ކުޅިވަރު

އެފްރިކާ އާއި އަރަބި ދުނިޔެ އެއްކޮށް މޮރޮކޯއާ އެކު

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު، އެފްރިކާ ބައްރާއި އަރަބި ދުނިޔޭގެ ސަޕޯޓް ލިބޭ ކަމުގެ އިހުސާސް މޮރޮކޯ އަށް ކުރެވޭ ކަމަށް އެޓީމުގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އަންނަނީ މޮޅު ކުޅުމެއް ދައްކައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުންނެވެ. އެޓީމު ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދީ ވަރުގަދަ ކްރޮއޭޝިއާ އާއި ބެލްޖިއަމް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ދެވަނަ ބުރުގައި ގަދަފަދަ ސްޕެއިންއާ އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވި އެވެ.

އަނެއްކޮޅުން މޮރޮކޯ އަށް ލިބޭ ހިތްހަމަޖެހުމަކީ މުސްލިމް ގައުމެއްގައި މިފަހަރު ވޯލްޑް ކަޕް ކުޅުމެވެ. ގަތަރަކީ މުސްލިމް ގައުމަކަށް ވުމާއެކު، އެގައުމުގެ ސަޕޯޓް ވެސް މޮރޮކޯ އަށް ލިބެ އެވެ. މޮރޮކޯގެ އާބާދީގައި 37 މިލިއަން މީހުން އުޅޭއިރު 32 މިލިއަން މުސްލިމުން އުޅެ އެވެ. އެގައުމުގެ މުސްލިމް އާބާދީގެ އިންސައްތަ އަކީ 99 އެކެވެ.

"އެފްރިކާ އާއި އަރަބިން ތިބީ މޮރޮކޯގެ ފަހަތުގައި. އެއީ ވަރަށް މުހިއްމު ކަމެއް. އެކަމަކު އަހަރެމެންގެ އެންމެ ފުރަތަމަ ވިސްނުމަކީ މޮރޮކޯ ފަހުރުވެރި ކޮށްދިނުން" މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ރެގްރާގީ ބުންޏެވެ.

އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އަދި ދަތުރު ކުރެވިފައެއްނުވެ އެވެ. އެންމެ ފަހުން ސެމީ ފައިނަލާ އެންމެ ގާތަށް ދިޔައީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާ އެވެ. އެކަމަކު ފަހު ވަގުތު އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުން އެފްރިކާގެ އެއް އުއްމީދު ހާސިލެއް ނުވި އެވެ. މިފަހަރު މޮރޮކޯއާ އެކު މުޅި އެފްރިކާ އޮތީ ތާރީހު ބަދަލު ކުރުމަށް އަމާޒު ހިފައިގެންނެވެ.

މިއީ މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އެޓީމަށް ދެވުނީ 1986 ވަނަ އަހަރު އެވެ.

ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ޑިފެންޑަރު ނަޔެފް އޮގާޑް މިރޭގެ މެޗަށް ފިޓްވާނެ ކަމަކަށް ނުބެލެވެ އެވެ. ރެގްރާގީ ބުނީ ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމާއި ވަރުބަލިކަން ޓީމަށް އިހުސާސްވާ ކަމަށެވެ. އެކަމަކު އެކަމާ ޝަކުވާ ނުކުރާނެ ކަމަށް ކޯޗު ބުންޏެވެ.

މޮރޮކޯއާ ދެކޮޅަށް ނުކުންނަ ޕޯޗުގަލް އަކީ މިފަހަރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. ޕޯޗުގަލް ވަނީ ގްރޫޕުގެ އެއްވަނަ ހޯދައި ދެވަނަ ބުރުގައި ސްވިޒަލެންޑް ފަސޭހަކަމާ އެކު ބަލިކޮށްފަ އެވެ.

މޮރޮކޯ އާއި ޕޯޗުގަލް ވަނީ މީގެ ކުރިން ދެފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް 1-3 އިން ބަލިކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ވަނީ 1-0 އިން މޮރޮކޯގެ މައްޗަށް ކުރި ހޯދާފަ އެވެ.

ޕޯޗުގަލް އާއި މޮރޮކޯ ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ. މެޗު ކުޅޭނީ އަލް ތުމާމާ ސްޓޭޑިއަމްގަ އެވެ.