ވާހަކަ

އިޙްސާސްވޭ

( 8 ޑިސެމްބަރ 2022 އާ ގުޅޭ )

އައިރިކް އައިސް މާޔަލްގެ އުނަގަނޑުގައި ހިފައި ގާތްކޮށްލިއެވެ. ކޯތާފަތުގައި ބޮސްދިނުމާއެކު ލުއިލުއި ބޮސްދިނުން ތަކުން މާޔަލްގެ މޫނު އޭނާގެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ. ގުޅިގެން ދިޔަ ނޭވާއާއެކު ދެ ޖިސްމު ވެސް ތިބީ އެއްކަމަކަށް ބޭނުންވެފައިކަން ހާމަވިއެވެ. ކުދިފިޔަވަޅުތަކުގައި މާޔަލް ފަހަތަށް ޖެހެމުން ގޮސް އައިރިކް އޭނާ އެނދުގައި ބާއްވާލައިފިއެވެ.

* * * * *

ހެނދުނުގެ ނާސްތާގައި ޢާއިލާއާއެކީ އައިރިކްގެ ދެމަފިރިން ބައިވެރިވިއެވެ. ސައި މޭޒުދޮށުން އެ ޢާއިލާއާއެކީ މާޔަލް ފެންނަ ފުރަތަމަ ފަހަރަށް ނުވިޔަސް މިހާރު އޭނާ އެ އިނީ އެ ގޭގެ ޅީދިރިއެއްގެ ހައިސިއްޔަތުންނެވެ. މަންމައާއި ބައްޕަ ކޮށްލި ހެނދުނުގެ ސަލާމަށް ދެމަފިރިން އެކުގައި ޖަވާބު ދިނެވެ. އެއާއެކު މާޔަލްގެ ހަނދާނަށް އައީ މިހާ ދުވަހު އޭނާގެ އަމިއްލަ ގޭގައި އުޅެމުން އައި ދިރިއުޅުމެވެ. ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލުކުރިއިރު މާޔަލްގެ ހަޔާތުން އާ ބާބެއް ފެށުނީކަން އޭނާއަށް އެނގެއެވެ. މުޅިން އާ މާޙައުލަކަށް އެހެން ބައެއްގެ އުސޫލުތަކަށް ހޭނެން އޭނާއަށް ދުވަސް ނަގާނެކަން އެނގެއެވެ. ފިރިމީހާގެ ލޯތްބާއެކީ އޭނާގެ މައިންބަފައިންގެ ލޯތްބާއި އިޙްތިރާމް ލިބޭނޭހެން އުޅުމަކީ މާޔަލްގެ އަމާޒެވެ.

ނާސްތާ ކުރިޔަށް ދިޔައިރު އަލަތު ދެމަފިރިންގެ "ހަނީމޫން" ދަތުރާ ގުޅިގެން އިސާކު ވާހަކަދެއްކިއެވެ. އައިރިކް ގަސްދުކޮށްފައި އޮތް ގޮތް ބައްޕައަށް ހާމަކުރީ ދެނެވެ. އަނބިމީހާއާއެކު ޗުއްޓީ ނިންމާފައި އެނބުރި އައިސް އޭނާ ބައްޕައާއި ކޮއްކޮއާއެކީ އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވާން ގަސްދުކޮށްފައިކަން އޮތީ ބުންޏެވެ. މޭޒުދޮށުގައި އިން އައިތަން އެ ނިންމުމާމެދު އުފާ ފާޅުކޮށް ވާހަކަދެއްކިއިރު ހިނިތުންވެލައިގެން ދަރިފުޅަށް ބަލަން އިސާކު ވެސް އިނީ ނުހަނު ބޮޑަށް ހިތްހަމަޖެހިފައެވެ. ގޭތެރޭގެ ހަމަޖެހުން އެނބުރި އަތުވެއްޖެކަމުގެ އިޙްސާސް ހުރިހާ ދަރީންނަށް ބަލަން އިން ޝަބްނަމްގެ ހިތަށް ކުރެވުނެވެ. އޭނާގެ ދެ ފިރިހެން ދަރީންނާއި ޅީ ދަރީން ވެސް މިއަދު އެ މޭޒުގެ ދޮށުން އެބަ ފެނޭ ވިއްޔާއެވެ. ރިއާ ވިހައިގެން ވެސް އައިތަންއާއެކީ އެ ގޭގައި އުޅޭން ޝަބްނަމް ބޭނުންވެޔެވެ. އެހެންވިޔަސް އެކުދީން ނިންމާފައި އޮތް ގޮތެއް އޭނާއަކަށް އަދި ނޭނގެއެވެ. ރިއާ ބަނޑުބޮޑުވީ އައިތަން ވަރިވާން ހިފާލާފައި ހުރި ދަނޑިވަޅެއްގައިކަން ވެސް ޝަބްނަމްއަށް އެނގެއެވެ. އެ ދެކުދީން ވަކި ނުވީތީ އެކަމާ ޝަބްނަމް އުފާވިއެވެ. ޚާއްޞަކޮށް މިހާރު އެ ދެމަފިރިންގެ ގުޅުން ވެސް އިހުނަށްވުރެ ގާތްވެއްޖެކަމުގައި ފެނެއެވެ.

ނާސްތާ ނިންމާފައި އައިރިކްއާއެކީ މާޔަލް އައިސް އެ ދެމަފިރިން ދިރުއުޅޭ ބަޔަށް ވަނެވެ. ބިއްދޮށުގައި ހުންނަ މަސްފެންގަނޑު ކައިރިޔަށް އައިރިކްއާއެކީ މާޔަލް ނުކުތެވެ. އެ ތަނުގައި ހުރި ގޮނޑީގައި އިށީންނަން އައުމަށް އައިރިކް ބުންޏެވެ. ގާތުގައި މާޔަލް އިށީނުމުން އަނބިމީހާގެ އަތްތިލަ ގެނެސް އައިރިކްގެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ. ދެމީހުންގެ ދިރިއުޅުން ބައްޓަންކުރާނޭ ގޮތަކާމެދު އައިރިކް ވާހަކަދެއްކިއެވެ. މުސްތަޤްބަލަށް ކުރާ އުންމީދުތަކުގެ ވާހަކަ އައިރިކް ޚިއްޞާކުރިއެވެ. ހަމައެއާއެކީ ފިނި ނޭވާއެއް ދޫކޮށްލުމާއެކީ އަމިއްލަ ލޮލުގެ ހާލަތު އައިރިކް ބަޔާންކުރިއެވެ. ޑަކްޓަރުގެ ވާހަކަތައް އޭނާ މާޔަލްއަށް ކިޔާދިނެވެ.

