- މިރިހި އައިލެންޑް ރިސޯޓަށް ތިންވަނައެއް ލިބުނު
- މި ވަނަތަކުގެ ސަބަބުން ރިސޯޓު ޕްރޮމޯޓް ވާނެ
- މިއީ ރާއްޖެއަށްވެސް ލިބުނު ބޮޑު ޕްރޮމޯޝަނެއް
ދުނިޔޭގެ މަޝްހޫރު ޓްރެވަލް ބުކިން ވެބްސައިޓް، "ޓްރިޕް އެޑްވައިޒާ" ޑޮޓްކޮމްގެ ރަންވަނަތަކެއް ރާއްޖޭގެ މިރިހި އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ގިނަ ބަޔަކު ބަލާ މަޝްހޫރު ބުކިން ވެބްސައިޓް "ޓްރިޕް އެޑްވައިޒާ" ގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައި ދީފައިވާ މި ވަނަތަކުގެ ތެރެއިން މިރިހި އައިލެންޑް ރިސޯޓަށް ލިބިފައިވަނީ ދުނިޔޭގެ ހަތްވަނައަށް އެންމެ ފުރިހަމަ ހޮޓަލުގެ ވަނަ އާއި އޭޝިޔާގެ ހަތަރު ވަނަ އަދި ރާއްޖޭގެ އެންމެ ފުރިހަމަ ރިސޯޓެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިރިހި އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަރީފު ވިދާޅުވީ މި ވަނަތައް ލިބިގެން ދިޔައީ މުވައްޒަފުންގެ މަސައްކަތުންގެ ބުރަ ކަމަށެވެ.
"މީގައި އެންމެ ބޮޑު ކްރެޑިޓެއް އޮތީ މުވައްޒަފުންނަށް. މެނޭޖުމަންޓާއި އޯނަރުން، ސްޓާފުންނަށް ކޮށްދޭ ކަންތައްތަކުގެ ސަބަބުން ސްޓާފުންގެ ފަރާތުން ދޭ ސާވިސްގެ ނަތީޖާ މި ފެންނަނީ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަނަތައް ލިބުމުގެ އަނެއް ސަބަބަކީ ހިދުމަތް ދިނުމުގައި ރާއްޖޭގެ ރީތިކަން ދެއްކުން ކަމަށެވެ.
"ކުރީގެ އިން ގޮތަކަށް ހިދުމަތް ދެނީ. ކޮޓަރީގައި ޓީވީ ނުބެހެއްޓުމާއި ރިސޯޓުގައި ފައިވާނަށް ނާރާ އުޅުން ފަދަ ކުދިކުދި ކަންތައްތަކުން ބަދަލު އަންނަނީ. ސިމްޕްލިސިޓީ އާއި ރާއްޖޭގެ ރީތިކަން މި ދައްކަނީ. ލަގްޒަރީއަށް ވުރެ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަނަ ތަނަކީ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމަށެވެ.
"ދުނިޔޭގެ ހަތްވަނަ ލިބުމަކީ ވަރަށް ބޮޑު ކަމެއް. ވަރަށް މަދު ފަހަރެއްގައި ހަތްވަނަ ހިސާބު ރާއްޖޭގެ ރިސޯޓެއް ހިމެނެނީ. އެތަށް މިލިއަން މީހުން ދަތުރު ދިއުމުގެ ކުރިން ބަލާލާ ވެބްސައިޓެއް މިއީ. މިވަނައަކީ ރާއްޖެއަށް ވެސް ލިބުނު ޕްރޮމޯޝަނެއް،" ޝަރީފު ވިދާޅުވި އެވެ.
ޓްރިޕް އެޑްވައިޒާއިން ހޮވި "ވޯލްޑް ބެސްޓް ހޮޓާ" ތަކުގެ ލިސްޓުގައި 10 ހޮޓަލެއް ހިމެނިފައިވެ އެވެ. މި ލިސްޓުގެ އެއްވަނަ ލިބުނީ އިންޑިޔާގެ "އުދެއި ބަވަން ޕެލަސް ޖޯދަޕޫރު" ނުވަތަ ރޯޔަލް ޕެލަސް އެވެ.
މިރިހި އައިލެންޑް ރިސޯޓަކީ އަރި އަތޮޅުގައި ހިންގަމުން ގެންދާ ރިސޯޓެކެވެ. މި ރިސޯޓަށް މީގެ ކުރިން ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުވެސް ލިބިފައިވެ އެވެ.