މިފްކޯ

މަސްވެރިންނަށް އެއްބިލިއަން ރުފިޔާ

ގިނަ އަދަދަކަށް މަސް ކިރައި، މިފްކޯއިން މިއަހަރު މަސްވެރިންނަށް ގާތްގަޑަކަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓްއެގައި ހިއްސާ ކުރައްވާފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެ ކުންފުނިން ކިރާފައިވާ މަހުގެ އަދަދު 59،317 މެޓްރިކް ޓަނަށް އަރަ އެވެ. އަދި 966.2 މިލިއަން ރުފިޔާ ވަނީ މި މަހުގެ އަގުގެ ގޮތުގައި ދައްކާފަ އެވެ.

މަސް ކިރުވައިފައިވާ އަދަދު ވަނީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 17،027 މެޓްރިކް ޓަން އިތުރުވެފަ އެވެ. އަދި މަސްވެރިންގެ އާމްދަނީ ވަނީ 153 މިލިއަން އިތުރުވެފަ އެެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ފޮނުއްވަމުން ފައުޒީ ވަނީ ބުރަ މަސައްކަތް ކުރައްވާ މިފްކޯގެ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ. އަދި މަސްކިރުމަށް ބޭނުންކުރެވޭނެ ޑިޖިޓަލް އެޕްލިކޭޝަނެއް މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ތާއާރަފް ވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ.

މިފްކޯއިން ދާދިފަހުން ވަނީ މަސް ގަންނަ އަދަދު އިތުރުކުރުމުގެ ގޮތުން މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފަ އެވެ. މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ބޯޓެއް (ޖަޒީރާ ރީފާ) ވެސް މިފްކޯ އިން ރާއްޖެ ގެނެސްފައިވެ އެވެ.