ކުޅިވަރު

އިތުރު ހަތް ފްލައިޓް އަޅައި މޮރޮކޯ ސަޕޯޓަރުން ގަތަރަށް ޖަމާވެއްޖެ

ފީފާ ވޯލްޑް ކަޕްގައި މިރޭ މޮރޮކޯ އިން ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރޮކޯގެ ގައުމީ އެއާލައިނުން އިތުރު ހަތް ފްލައިޓް އަޅައި ސަޕޯޓަރުން ގަތަރަށް ޖަމާކޮށްދީފި އެވެ.

ކުއާޓާ ފައިނަލުގައި މޮރޮކޯ އިން މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު، އެޓީމު އޮތީ ތަފާތު ރޫހެއްގަ އެވެ. ވޯލްޑް ކަޕްގައި މިފަހަރު އެންމެ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަނީ މޮރޮކޯ އިންނެވެ. ބެލްޖިއަމް އާއި ކްރޮއޭޝިއާ ފަހަތަށް ޖައްސާލުމަށް ފަހު ގްރޫޕުގެ އެއްވަނަ ހޯދައި، ދެވަނަ ބުރުގައި އެޓީމު ވަނީ ސްޕެއިން ބަލިކޮށްފަ އެވެ.

މޮރޮކޯގެ ގައުމީ އެއާލައިނުން ވަނީ ޕޯޗުގަލް މެޗަށް އިތުރު ހަތް ފްލައިޓް އަޅައި ސަޕޯޓަރުން ގަތަރަށް ޖަމާކޮށްދީފަ އެވެ. މޮރޮކޯގެ ގިނަ އަދެއްގެ ބަޔަކު ގަތަރުގައި ދިރިއުޅޭ އިރު ޔަގީނުން ވެސް ޕޯޗުގަލަށް ވުރެ މޮރޮކޯގެ ސަޕޯޓަރުން މިރޭ ގިނަވާނެ އެވެ. މޮރޮކޯ އަކީ 99 އިންސައްތަ މުސްލިން ގައުމަކަށް ވުމާއެކު ގަތަރުގެ ގިނަ ރައްޔިތުން ވެސް ތިބީ މޮރޮކޯއާ އެކު އެވެ. މީގެ އިތުރުން މުޅި އެފްރިކާ ބައްރު ވެސް އޮތީ މޮރޮކޯގެ ކާމިޔާބީ އަށް އެދިއެދި އެވެ.

"މޮރޮކޯ އާއި މި ޓީމާ މެދު އަހަރެން ފަހުރުވެރިވަން. އާއިލާއެއް ގޮތަށް އެންމެން މަސައްކަތް ކުރާތީ ވަރަށް ޖޯޝު އާދޭ. އެއްބައިވަންތަ ކަމަކީ ފައިސާ އާއި ތައްޓަށް ވުރެ މާ މުހިއްމު ކަމެއް. އެކަމަކު އަހަރެމެން މިތަނަށް އައިސް މިތިބީ މެޗުތަކުން މޮޅުވެ މުބާރާތުގައި ވީ އެންމެ ދުރަކަށް ދާން" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުންޏެވެ.

ރެގްރާގީ ބުނީ އޭނާ ބޭނުންވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެން ކަމަށެވެ. ސްވިޒަލެންޑް އަތުން ދެވަނަ ބުރުގައި ޕޯޗުގަލް 6-1 އިން މޮޅުވި މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނާފައެއްނުވެ އެވެ.

"އަހަރެމެން ޕޯޗުގަލް އަށް އިހުތިރާމް ކުރަން. އެޓީމުގައި އެބަތިބި ވަރަށް މޮޅެތި ފޯވާޑުން. އެކަމަކު ޕޯޗުގަލް އަށް އެނގޭނެ އަހަރެމެން ފަސޭހަ ނުވާނެކަން" ރެގްރާގީ ބުންޏެވެ.

މަޝްހޫރު ބޮޑެތި ޓީމުތަކާ މޮރޮކޯ ވާދަކޮށްފިން ކަމަށާއި މިރޭ ވެސް ސަޕްރައިޒެއް ގެންނަން ބޭނުންވާ ކަމަށް ކޯޗު ބުންޏެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި މޮރޮކޯ އާއި ޕޯޗުގަލް ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.