"ލިބެން ހުރި ކޮންމެ ފަރުވާއެއް ކުރަން އަހަރެން ބޭނުން." މާޔަލް ބުންޏެވެ.

"އެ ހުރިހާ ފަރުވާއަކުން ވެސް އަސަރެއް ނުކޮށްފިއްޔާ." މާޔޫސްކަމާއެކީ އައިރިކް ބުންޏެވެ. އެއާއެކު އައިރިކްގެ މޫނުގައި މާޔަލް އަތްޖައްސާލިއެވެ. މަޑުމަޑުން އޭނާގެ ތުނބުޅީގައި މާޔަލް ފިރުމާލިއެވެ.

"ދެން ވެސް އަހަރެން އިންނާނީ މިހެން. ރިކްއާއެކީ... އެންމެ ފަހުވަގުތާ ހަމައަށް. ރިކްއަށް އަބަދުވެސް އަހަރެންގެ އެހީތެރިކަން ލިބޭނެ. ދުވަހަކުވެސް ފޫއްސެއް ނުވާނެ. އެކަމް އަދި އިހަށް އުންމީދު ކަނޑާނުލާ. އިންޝާﷲ ދެރަގޮތެއް މެދުވެރިއެއް ނުވާނެ. އެހެންނޫނަސް ރިކްއަށް ނުފެންއިރު ވެސް އަހަރެން އަޖައިބުކޮށްލި މީހެއްތީ. އޭރު ވެސް ރިކް އުޅޭއިރު ހިޔެއްނުވޭ ލޮލަށް ނުފެންނަހެން." ފަހު ވާހަކައާއެކީ މާޔަލް ހިނިތުންވެލިއެވެ.

"ކިހިނެއްވީ." މާޔަލް އިސްޖަހާލި ގޮތް ފާހަގަވެ އައިރިކް ސުވާލުކޮށްލިއެވެ.

"ހަނދާންވީ އެކްސިޑެންޓްގެ ފަހުން އަހަންނަށް ފުރަތަމަ ފަހަރަށް ރިކް ފެނުނު ދުވަސް. ކުޑަކޮށް ވެސް ރިކްގެ މަތިން އަހަރެން ހަނދާނެއްނެތް. އެކަމަކު ފިހާރައިން ނުކުމެގެން އެ ވާރޭގެ ތެރޭ ގޮސް ރިކް ހުއްޓުވީ... އެ ދުވަހު ވެސް ހިތަކަށް ނާރާ ރިކްއަށް ނުފެނެޔޭ އެއްވެސް ތަނެއް... ރިކްއާ ގުޅިފައިވި އެއްވެސް ކަމެއް އިއްތިފާގެކޭ ބުނާން އަހަންނަށް ދަތިވަނީ ކީއްވެކަމެއް ނޭނގޭ. ކާކުކަން ނޭނގި ހުރެ ވެސް އަހަންނަށް ރިކް ކަމުދާންފެށި. އައިތަން ބުނި ބުނުމަށް މިގެއަށް އައިސް ރިކްއާ މީޓުވާން ފެށީމަ އަހަންނަށް ރިކްއާމެދު ވިސްނެން ފެށުނު. އެ ފީލިންގްސްއާ ވަރަށް ފައިޓް ކުރީން... ކިހިނެއް އެނގޭނީ އަހަރެން މަރުވާވަރަށް ލޯބިވާ މީހާ ކައިރީކަން ހުރެވުނީ." މާޔަލް ކުރިއަށް ޖެހިލައި އައިރިކްގެ މޭގައި ލައްވެލިއެވެ.

* * * * *

ރަޒާ މަގުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އިމާރާތުން ނެރެމުން ދިޔަ އެއްޗެހި ބޮޑު ޕިކަޕަކަށް އަރުވަން ދެ ބިސާއިން އުޅެއެވެ. އެމީހުން ކައިރީ ފޮށިތައް އުފުލުމުގައި ސަމާލުވާން ދޭތެރެއަކުން ރަޒާ ބުނެއެވެ. ޢާއިލާ އުޅޭން ރަޒާ ހިފާފައި ހުރި އެޕާޓްމެންޓު ދޫކޮށްލައި މަމްދޫހުމެން ގެ ބަދަލު ވަނީއެވެ. ރަޒާ އައީ ބޭބެ ގުޅާފައި އެހީތެރިކަމަކަށް އެދުނީމައެވެ. ފޮށިތައް އުފުލުމުގައި އުޅޭ ދެ ބިދޭސީންނަކީ ރަޒާގެ ޚަރަދުގައި ގެނައި މީހުންނެވެ.

"ރަޒާ ކައިރިޔަށް އަހަރެން ގެންދަންވީނު." އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އިނާޔާ ވާހަކަދެއްކިއެވެ. ބޮޑާ ކަމާއި ރުންކުރުކަމެއްނެތި އިނާޔާގެ ފަރާތުން ވާހަކައެއް އިވުނީ އަލަށެވެ.

