އެހެން ޓީމުތަކުން ވެސް ކިލިއަން އެމްބާޕޭ ހުއްޓުވަން އުޅުނު ކަމަށާއި، އެކަމަކު އެއީ ކުރެވޭނެ ކަމެއް ގޮތުގައި ނުދެކޭ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޯމްޕްސް ބުނެފި އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ލިއޮނެލް މެސީއާ އެކު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ފަސް ގޯލު ޖަހައިފަ އެވެ. ފީފާ ވޯލްޑްއ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސުން އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު މީޑިއާގައި އެންމެ ބޮޑަށް ދެކެވެނީ އެމްބާޕޭ ހުއްޓުވަން އިންގްލެންޑުން ބޭނުންކުރާނެ އުކުޅާ ގުޅޭގޮތުންނެވެ.
އެމްބާޕޭއާ ގުޅޭގޮތުން ގޮތުން ފްރާންސްގެ ކޯޗާ ސުވާލުކުރުމުން ބުނީ، އެމްބާޕޭ ހުއްޓުވަން އުޅެފިއްޔާ ފްރާންސުން ފައިދާ ނަގާނެ އެހެން ގޮތްތައް އިންގްލެންޑަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
"ކުރިން ކުޅުނު ހަތަރު ގައުމުން ވެސް އެމްބާޕޭ ހުއްޓުވަން އުޅުނު. އެކަމަކު މިހާރު އެމްބާޕޭ ހުރި ފޯމަށް ބަލާއިރު ހުއްޓުވުން އެއީ ވާނެ ކަމެއްކަމަށް ނުބެލެވޭ. އެމްބާޕޭ އަށް ޓާގެޓް ކޮށްފިއްޔާ އަހަރެމެން ފައިދާ ނަގާނެކަން ވެސް އިންގްލެންޑަށް އެނގޭނެ" 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ފްރާންސާއި އިންގްލެންޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމެވެ. ދެ ޓީމު ވެސް ދެވަނަ ބުރު ކަށަވަރުކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފްރާންސުން ގްރޫޕް ސްޓޭޖުގެ ދެ މެޗު ކާމިޔާބު ކުރިއިރު ޓިއުނީޝިއާ އަތުން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ފްރާންސުން ބޭނުންކުރީ ވެސް ބެންޗު ކުޅުންތެރިންނެވެ. ދެވަނަ ބުރުގައި ފްރާންސް ވަނީ 3-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.
އިންގްލެންޑް ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން މޮޅުވެ އެމެރިކާ މެޗު އެއްވަރުކޮށްފަ އެވެ. ދެވަނަ ބުރުގައި އިންގްލެންޑުން ވަނީ ފަސޭހަކަމާ އެކު 3-0 އިން ސެނެގޯލް ބަލިކޮށްފަ އެވެ.
އިންގްލެންޑާ ގުޅޭގޮތުން ސުވާލުކުރުމުން ޑެޝޯމްޕްސް ބުނީ، އޭނާ އަށް އިންގްލެންޑް ޓީމުން ބަލި އެއްވެސް ޑިޕާޓްމަންޓެއް ނުފެންނަ ކަމަށެވެ. ހާއްސަކޮށް އިންގްލެންޑުގެ އެޓޭކުގައި ތިބޭ ކުޅުންތެރިން ކުޅުން ޑެޝޯމްޕްސް ފާހަގަކުރި އެވެ.
"ކޮންމެ ޓީމެއްގެ ވެސް ހުންނާނެ ވަރުގަދަ ކަންކަން. ހުރިހާ ޓީމެއްގައި ހުންނާނީ ބަލިފައެއް ނޫން. އިންގްލެންޑަކީ އެޓޭކުގައި ވަރަށް ވަރުގަދަ ޓީމެއް. އަވަސް ކައުންޓަ އެޓޭކްތަކުގައި އެޓީމުން އެބަހުރި ގޯލު ޖަހާފަ. އިންގްލެންޑުގެ ބައިވަރު ކަންކަން އަހަރެމެންނަށް ހުއްޓުވިދާނެ. އެކަމަކު އަވަސް ކައުންޓަ އެޓޭކުތައް ހުއްޓުވަން ވަރަށް މަސައްކަތްކުރަން ޖެހޭނެ" ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސް 2018 ވަނަ އަހަރުގެ ތަށި ހޯދީ ފައިނަލުގައި 4-2 އިން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. އޭގެކުރިން 1998 ވަނަ އަހަރު ވެސް ފްރާންސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އެވެ. އިންގްލެންޑަށް ވޯލްޑް ކަޕް ހަމައެކަނި ލިބުނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު އެވެ. އޭގެފަހުން އެޓީމަށް ވޯލްޑް ކަޕް ފައިނަލަށް ވެސް ނުދެވެ އެވެ. އެކަމަކު ރަޝިއާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެ މިދިޔަ އަހަރު އޮތް ޔޫރޯގެ ފައިނަލުގައި އިންގްލެންޑް ކުޅުނެވެ.
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ކުރީގެ ތަޖުރިބާތަކަށް ބަލައި މިފަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑް ޓީމަށް ލިބުނީ ރަނގަޅެއް ކަމަށެވެ. ފްރާންސް މެޗަކީ އިންގްލެންޑަށް ލިބޭނެ އެންމެ ވަރުގަދަ ޗެލެންޖް ކަމަށާއި، ސަމާލުކަން ނުދީފިނަމަ ފްރާންސް ހުއްޓުވަން އުނދަގޫ ވާނެކަމަށް ސައުތުގޭޓް ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިންގްލެންޑުގެ ރަހީމް ސްޓާލިން މިހާރު ވަނީ ޓީމާ އަލުން ގުޅިފަ އެވެ. އާއިލީ ކަމެއް ދިމާވުމުން ސްޓާލިން އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު އިންގްލެންޑުން ދިނެވެ. އެހެންވެ ދެވަނަ ބުރުގައި ސެނެގޯލް މެޗުގައި ސްޓާލިން ނުފެނެ އެވެ.
އިންގްލެންޑެ މެޗަށް ތައްޔާރުވާއިރު ފްރާންސްގައި އަނިޔާގެ މައްސަލައެއް ނެތެވެ. އެކަމަކު އެޓީމުގެ ތަރި އެމްބާޕޭ މިދިޔަ އަންގާރަ ދުވަހު ފަރިތަކުރުމުގައި ބައިވެރިވެފައެއްނުވެ އެވެ. އަރާމުކުރަން އެމްބާޕޭ އަށް ދުވަހެއް ދިނުމަށް ފަހު އޭނާ އަންނަނީ މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ފްރާންސާއި އިންގްލެންޑް ވާދަވެރި މެޗަކަށް ނުކުންނައިރު މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ވޯލްޑް ކަޕްގައި މި ދެޓީމު އެންމެ ފަހުން ވާދަކުރީ 1982 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ.
ފްރާންސާއި އިންގްލެންޑް ވާދަކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މެޗު ކުޅޭނީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގަ އެވެ.