ޓޫރިޒަމް

ދަތުރުކުރަން އެންމެ ފަސޭހަ ގައުމުތަކުގެ އެއްވަނަ ރާއްޖެއަށް

ގޮންޖެހުންތަކެއް ނެތި ފަސޭހަކަމާއިއެކު ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓުން އެއްވަނަ ރާއްޖެ އަށް ލިބިއްޖެ އެވެ.

ސީއެންއެން އިން ނެރެ އާންމުކުރި ދަތުރުކުރަން އެންމެ ފަސޭހަ ގައުމުތަކުގެ ލިސްޓުގައި 34 ގައުމެއް ހިމެނޭއިރު 23 ގައުމަކުން ވަނީ މި ލިސްޓުގެ އެއްވަނަ ހޯދާފަ އެވެ. މިގޮތުން ދެވެހިރާއްޖޭގެ އިތުރުން ގަތަރު، އެންގޯލާ، ބޮލީވިއާ، ސޯމާލިއާ، ދެކުނު ސޫދާން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ފަދަ ގައުމުތައް އެއްވަނައިގައި ހިމެނެ އެވެ.

އޮން އެރައިވަލްކޮށް ވިސާ ދޫކުރުމާއި، ގައުމުތަކާއިއެކު ފްރީ ވިސާ އެގްރީމެންޓް ހަދާފައިވާ ގައުމުތަކަކީ ދަތުރުކުރަން ފަސޭހަ ގައުމުތަކުގެ ގޮތުގައި ބަލަ އެވެ.

މި ލިސް ހެދުމުގައި ވެސް ބަލާފައިވަނީ މިފަދަ މިންގަނޑުތަކަކަށެވެ. މީގެ އިތުރުން ގައުމުތަކުގައި ފަތުރުވެރިން އުޅޭ މާހައުލުތަކަކީ ރައްކާތެރި ތަންތަނަށް ވުމަކީވެސް މި ލިސްޓު ހެދުމުގައި ބަލާފައިވާ ކަމަކެވެ.

ފަތުރުވެރިންނަށް ޒިޔާރަތްކުރަން އެންމެ އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ އުތުރު ކޮރެއާ، ތުރުކުމެނިސްތާން އަދި އަފްގާނިސްތާނެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ގައުމެކެވެ. މިގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހި ޖެހިގެން ތިންވަނަ ފަހަރު، މިއަހަރު ރާއްޖެ ވަނީ ހޯދާފަ އެވެ. މި އެވޯޑު ރާއްޖެއަށް ލިބުނީ 18 ގައުމަކާ ވާދަކޮށްގެންނެވެ.

މީގެ އިތުރުން މިއަހަރުގެ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑް ލިބިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށެވެ.