ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ވަރުގަދަ ޕޯޗުގަލް 1-0 އިން ބަލިކޮށް އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އެފްރިކާގެ ފުރަތަމަ ގައުމެވެ. މިއީ އެފްރިކާގެ ފުޓްބޯޅަ އަށް ލިބުނު ފަހުރެކެވެ.
މީގެ ކުރިން ތިން ގައުމަކުން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ. 1990 ވަނަ އަހަރު ކެމެރޫން ކުއާޓާ ފައިނަލުގައި ބަލިވިއިރު ސެނެގޯލް ވަނީ ކުއާޓާ ފައިނަލުގައި 2002 ވަނަ އަހަރު ބަލިވެފަ އެވެ. އޭގެފަހުން 2010 ވަނަ އަހަރު ގާނާ ވަނީ އުރުގުއޭ އަތުން ކުއާޓާ ފައިނަލުގައި ބަލިވެފަ އެވެ.
މިރޭގެ މެޗުގައި މޮރޮކޯ އިން ވަނީ ޕޯޗުގަލްގެ ޓީމު ހުއްޓުވުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. މި ހާފުގައި ޕޯޗުގަލްގެ ޔާއޯ ފީލިކްސް ފޮނުވާލި ބޯޅައެއް މޮރޮކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް ނުވަނީ ކިރިޔާ އެވެ.
މޮރޮކޯ އިން މެޗުގެ ހަމައެކަނި ގޯލު ޖެހީ 42 ވަނަ މިނެޓުގައި ޔޫސުފް އަން-ނެސީރީ އެވެ. އަރިމަތިން ނަގައިދިން ހުރަސް ނެސީރީ ވަނީ ބޮލުން ޖަހައި ގޯލަށް ވައްދާލާފަ އެވެ. ނެސީރީ އަށް ބޯޅަ ގޯލަށް ފޮނުވާލެވުނީ އެވަގުތު ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އެ ބޯޅަ ހޯދަން އެރުމުންނެވެ.
ދެވަނަ ހާފުގައި ޕޯޗުގަލްގެ މުޅި ޓީމު ކުޅުނީ ކުރިއަށް ޖެހިގެންނެވެ. މި ހާފުގައި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. އޭގެފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ޕެޕޭ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެޕޭ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
އިތުރު ވަގުތުގައި މޮރޮކޯގެ ވަލީދު ޗެދީރާ ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހުކޮޅު މޮރޮކޯ އިން ވަނީ ހިތްވަރުކޮށް 1-0 ގައި ނަތީޖާ ހިފަހައްޓައިފަ އެވެ.
ވޯލްޑް ކަޕުން ކެޓުމާ އެކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދުނިޔޭގެ އެންމެ ޝަރަފްވެރި ތަށީގައި އަތްލުމުގެ ފުރުސަތު ގެއްލުނީ އެވެ. ރޮނާލްޑޯގެ ކެރިއަރުގައި ފަސް ވޯލްޑް ކަޕްގައި ވަނީ ކުޅެފަ އެވެ. އެކަމަކު ޕޯޗުގަލްއާ އެކު ފައިނަލަށް ވެސް ދެވިފައެއްނުވެ އެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ފްރާންސް އެވެ.