ޓޫރިޒަމް

ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ސްޕެއިންގެ މެޑްރިޑް ގައި މިހާރު ކުރިއަށްދާ "ފިތޫރު" ފެއާގައި ރާއްޖެ ބައިވެރިވެއްޖެ އެވެ. އެ ފެއާ އަކީ ސްޕެއިންގައި ބާއްވާ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް އިވެންޓެވެ.

އިއްޔެ ފެށި މި އިވެންޓް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު މި އިވެންޓްގައި ރާއްޖެ ތަމްސީލުކުރަނީ މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އެވެ. ރާއްޖެ އިސްތިހާރުކުރުމަށް އިވެންޓްގައި ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވަނީ، އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

އެމްއެމްޕީއާރްސީއިން ބުނާ ގޮތުގައި "ފިތޫރު" ފެއާއަކީ ދުނިޔޭގެ ގިނަ ގައުމުތަކުން އެ ގައުމުތަކުގެ ޓޫރިޒަމް އިސްތިހާރުކޮށް، އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ހުޅުވާލެވޭ ރަނުގެ ފުރުސަތެކެވެ. އަދި އިވެންޓަކީ ލެޓިން އެމެރިކާ ފަތުރުވެރިންގެ މާކެޓް ރާއްޖެއަށް ހޯދުމަށް މުހިންމު އިވެންޓަކަށް ވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. އެގޮތުން ސްޕެނިޝް ބަހުން ވާހަކަ ދައްކާ މެކްސިކޯ، ކޮލަމްބިއާ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގެ ފަތުރުވެރިންނާއި ޕޯޖުގީސް ބަހުން ވާހަކަ ދައްކާ ޕޯޖުގަލް، ބްރެޒިލް ފަދަ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެ އެވެ.

ރާއްޖެ އިސްތިހާރުކުރުމަށް ސްޓޯލެއް ރީތިކޮށް ތައްޔާރުކޮށްފައިވާއިރު ރާއްޖެއަކީ މި އިވެންޓްގައި ބައިވެރިވާ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންތަކުގެ ތެރެއިން ޑެސްޓިނޭޝަނެކެވެ. އަދި ރާއްޖޭގެ އިސްތިހާރުތައް އެކްޒަބިޝަންގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓާފަ އެވެ. އިސްތިހާރުތައް ބަހައްޓާފައިވަނީ "ވިޒިޓް މޯލްޑިވްސް އިޔާ 2016" އިސްތިހާރުކުރުމަށެވެ. މީގެއިތުރުން ރާއްޖޭގެ ޑެލިގޭޝަން ވަނީ ޓްރެވެލް ވީކްލީއަށް އިންޓަވިއު އެއްވެސް ދީފަ އެވެ. އަދި ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދިޔަ ސެމިނާތަކެއްގައި ވެސް ވަނީ ބައިވެރިވެފަ އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ސްޕެއިންގެ ފަތުރުވެރިން ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެ އައި ސްޕެއިންގެ ފަތުރުވެރިންގެ އިންސައްތަ ވަނީ 2014 ވަނަ އަހަރާ އަޅާބަލާއިރު 15.6 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްޕެއިންގެ 16،273 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.