"ދޮންބެއާއެކީ ދާން ބޭނުން ނޫނިއްޔާ މަންމަ ރަށަށް ދާންވީނު. އަހަރެން ޓިކެޓު ހަމަޖައްސައިދޭނަން. ބައްޕަ އަތުން ބޮޑުދައިތަގެ ނަންބަރު ލިބުނީމަ އެކޮޅަށް އަހަރެން ގުޅިން. ބައްޕަ ވަކިން ހަދާފަ ހުރި ކޮޓަރީގައި ޑަކްޓަރެއް ހުންނަ ވާހަކަ ބޮޑުދައިތަ ބުނީ. މައިގެ ހުރީ އަދިވެސް ތަޅުލާފައި. ބައްޕަ ތަޅުދަނޑި ވެސް އަހަންނަށް ދީފަ އެބައޮތް. މަންމަ ދާން ބޭނުމިއްޔާ އަހަރެން މަންމަ ގޮވައިގެން އެ ކޮޅަށް ހިނގައިދާނަން. ގޭގެ ހާލަތު އޭރުން އަހަންނަށް ވެސް ފެންނާނެއެއްނު. މަންމަ ހަމަޖެހުނީމަ އަހަރެން އަންނާނީ. ދަތިވާކަމެއް އޮތިއްޔާ އަހަރެން ހަމަޖައްސައިދޭނަން. ކޮންމެ މަހަކު ކޮންމެވެސް ވަރެއް މަންމަގެ އެކައުންޓަށް އަހަރެން ޖަމާކޮށްދެއްމުން ދާނީ." ރަޒާ ވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކީއެވެ.

"އަހަރެން އެކަނި އޮވެ މަރުވާންވީތަ؟. އަހަރެން ބައްޔެއް ވިޔަސް އަޅާލާނޭ މީހަކު ނުހުންނާނެ." އިނާޔާ ބުންޏެވެ.

"ރަށުގައި މަންމަގެ ޢާއިލާ މީހުން ބައިވަރު. އެމީހުންގެ ރަނގަޅު ވާހަކަ މަންމަ ދައްކަމެންނު. މަންމަގެ ތި ގޮތްދޫނުކުރާ ގޮތް ބަދަލުކުރަންވީ. މީހުންނާ ގުޅިގެން އުޅޭން މަސައްކަތް ކުރަންވީ. އެހެންނޫނަސް މިހާރު ފޯނުން ކޮންމެ ތަނެއްގައި ހުންނަ މީހަކާ ވެސް ވާހަކަދެއްކޭ. މަންމަ ބޮޑު ބައްޔެއް ވެއްޖެއްޔާ އަންގާލެވޭނެ. ދުރުގަ ހުއްޓަސް އަހަރެން އެހީވާނަން." ރަޒާ ބުންޏެވެ.

"ދަރީން ބޮޑެތިވެ އުޅެވޭނޭ ގޮތް ފެނުނީމަ މައިމީހާ ނުބަލަންވެގެން ފޮނުވާލަނީ. އެއީތަ ހެޔޮ އެދޭ ދަރީން ކަންތައް ކުރާ ގޮތަކީ." އިނާޔާ ބުންޏެވެ.

"މަންމަ ވިސްނާލަބަލަ. ދަރީން ބައިބައިވެދާނޭތީ ހުރިހާ ކުދީން ގޮވައިގެން މަންމަ އުޅުނީ ކޮންދުވަހެއްގައި. އަހަރެމެން ދުނިޔެއަށް އަންނަނީ މި ހުރި ގޮތަކަށްނޫން. ދަރީން ތަރުބިއްޔަތުކޮށް އެ ދަރީން ރަނގަޅު މަގަށް ހާނަން މަންމައަށް ވަގުތު ނުލިބޭތަ؟. ދަރީން މައިމީހާގެ މަތިން ހިތްކެނޑުނީމާއެއްނޫން ދަރީންނަށް ބުނެދޭންވީ ސުވަރެވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ. ދަރީންނަކީ ވެސް މައިންބަފައިންނާ ހަވާލު ކުރެވޭ އަމާނާތެއް. އެ ޒިންމާ އަދާކުރުން އޮންނަނީ ހިތުހުރި ގޮތަކަށްނޫން. ބައްޕަ ދެއަތް އުރާލައިގެން މަސައްކަތެއް ނުކޮށް ހުރި ދުވަހެއް އަހަރެން ނުދެކެން. ބައްޕަ ޚަރަދުތައް ބެލެހެއްޓީތީ އެގޮތް މިގޮތަށް ވިޔަސް އަހަރެމެން ހުރިހާ ކުދީން ބޮޑެތިވެފަ މިތިބީ. މާލެއަށް އުފަންވީތީ މާލޭގެ ސުކޫލުތަކުން ފީއަކާނުލާ ކިޔެވިފަ މިތިބީ. ދޮންތަ ފާޅުގައި މަންމަ ނުބެލޭނެއޭ ބުނަންޖެހުނީ ސަބަބެއް ނެތިއެއްނޫން... އެކަން މަންމަ ވިސްނާލީމާ އެނގޭނެ. އެކަމަކު އަހަންނާއި ދޮންބެ އަދިވެސް މިތިބީ މަންމަ ބަލަން. ކަންތައްތައް ވީގޮތުން އަހަންނަށް ދެން ނެތީ އެންމެން އެކުގައި އުޅެވެން. މައިރާގެ މައިންބަފައިން ކައިރީ އުޅޭއިރު އަހަންނަކަށް ނޯންނާނެ އަހަރެންގެ މީހުން އެތަނަށް ވެއްދޭކަށް. އެއީ އަހަރެން ބޭނުންވާ ގޮތެއް ވެސް ނޫން. މަންމަ ރަށަށް ފޮނުވާލަން މިއުޅެނީ ނުބެލިގެންނެއްނޫން. ބަލަން ބުރަވެގެންނެއް ވެސް ނޫން. ރަށް ވެސް މިހާރު އެވަނީ ތަރައްޤީވެފައި. މަންމައަށް ނަގައިން ކާރު މަންމައާއެކީ ރަށަށް ފޮނުވައިދޭނަން. އޭރުން މަންމައަށް އެކޮޅުގައި ވެސް ހިނގާފަ އުޅޭކަށް ނުޖެހޭނެ. މި މާލެއަށްވުރެ ހަމަޖެހޭ ތަނަވަސް ދިރިއުޅުމެއް މަންމައަށް އެކޮޅުގައި އުޅެވޭނެ. އެއްވެސް ކަމެއްގައި އުނދަގޫ ކުރާނޭ ދަރިއަކު ނުހުންނާނެ." ރަޒާ ވާހަކަދެއްކީ އިނާޔާއަށް ބަލަން ހުރެއެވެ.

