މިފްކޯ

މިފްކޯ އިން ހަތަރުވަނަ ބޯޓެއް ގަންނަނީ

މަސްވެރިކަމުގެ މޫސުމުގައި މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މިފްކޯއިން ހަތަރު ވަނަ ބޯޓެއް ވެސް ގެންނަން ނިންމައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ހަތަރުވަނަ ބޯޓެއް ގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅުގައި ގެނެވި މި ބޯޓުތައް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 300 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ ހުންނާނެ އެވެ.

މިފްކޯގެ އޮޕަރޭޝަން ގައި މިވަގުތު 12 ބޯޓު އޮތް އިރު ދާދި ފަހުން ވަނީ އާ ތިން ބޯޓު ވެސް ގެނެފަ އެވެ. އަދި މިހާރު ކުރިއަށްދަނީ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތެވެ.

މި ތިން ބޯޓުގައި ޖުމުލަ 240 ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިދިޔަ އޭޕްރީލް މަހު މިފްކޯ އިން ވަނީ މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފަ އެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން މިފްކޯގެ ބަނދަރުތަކުން ކިރީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

މަސް ގަންނަ އަދަދު އިތުރުކުރުމުގެ ގޮތުން މިފްކޯ އިން ދާދި ފަހުން ވަނީ މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓެއް ވެސް ރާއްޖެ ގެނެސްފަ އެވެ. މީގެއިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ބޯޓެއް (ޖަޒީރާ ރީފާ) ވެސް ރާއްޖެ ގެނެސްފައިވެ އެވެ.