ރެފިއުޖީން

ރެފިޔުޖީން ދަތުރުކުރަމުންދިޔަ ބޯޓެއް ތުރުކީގެ ކަނޑަށް އަޑިއަށް

ތުރުކީގެ އެޖިއަން ކަނޑުގެ މަގުން ގްރީކް އަށް ދަތުރުކުރަމުންދިޔަ ރެފިޔުޖީންގެ ބޯޓެއް ބަންޑުން ޖަހާލައި 33 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިންވެސް ހިމެނެ އެވެ. އަދި 10 މީހުންވަނީ ގެއްލިފަ އެވެ.

ތުރުކީގެ ކޯސްޓްގާޑާއި ހަވާލާދީ ހަބަރުތަކުގަިއ ބުނަނީ މި ބޯޓުން ދަތުރުކުރި އިތުރު 75 މީހުން ސަލާމަތް ކުރެވުނު ކަމަށާއި އަދި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިއްޔެގެ ހާދިސާގައި މަރުވި މީހުންނާއި އެކު ރެފިޔުޖީންގެ ގޮތުގައި ގޮތުގައި ޔޫރަޕަށް ހިޖުރަކުރުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ.

މިދިޔއަ އަހަރުގެ ތެރޭގައި ރެފިޔުޖީން އަދި ހިޖުރަވެރީންގެ ގޮތުގައި 850،000 މީހުން ޔޫރަޕަށް ގޮސްފައިވެ އެވެ.