އަނގަ ހުޅުވާލާކަށް އިނާޔާއަކަށް ނުކެރުނެވެ. ދަރިއަކަށް ވިޔަސް ރަޒާ އެ ދެއްކީ ލައްކަ ގިނަ ވާހަކައެވެ. އެ ވާހަކަތަކުގައި ހުރި ތެދުކަން މިއަދު އިނާޔާ ވިސްނާލީމާ ޤަބޫލުކުރެވެއެވެ. ދުނިޔޭގައި ހުރިއްޔާ އިންސާނާގެ އުމުރު ދާނީ މައްޗަށެވެ. މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އޭނާގެ ގާތުގައި ފިރިއަކުނެތްއިރު އަޅާލާނޭ ދަރިއަކު ހުންނާނޭކަމެއް މިހާރު ޔަގީނެއްނުވެއެވެ. އޭނާ ހަޤީޤަތުގައި ވެސް މަރުވާނީ އެކަނި ހާލައިގެން އޮވެބާއޭ އިނާޔާ ހިތަށް އެރިއެވެ. އެ ޚިޔާލާއެކީ އޭނާގެ މޭގައި ރިހުމެއް އުފެދުނެވެ. އެފަދަ ދުވަހެއް އައިސްދާނޭ... އެފަދަ ނިކަމެތި ކަމެއް ޖެހިދާނޭ މީގެ ކުރީން އިނާޔާއަށް ވިސްނާލެވިފައެއް ނެތެވެ. ކުރި ކައިވެނިން ފޯދުނު ކުރިތައް ލޯބިން ފެންދީ ބަލަހައްޓާނޭ ފުރުޞަތު އޭނާއަށް ލިބުނެވެ. ނަމަވެސް އަމިއްލަ ނަފްސު ނޫން އެއްޗެއް އޭނާއަށް މިހާ ދުވަހު ނުފެނެއެވެ. ދުނިޔެ މިއަދު އޭނާއަށް މިދައްކަންފެށީ އާކުލައެއްނޫނެވެ. އެއީ އޭނާއަށް ހެދުނު ގޯހުގެ ނަތީޖާއެވެ. އުޅެވެމުން އައި ގޮތާމެދު ވިސްނަންވެއްޖެކަން ހަނދާންކޮށްދިނީއެވެ. ތާއަބަދު ހާލަތު އެއްގޮތަކަށް ނޯންނާނޭކަން އޭނާއަށް ބުނެދޭން މަސައްކަތް ކުރަނީއެވެ. ތިމާގެ ޢަމަލުތަކާމެދު ފަރުވާތެވާންވެއްޖެކަން އިނާޔާ ވިސްނިއްޖެއެވެ. މައިލަގޮނޑިއަށް އިޙްސާސް ކުރެވުނުއިރު މިއަދު އޭނާގެ ކަރުބުޑުގައި ހިތި ރަހަ ލައިފިއެވެ. ދުނިޔެ ބަނޑުދަށުލުމުގެ ދަހިވެތިކަން އަމިއްލަ ބުއްދީގައި އުފެދުނު ކަތުރުފަންޏެކޭ އެއްފަދަވީއެވެ. ދެއްކުންތެރިކަން އިންތިހާއަށް ދިޔައީއެވެ. މިހުރިހާ ކަމަކާ ވިސްނަން އިނާޔާއަށް ހުރެވުނެވެ.

* * * * *

މެންދުރު މާޔަލްމެން ގެއަށް އޭގެ ދެމަފިރިން އައީ އާމާލް އެދިފައި އޮތީމައެވެ. މެންދުރުގެ ކެއުން އޭގެ ދެމަފިރިން ކެއީ އެގެއިންނެވެ. ސުފުރާމަތީ ކުރިޔަށް ދިޔަ މައުޟޫޢުއަކަށްވީ ރަޒާއާއި މައިރާ އުމްރާއެއް ކުރާން ވިސްނާ ވާހަކައެކެވެ. އަންނަ އަހަރު ދެވޭވަރަށް އެ މީހުންގެ އަތުގައި ފައިސާ ހަމަވާނެކަން ޔަގީންވާތީއެވެ. ދަރިފުޅުގެ އެ ވިސްނުމާއެކީ އާމާލް ވެސް ދަރީންނަށް ކަމެއް ހާމަކުރިއެވެ. އޭނާ ބުރުގާ އަޅާން ނިންމައިފިކަމެވެ. އޭނާ ބޭނުންވަނީ ހެދުންތައް ދިގުކޮށް ބަހައްޓާށެވެ. އެހެންވެ ފަހަން ދީފައި ހުރި ތަނުން ހެދުންކޮޅެއް ލިބިފައިވުމުން ދެން ލަސްނުކޮށް ބުރުގާ އަޅާން އޭނާ ގަސްދުކުރީއެވެ. އަދި މަޒްހަރާއި އާމާލް ހައްޖެއް ކުރާން ވިސްނަމުންދާކަން ކުދީންގެ ކައިރީ ބުންޏެވެ. ގައިގާ ވަރުހުއްޓާ އެ އަޅުކަން ކުރުމުގެ ތަނަވަސްކަން ހުރެމެ މަޑުކުރުމަކީ ރަނގަޅު ކަމެއްނޫންކަން އޭގެ ދެމަފިރިންނަށް ވިސްނުނީއެވެ.

"މައްޔު. ދަރިފުޅުގެ ފިހާރަ ހުރި ހާލެއް ނޭނގޭ." މަޒްހަރު ބުނެލިއެވެ.

