ވަރު ވެގެން ނޫނީ ވަޒީފާއެއް ނުދޭ،" ހޮޓެލް ސްކޫލްގެ ފުރަތަމަ ތަޖުރިބާ ކިޔައި ދެއްވަމުން މަރިޔަމް ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރިސޯޓު ވަޒީފާއަށް ދާ "އަންހެން ކުދިންގެ އިމޭޖު" ހަޑިވީ، ރިސޯޓުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި ބައެއް ކުދިންގެ ސަބަބުންނެވެ.

"ބައެއް ކުދިންގެ އަމަލުތައް ހުރި ގޮތުން އެހެން ކަހަލަ ނަމެއް އޮތީ،" މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ނޫރައްދީން މަތީ ތައުލީމް ހާސިލް ކުރެއްވިއިރު، "ތީސިސް" ލިޔުއްވީ ވެސް ޓޫރިޒަމް ދާއިރާއަށް އަންހެނުން ނުނިކުންނަ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.

"އަޅުގަނޑު މާސްޓާސްގެ ތީސިސް ހެދީވެސް ކީއްވެހޭ ޓޫރިޒަމަށް އަންހެނުން ނުދަނީ؟ ދެހާސްވަނަ އަހަރު ހެދި ޓޫރިޒަމް މާސްޓަ ޕްލޭންގައި އޮތް 2005 ވަނަ އަހަރު އަންނަ އިރު ޓޫރިޒަމް ދާއިރާގައި 25 ޕަސެންޓަކީ އަންހެނުންނޭ. އަޅުގަނޑު ޖަދަލު ކުރިން އެކަމެއް ނުވާނެ އޭ؟ އަޅުގަނޑުގެ ދިރާސާއިން އެގޮތަކަށް ނުދައްކާ. މިހާރު ވެސް އޮތީ އެގޮތަށް. އަޅުގަނޑަށް ހިއެއްނުވޭ މިހާރު ވެސް 25 ޕަސެންޓް އަންހެނުން އުޅޭނެ ހެނެއް،" މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ނޫރައްދީންގެ މަސައްކަތަކުން އިނގިރޭސިވިލާތުގެ "ބީޓެކް" ކޯސްތައް ރާއްޖެ ގެނަ އެވެ. މި ކޯސްތައް ރާއްޖެ ގެނައުން ވެގެން ދިޔައީ ހޮޓެލް ސްކޫލުގެ ކިޔެވުން ހަރުދަނާ ވެގެން ދިޔަ ކަމަށެވެ. އެގޮތުން 1995 ގައި ބީޓެކް ޕްރޮގްރާމްތައް ރާއްޖެއަށް ތައާރަފު ކުރެއްވި އެވެ. ހޮޓެލް ސްކޫލުގައި ޓްރޭނީއެއްގެ މަގާމުން ފެށިގެން ޑީންއަކާ ހަމައަށް އަންނަ މަރުހަލާތައް މަރިޔަމް ފުރުއްވި އެވެ.

"އަޅުގަނޑުގެ އެންމެ އިސް ގޯލަކަށް ބެލީ ސްޓާފުން ތަމްރީން ކުރަން. ސަރުކާރާއި އޭޑީބީއާ ގުޅިގެން ހިންގި ޕްރޮގްރާމްތަކުގައިވެސް ސްޓާފުން ތަމްރީން ކުރަން އެންމެ އިސްކަމެއް ދިނީ،" ހޮޓެލް ސްކޫލްގައި 19 އަހަރު ހިދުމަތް ކުރެއްވި މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ނޫރައްދީން ހޮޓެލް ސްކޫލުގެ ޑީންގެ މުއްދަތު ހަމަކޮށް، ވަކިވެ ވަޑައިގެންނެވިއިރު، ޑިގްރީ ކޯސްތަކަށް އެތަން އޮތީ ފައްކާވެފަ އެވެ.

ހޮޓެލް ސްކޫލުން ވަކިވި ނަމަވެސް މީހުން ބިނާކުރުމާ ދުރައްވަޑައިގަތީއެއް ނޫނެވެ. ހޮޓެލް ސްކޫލް "ދޫކުރެއްވުމަށްފަހު" ދެން ހިދުމަތް ކުރެއްވީ ހިއުމަން ރިސޯސް މިނިސްޓްރީގެ ދަށުން ހިންގި ޓިވެޓް ޕްރޮގްރާމަށެވެ.

"ހިތަށް އެރީ މީހުން ތަމްރީން ކުރަން މިއީ ފުރުސަތެކޭ. އަޅުގަނޑު އަބަދު ވެސް ބޭނުންވޭ މީހުން ބިނާ ކުރަން. އަޅުގަނޑުގެ ހާޓް އެންޑް މައިންޑް ވެސް ގުޅިފައި އޮތީ އެކަމާ. އެހެންވެ އެ ތަނަށް ބަދަލުވީ،" މަރިޔަމް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން، މަރިޔަމްގެ ނިޔަމިކަމުގައި ޓިވެޓް އޮތޯރިޓީ ވަރުގަދަ ކުރެއްވި އެވެ.

"މިނިސްްޓްރީން ފުރުސަތު ދިން މިނިސްޓްރީގައި ހުންނަން. ނަމަވެސް އަޅުގަނޑު ބަދަލުވީ ޓިވެޓްއަށް،" މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ނޫރައްދީން ސަރުކާރުގެ ވަޒީފާއިން ވަކިވެ ވަޑައިގަތީ 2012 ވަނަ އަހަރު އެވެ. ސަރުކާރުގައި 25 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ވެސް ބޭނުމަކީ، މީހުން ތަމްރީން ކުރުމަށެވެ.

މަރިޔަމް ސަރުކާރު ވަޒީފާ ދޫކުރެއްވުމަށްފަހު، މިހާރުގެ މަސައްކަތަކީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ކައްކާ އިން ތަމްރީން ކުރުމަށެވެ. ޕްރޮފެޝަނަލް ކައްކާ އިން ތަމްރީން ކުރުމުގެ ގޮތުން ޝެފުންގެ ޖަމިއްޔާއެއް ހަދާފަ އެވެ.

"ޝެފުންގެ ޖަމިއްޔާއެއް އުފެއްދީ ހަމައެކަނި ދިވެހިންނަކަށް ނޫން. ބޭރު މީހުންނަށް ވެސް. މި ޖަމިއްޔާއަކީ މިހާރު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސްގެ މެންބަރެއް. އެހެންވެ މަސައްކަތް ކުރަމުން މިދަނީ ދިވެހިންނަށް ފުރުސަތު ބޭރުން ހުޅުވައިލަން،" މަރިޔަމް ވިދާޅުވި އެވެ.

އޭނަ ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުގައި ނޫޅުނު ނަމަވެސް މުޖުތަމައަށް ހިދުމަތް ކުރެވޭނެ އެވެ. މަރިޔަމް ނޫރައްދީންގެ އަޒުމަކީ މިއީ އެވެ. ޓޫރިޒަމް ދާއިރާގައި "ސީދާ އުޅެން" މަރިޔަމް އަށް ފުރުސަތު ނުލިބުނު ނަމަވެސް އަބަދު ވެސް އޭނަގެ ހިތްވަނީ ޓޫރިޒަމް ދާއިރާގަ އެވެ.