ބޮލީވުޑް

"ދޫމް ރީލޯޑަޑް" ގެ ބަތަލާ އަކީ ޕަރިނީތީ؟

Jan 23, 2016

ޔާޝް ރާޖްގެ ކުޑައިގެ ދަށުން 2011 ވަނަ އަހަރު ބޮލީވުޑަށް ތައާަފުވި ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ކެރިއަރުގެ ވޭތުވެދިޔަ އަހަރަކީ ވަރަށް ވަނދު އަހަރެކެވެ.

މިދިޔަ އަހަރު ޕަރިނީތީގެ އެންމެ ފިލްމެއް ވެސް ރިލީޒްވެފައިނުވާއިރު، ގިނަ ފިލްމުތަކަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.

ޕަރިނީތީގެ އެންމެފަހުން ނިކުތް ފިލްމު "ކިލްދިލް" ފްލޮޕްވުމާއި ގުޅިގެން ލިބޭ ހުރިހާ ފިލްމުތަކެއް ކުޅުމުގެ ބަދަލުގައި އޭނާ އިންތިޒާރުކުރަމުން އައީ ރަނގަޅު ފިލްމަކުން ހުށަހެޅުމެއް ލިބެންދެނެވެ.

އެގޮތުން އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ޔާޝް ރާޖްގެ "ދޫމް" ސިލްސިލާގެ ހަތަރު ފިލްމުގެ ބަތަލާއަކަށް ޕަރިނީތީ މިހާރު ވަނީ ހަމަޖައްސާފަ އެވެ. ބުނެވޭ ގޮތުގައި މިފިލްމުގައި ޕަރިނީތީ ފެނިގެންދާނީ މިސިލްސިލާގެ ދެވަނަ ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެން ގޮސްފައިވާ ރިތިކް ރޯޝަން އާއެކު އެވެ.

ކުރީގައި ހުރި ބިޔަ ހަށިގަނޑު ހިއްކާލާފައިވާ ޕަރިނީތީ މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ މިހާރު ވަނީ ފިލްމެއް ކުޅެން ސޮއިކޮށްފައި ކަމަށާއި ނަމަވެސް ވަގުތު ނުޖެހެނީސް އެފިލްމަކީ ކޮން ފިލްމެއްކަން ހާމަކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

މިފިލްމު ވެސް ޑައިރެކްޓްކުރަނީ "ދޫމް 3" ޑައިރެކްޓްކުރި ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ. މިސިލްސިލާގެ ކުރީގެ ތިން ފިލްމަށް ވުރެން މިފިްމުގައި އެކްޝަން މަންޒަރުތައް ގިނަވެފައި ނޭވާ ހިފަހައްޓާލެން ޖެހޭ ވަގުތުތައް ގިނަވާނެ ކަމަށް ބުނެވޭއިރު މިފިލްމުގެ އިތުރު ތަރިންގެ ތެރެއިން ކުރީގެ ތިން ފިލްމުން ވެސް ފެނިގެންގޮސްފައިވާ އަބީޝެކް ބައްޗަން ފެނިގެންދާނެ ކަމަށްވެ އެވެ.