"އަދި އެކަން ވެސް ކުރަންވެފަ އޮތީ." މާޔަލްއަށް ބުނެވުނެވެ.

"އެ ފިހާރަ ހިންގަން އަދިވެސް ދަރިފުޅު ވިސްނަންތަ؟." އާމާލްއަށް އަހާލެވުނެވެ.

"ބަންދުކުރުމުގެ ވިސްނުމެއްނެތް. އެކި ސަބަބު ތަކާހުރެ މިއަހަރު މި ހުސްވީ ފިހާރައިގެ ކަމެއްގައި ނޫޅެވި. އެކަމާ ދޮންތިއާ މަޝްވަރާކޮށްލަން ވިސްނައިގެން މިހުންނަނީ. އެބައޮތް ޚިޔާލެއް ވެސް... އެކަމަކު ދަތުރުގެ ފަހުން އެކަމާ އުޅޭނީ." މާޔަލް ބުންޏެވެ.

އައިރިކްއާއި މާޔަލް ހަނީމޫނަށް ދަނީ އެއް މަސް ދުވަހުގެ ޓުއާއެއްގައެވެ. ދުނިޔޭގެ މަޝްހޫރު ލޯބީގެ މަންޒިލްތަކުގައި އެމީހުންގެ ލޯބީގެ ހަނދާންތައް ބިނާކުރުމަށެވެ. އަނބިމީހާ ގޮވައިގެން ދަތުރު ކުރާން އައިރިކް ބޭނުންވީ އޭނާގެ އަމިއްލަ ފައިސާގައެވެ. އެހެންވެ ޢާއިލާ މީހެއްގެ އެހީތެރިކަމެއް އޭނާ ޤަބޫލެއް ނުކުރިއެވެ. އޭނާގެ މާޔާއަށް ޓަކައި ކޮށްދެވޭ ކޮންމެ ކަމެއް އައިރިކް ކުރާން ބޭނުންވަނީ ޚުދު އަމިއްލައަށެވެ.

ގޭތެރެ ފަޅުވިކަމުގެ އިޙްސާސް އާމާލްއާއި މަޒްހަރު ހީކުރި ވަރަކަށް ނުކުރެވުނެވެ. މާޔަލް ނެތްތަން ފޫބައްދައިދޭން މައިރާއާއި ރަޒާ ތިބީމައެވެ. ދަރީންގެ ދިރިއުޅުން ހަމަޖެހުމަކީ މައިންބަފައިންނަށް ވެސް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެވެ.

* * * * *

1 އަހަރު ފަހެވެ.
ގޭތެރެއަށް ވަދެގެން އައި މަލަކްއާއެކީ ދައްޔާނު ހުއްޓެވެ. ޓެރެސްގައި ހަވީރުގެ ސައި ތައްޔާރުކޮށްފައި އޮތްތަނަށް ދައްޔާނު ގޮވައިގެން މަލަކް ނުކުތެވެ. އޭނާ ދައްޔާނާއި އަލުން ގުޅޭން ނިންމީއެވެ. ދުރުގައި ދެ މީހުން ތިބޭތާ ހަ މަސް ވީއިރު ވެސް މަލަކްއަށް ދައްޔާނުގެ މަތިން ހަނދާންނައްތައެއް ނުލެވުނެވެ. ހަމައެއާއެކު އޭނާގެ ގާތުގައި ޒޭވްޔާ ދެއްކި ވާހަކަތަކުގެ ސަބަބުން ދައްޔާނު ކުށްވެރިއެއް ވެސް ނުކުރެވުނެވެ. ނުވީތާކަށް ހަ މަސް ފަހުން ދައްޔާނާ ފިހާރައެއްގެ ތެރެއިން ދިމާވި ދިމާވުންވީ މަލަކްގެ ކެތްތެރިކަމުގެ ފާރު ފުނޑުފުނޑުވާން މެދުވެރިވީ ސަބަބެވެ. މިފަހަރު އިސްވެ ގުޅީ މަލަކްއެވެ. ދައްޔާނު ފޯނު ނެގިއިރު ހީވީ މަލަކް ނުގުޅައިގެން ހުރީ ހެންނެވެ. އޭނާއެކޭ އެއް ހާލެއްގައިކަން ދައްޔާނު ހުރީ އެނގުނީ އެހިސާބުންނެވެ. ދެ މީހުން ވެސް އެކަކުއަނެކަކުދެކެ ވީ ލޯތްބަށް ބަދަލެއް ނާދެއެވެ. ރައްޓެހިވިތާ އެއް މަސް ވުމުން މަލަކްގެ ޢާއިލާއަށް އެ ޚަބަރު ދިނެވެ. އެންމެންނާ ބައްދަލުކޮށްދޭން ދައްޔާނު ގެއަށް ގެނައެވެ. މާޔަލްއާއި މައިރާއަށް މުހިންމީ މަލަކްގެ އުފަލެވެ. ލިބުނު ފިލާވަޅު މަލަކް ހަނދާން ހުންނާނޭކަން އޭގެ ދެބެންނަށް ޔަގީންވެއެވެ. އެހެންވެ މަލަކްގެ އެ ނިންމުމަށް އެމީހުން ތިބީ ރުހިގެންނެވެ. މަލަކްގެ ކިޔެވުން ނިންމާފައި ނޫނީ އޭނާ ހުރީ ކައިވެނި ކުރާ ގޮތަކަށްނޫނެވެ. ޑިގުރީއަށް ފަހު އޭނާ ވަޒީފާ ހޯދީއެވެ. އެއަށްފަހު އަނެއްކާ ވެސް ކިޔަވަން ފެށީއެވެ. މާސްޓާސް ނިމުނީ އަދިކިރިޔާއެވެ. ގްރެޖުއޭޝަން އޮތީ ދެ މަސް ފަހުން، އަންނަ މާރިޗުގައެވެ. ދެން އޮތީ އެއަށްވުރެ މައްޗަށް ކިޔެވުމެވެ. އެހެންނަމަވެސް ދައްޔާނުވަނީ ރާއްޖޭން ބޭރަށް މަލަކްގެ ކިޔެވުން ފުރިހަމަ ކުރާން ދާނަމަ ކައިވެނި ކުރާން އެދިފައެވެ. އެ ވާހަކަ އެ ދެމެދުގައި އަދި އޮތީ އޮއްބާލެވިފައެވެ.

"މިއޮއް އައީ ތި ނައިސްގެން އުޅުނު މީހުން." މަލަކްއާއި ދައްޔާނު ފެނިގެން އާމާލް ބުންޏެވެ.

މިއަދުގެ ސަޔަކީ ޚާއްޞަ ސަޔަކެވެ. ރަޒާއާއި މައިރާއަށް ދަރިއަކު ލިބެނީއެވެ. އެ އުފާވެރިކަން ޢާއިލާގެ މެދުގައި ފާހަގަކުރަނީއެވެ. މަލަކް ސޮރީ ސޮރީ ކިޔަމުން އައިސް ދައްޔާނާއެކީ މޭޒުދޮށުގައި އިށީނެވެ. މާޔަލްއާއި އައިރިކްގެ ކުރިމަތީ މައިރާއާއި ރަޒާ ތިއްބެވެ. އެމީހުންނާ ޖެހިގެން ތިބީ މަންމައާއި ބައްޕައެވެ. އެންމެންގެ ތެރޭ އެކިއެކި ވާހަކަތައް ދެކެވުނުނެވެ. މާޔަލްއާއި މައިރާ ޚިއްޞާވާހެން މާވިއްކާ ފިހާރަ ބޮޑުކޮށް ކޭކުގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އެ ދެ އަންހެންކުދީންގެ ވިޔަފާރިއަށް އައިރިކްއާއި މަޒްހަރު ވަނީ އިންވެސްޓްކޮށްދީފައެވެ. އެންމެންގެ އެހީތެރިކަން ނުހަނު ބޮޑަށް ލިބެމުންދެއެވެ. ދެބެންގެ މަސައްކަތް ގުޅުވާލުމުން ދެބެންގެ ހުވަފެން އެއް ހުވަފެނަކަށް ވެއްޖެއެވެ. އެ ދުވަސް ދުރުގައި ވިޔަސް އެންމެންހެން މިހާރު އިންތިޒާރު ކުރަނީ މައިރާއާއި ރަޒާގެ ދަރިފުޅު ދުނިޔެއަށް އުފަންވާނޭ ދުވަހަކަށެވެ. ހުނުމާއި ސަކަރާތުގައި އެ އުފާވެރި މާޙައުލުގައި އިރުއޮއްސުމާ ކައިރިވަންދެން އެންމެން ތިއްބެވެ.

ކޮޓަރިއަށް ވަދެވުމުން މައިރާ ދެއްކީ ރަޒާގެ މަންމައަށް އެމީހުންގެ އެ އުފާވެރި ޚަބަރު ދޭންވާނޭ ކަމެވެ. ނަމަވެސް ރަޒާގެ ޚިޔާލު ތަފާތުވިއެވެ. ދުވަސްކޮޅަކަށް މަޑުކޮށްލަން ރަޒާ ބުންޏެވެ.

މަމްދޫހާއެކީ ބަދަލުވި އިނާޔާއަށް އެމީހުންނާއެކީ ނޫޅެވުނީ ކީއްވެކަމެއް ނޭނގެއެވެ. ބަދަލުވިތާ ދެ ހަފްތާ ފަހުން ރަޒާއަށް ގުޅާފައި އިނާޔާ ރަށަށް ދާން އެއްބަސްކަމުގައި ބުނީއެވެ. މަންމަ ގޮވައިގެން ރަށަށް ރަޒާ ދިޔައެވެ. މަންމައާއެކު އެއް މަސް ރަށުގައި މަޑުކުރިއެވެ. މަންމައަށް ދަތިވާނޭ ހުރިހާކަމެއް ފުރިހަމަކޮށްދިނެވެ. އޭނާ ވަޢުދުވިފަދައިން ކޮންމެ މަހަކު މުސާރަ ލިބުމުން މަންމަގެ އެކައުންޓަށް ބަރާބަރަށް ފައިސާ ޖަމާކުރެއެވެ. ރަޒާ މާލެ އަންނަންވުމުން އިނާޔާ އެދުނީ ކޮންމެ ދުވަހަކުވެސް އެއްފަހަރު އެ މަންމައަށް ގުޅާލަދިނުމަށެވެ. އެކަން ވެސް ރަޒާ އަންނަނީ ކުރަމުންނެވެ. މަންމަގެ ހާލު އޭނާ ރަނގަޅަށް ބަލައެވެ. ރަޒާއަށް ފާހަގަވީ އޭނާގެ މަންމަ މިހާރު ކޫސަނި ޝަކުވާ ނުކުރާކަމެވެ. މަޑުމަޑުން މަންމައަށް ވެސް ހެޔޮ ބަދަލުތައް އަންނަނީ ކަމުގައި ޤަބޫލުކުރާން ރަޒާ ބޭނުންވީ އެހެންވެއެވެ.

* * * * *

"ކޮންތާކުން ތިއައީ." ސޯފާގައި ގުރުއާން ކިޔަވަން އިން އަނީސާއަށް ގޭތެރެއަށް ވަދެގެން އައި ދައްޔާނު ފެނި އަހާލިއެވެ.

"މަންމަ ކައިރީ ބުނީމެންނު މަލްމެން ގޭގަ ކަމެއް އޮތީމަ އެގެއަށް ދަނީއޭ. ނިމުނު އިރު ބަންގި ގޮވައިފި. އެހެންވެ މިސްކިތަށް ގޮސްފަ މިއައީ." ދައްޔާނު އައިސް މަންމަގެ ކައިރީ ސޯފާގައި އިށީނެވެ. މިސްކިތަށް ދައްޔާނު ދިޔަކަން އެނގުމުން އަނީސާ ހިތްހަމަޖެހުނެވެ.

"ދެން ތިހެން ނޫޅެ ދަރިފުޅުމެން ކައިވެނި ކުރާނީ ކޮންއިރަކުން." އަނީސާ އަހާލިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް." ދައްޔާނު ބުނެލިއެވެ. އެއީ މިފަހަކަށް އައި އަނިސާ އަހާއިރަށް ދައްޔާނު ދޭ ޖަވާބެވެ.

"ތިހެން ބުނާނީ. މަންމަ ހިތަށް އަރާ މަންމަ ދުނިޔޭގަ ހުއްޓާ ކަލޭމެންގެ ތެރެއިން ކުއްޖަކު މީހަކާ އިންނާނެ ނަމައޭ. މަންމައަށް އެނގިގެން އެކަހަލަ ކަމެއް ކުރަނީ ދަރިފުޅު. އެހެންވީމަ ދަރިފުޅު ކައިރީ ދޯ ކިޔޭނީ އަވަހަށް އިންނާށޭ." އަނީސާ ބުންޏެވެ. ވަކި އެއްޗެއް ނުބުނެ ދައްޔާނު ޖަހާލީ ހިނިގަނޑެކެވެ. އަނީސާ ހިމޭންވެލުމާއެކު ކަމަކާ ވިސްނަން އިނދެފައި ވާހަކަދެއްކިއެވެ.

"މިއުވާނު ގުޅި." އަނީސާ އަތުގައި އޮތް ހަތިމަށް ނަޒަރު ހުއްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ.

މިއުވާނު އެއްޗެއް ބޭނުންވީކަން ދައްޔާނަށް އިނގެއެވެ. ބައްޕަ އޮތީ އެއްވެސް ގޮތަކުން މިއުވާނަށް އެހީ ނުވާނެކަން ބުނެފައެވެ. ކުރީން ޖަލަށް ލީ ފަހަރު ވެސް މަންމައަށް ޓަކައި ބައްޕަ މިއުވާނަށް ޚަރަދުކުރިއެވެ. ނުވީތާކަށް ޖަލުން ދޫކޮށްލުމުން އަމިއްލަ ގެއަށް ގެނެސް ވަޒީފާއެއް ލިބޭންދެން މިއުވާނުގެ ކަންކަން ބައްޕަ ބަލަހައްޓާ ދިނެވެ. އެކަމަކު މިފަހަރު މިއުވާނުގެ މައްޗަށް އައީ ބާރަ އަހަރުގެ ޖަލު ހުކުމެކެވެ. އެވެސް މަސްތުވާ އެއްޗެހީގެ މައްސަލައިގައެވެ. މަންމައަށް ފަހު ކިރިޔާ ވެސް މިއުވާނާ ގާތްކަމެއް އުފެދިފައި އޮތީ ދައްޔާނާއެވެ. އެހެންވެ އޭނާ މަންމައަށް ޓަކައި ކޮށްދޭކަމެއްގެ ގޮތުގައި މިއުވާނު ޖަލުގައި ހުރެ ބޭނުންވާ ކަންކަން ކޮށްދޭންފެށީއެވެ. އެމީހުންނޫނީ އޭނާއަށް އަޅާލާނޭ އެއްވެސް ފަރާތެއް މި ދުނިޔޭގައި ނެތްކަން އެނގޭތީއެވެ.

މިއުވާނު ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާ އަމިއްލައަށް މަސްތުވާ އެއްޗެއް ބޭނުންނުކުރާކަމެވެ. މީހަކު އޭނާއަށް ނޭނގި މަސްތުވާ އެއްޗެއް ދިނީ ކަމެވެ. އަދި އޭނާއަށް ހޭވެރިކަމެއްވީއިރު އޭނާގެ އަތުގައި މަސްތުވާ އެއްޗެހި ހުރިކަމެއް ނޭނގޭ ކަމެވެ. އެކަން އެނގުނީ ފުލުހުން ފާސްކުރީމާ ކަމެވެ. އޭނާ ފްރޭމްކުރި ކަމުގެ ތުހުމަތި ޒޭވްޔާ ކިޔާ މީހެއްގެ ބޮލުގައި މިއުވާނު އަޅުވަމުން ދިޔަ ނަމަވެސް އޭނާގެ އަޑު އަހާނޭ މީހެއް ނެތެވެ. ހުރިހާ ހެއްކަކާއެކު އޭނާ ހުރީ ބެދޭނެ އެންމެ ފުރިހަމައަކަށް ބެދިފައެވެ. އޭނާ ޖަލުގައި ހުއްޓާ ދައްޔާނު ބައްދަލުކުރާން ދިޔައެވެ. ޒޭވްޔާގެ ނަން މިއުވާނު ބުނުމުން އެއީ ކާކުކަން ދައްޔާނަށް އެނގުނެވެ. ނަމަވެސް މިފަހަރު އޭނާ ގަސްދުކުރީ ބޭބެއަށް ސިއްރުކުރާށެވެ. އަދި މިއުވާނު ކުރި މުޑުދާރު ކަންތައް ފަޅާއެރިކަން ދައްޔާނު ހާމަކުރީ ދެނެވެ. މަލަކްއަށް ދޭން ގަސްދުކުރި ފައިސާ މީހަކު އެގެއަށް އައިސް ހަވާލުކުރިކަން ވެސް ދައްޔާނު ބުންޏެވެ. އެ ފައިސާ މިއުވާނު މިނިވަންވީ ދުވަހަކުން ލިބޭނެކަން ދައްޔާނު އެ ދުވަހު ބުންޏެވެ. މާޔޫސްކަން ޔަގީނުން ވެސް މިއުވާނުގެ މޫނުން ދައްޔާނު ދުށްޓެވެ. އޭނާއާ ބައްދަލުކުރާން ދައްޔާނު ދޭތެރެއަކުން އައުމަށް މިއުވާނު އެދުނެވެ. މިއުވާނު ހުރީ ވަރަށް ބޮޑަށް އެކަނިވެފައިކަން ދައްޔާނަށް ވިސްނުނެވެ. މިއުވާނު މަޢާފަށް އެދުނީތީ ދައްޔާނު ބޭބެއަށް މަޢާފުކޮށްދިނެވެ. ނަމަވެސް މިއުވާނަށް އިތުބާރު ކުރާން ދަތިވާނޭކަން ހާމަކުރިއެވެ. އުޅުން އިސްލާހު ކުރުމަށް މިއުވާނަށް ދައްޔާނު ނަސޭޙަތް ދިނެވެ. ޖަލުގައި ބާރަ އަހަރު ވަންދެން ހުންނައިރު ވިސްނާ ފިކުރު ކުރާން ވަގުތު ލިބޭނެކަން ގައިމެވެ.

* * * * *

ގެއަށް އައިސް އިޝާ ނަމާދުކޮށްލައިގެން މާޔަލް ކޮޓަރިން ނުކުތެވެ. އައިރިކް ފެންނަން ނެތުމުން އޭނާ ހަލުވިފިޔަވަޅުގައި ނުކުތީ ބިއްދޮށް ފަރާތަށެވެ. ވަގުތުން މާޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގޮނޑީގެ ލެނގޭ ބައިގަ އަތް އަޅުވާލައިގެން މަސްފެންގަނޑާ ދިމާއަށް ބަލަން އައިރިކް އިނެވެ. ތަނަށް ވެރިވެފައި އޮތީ މަސްފެންގަނޑުގެ ބޮކިތަކުން އެޅިފައި އޮތް އަލިކަން އެކަންޏެވެ. މާޔަލްގެ ހިލަންވުމާއެކު އައިރިކްގެ ލޮލުގައި ޖައްސާލި އަތްތިލަ ތިރިކޮށްލިއެވެ. މާޔަލް އައިސް އައިރިކްގެ ނުހަނު ގާތުގައި އިށީނެވެ. ކުލުންވެރި ބެލުމަކުން ފިރިމީހާއަށް ބަލަން އިނދެފައި އެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ދެން ގާތަށް ޖެހިލައި އައިރިކްގެ ދެ ލޮލުގައި މާޔަލް ބޮސްދިނެވެ.

"ޑޯންޓް ވޮރީ." މާޔަލް ބުނެލިއެވެ.

"އިޓްސް ގެޓިން ވޯސް..." އައިރިކް މަޑުމަޑުން ބުނެލިއެވެ.

"އައި އޭމް ނޮޓް ގޮއިން އެނިވެއާ. އައި ލަވް ޔޫ... މޯ ދެން ޔެސްޓަރޑޭ. މޯ ދެން އެނީތިންގް... ރިކްއަށް ފެނުނަސް ނުފެނުނަސް އަހަރެންގެ މި ލޯބި ބަދަލެއްނުވާނެ. ރިކްއަށް އަބަދުވެސް އަހަރެންގެ އިޙްސާސް ކުރެވޭނެ. އަހަރެންވާ ލޯބި އިޙްސާސް ކުރެވޭނެ. ނޫންތަ؟." މާޔަލް ބުންޏެވެ. ލުއި ހިނިތުންވުމެއް އައިރިކްގެ ތުންފަތަށް ވެރިވިއެވެ.

"މާޔާގެ އިޙްސާސްތައް އަބަދުވެސް ވަނީ އަހަރެންގެ އިޙްސާސްތަކާއި ގުޅިފައި. އެހެންވެ ވޮރީއެއްނުވޭ." އައިރިކް ބުންޏެވެ. އަދި މުސްތަޤުބަލާ މެދު އައިރިކް ޚިޔާލު ފާޅުކުރިއެވެ. މައިރާ ވިހާއިރު މާޔަލް ބަލިވެ ބައިންދިމުގެ ވިސްނުން ގެންގުޅޭން ކަމުގައި އައިރިކް ބުނެލީ ސަމާސާއެއް ފަދައިންނެވެ. ނަމަވެސް އެ ޚިޔާލު މާޔަލްއަށް ނުހަނު ކަމުގޮސްފިއެވެ.

މަޑުމަޑުން އައިރިކްގެ ލޮލުގެ ފެނުން ދަނީ ދަށަށްކަން ޢާއިލާއާއި ގާތް އެންމެންނަށް އެނގެއެވެ. އެކަމަކު މިފަހަރު އައިރިކްގެ އަޒުމް ވަރުގައެވެ. ލޮލުގެ ފެނުން ގެއްލުނެއްކަމަކު އޭނާ މާޔޫސްވާކަށް ނޭދެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އޭނާ ދެނެއް ފަހެއް ނުޖެހޭނެއެވެ. ބައްޕައަށް ވީ ވަޢުދާއެކު އޭނާ އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވެއެވެ. އެކަމުގައި އޭނާއަށް މާޔަލް ވަރަށް ބޮޑަށް އެހީތެރިވެއެވެ. މީހުންގެ އެހީތެރިކަން ބަލައިގަންނަން މާޔަލްގެ ފަރާތުން އައިރިކް ދަސްކޮށްފިއެވެ. މާޔޫސްވެ ނާއުންމީދުވުމަށްވުރެ ހަޔާތުގައި ޝުކުރުވެރިވާންވީ ކަންކަން މާ ގިނަކަން އައިރިކްއަށް މިހާރު ވިސްނިއްޖެއެވެ. ޚާއްޞަކޮށް އޭނާއަށް މާޔާ ލިބުނީމައެވެ. އެއީ އޭނާގެ ދިރިއުޅުން ފުރިހަމަކޮށްދިން ލޯތްބެވެ. އެ ލޯތްބަށް ޓަކައި ލޮލުގެ ފެނުމަށްވުރެ އައިރިކްގެ އިޙްސާސްތައް ފުދެއެވެ.

(ނިމުނީ)