އެޗްޑީސީ

ސްމާޓް ސިޓީއެއް ތަރައްގީކުރަން ވާވޭއާ އެކު އެއްބަސްވުމަކަށް

ހުޅުމާލެ "ސްމާޓް ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގެ ދަށުން ސްމާޓް ސިޓީ ޑިޒައިންކޮށް ގާއިމުކުރުމަށްޓަކައި އެކުންފުނިން އެޗްޑީސީއަށް ފަންނީ ލަފާ ދިނުމަށް ހަަމަޖެހިފައިވެ އެވެ.

ވާވޭއަކީ ދުނިޔޭގެ މުވާސަލަތީ އަދި ސްމާޓް ޑިވައިސްގެ ޓެކްނޮލޮޖީގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.

އެޗްޑީސީއާއި ވާވޭގެ މިއެއްބަސްވުމުގެ ސަބަބުން ހުޅުމާލެ، ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ މަޝްރޫއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމުގައި އެޗްޑީސީއިން ދެކެ އެވެ.

މިރަސްމިއްޔާތުގައި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ޓާއޯ ވިދާޅުވީ ވާވޭއިން ރާއްޖޭގައި މުވާސަލާތީ ހިދުމަތަށް ބޭނުންވާ މައުލޫމާތާއި އެހީ ފޯރުކޮށްދިނުމުގައި 12 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އިތުރު ކަންތައްތަކެއް ކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.

" 'ރާއްޖޭގައި، ރާއްޖެއަށްޓަކާ' މި ޝިއާރުގެ ދަށުން ކޮންމެ ގެއަކާއި އޮފީހަކަަށް ޑިޖިޓަލައިޒޭޝަން ގެނެސް އިންފޮމޭޝަން ކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މަަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވިޝަންއެއް،" ޓާއޯ ވިދާޅުވި އެވެ.

ހުޅުމާލެ ސްމާޓް ސިޓީއަަކަށް ހެދުމަށާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއަށްވެސް އެހީވެ ރާއްޖެއަށް ޑިޖިޓަލް ތަރައްގީ ގެނައުމަށް، ވާވޭއިން ދުނިޔޭގެ ކަންކޮޅުތަކުން ހޯދާފައިވާ ތަޖުރިބާ ހިއްސާކުރާނެ ކަމުގައިވެސް ޓާއޯ ވިދާޅުވި އެވެ.

ސްމާޓް އަދި ބަދަހި މުޖުތަމައެއް ބިނާކުރުމަށްޓަކައި ހުޅުމާލެ ސްމާޓްސިޓީއަކަށް ހެދުމަށް އެޗްޑީސީ އިން ދަނީ ސްމާޓްކޮމްގެ ނަމުގައި ބްރޭންޑެއް ތައާރަފްކޮށް އެ މަސައަކަތް ކުރަމުންނެވެ. އެގޮތުން އެޗްޑީސީން ގެންދަނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ހޯދާ އެއަށް އިންވެސްޓް ކުރަމުންނެވެ. މަގުސަދަކީ ގުޅިގެން އުޅޭ މުޖުތަމައެއް ބިނާ ކުރުމާއި ރައްކާތެރި، ސާފު، ތަރައްގީ ވެއްޓެއް ގާއިމުކުރުން ކަމުގައި އެޗްޑިސީއިން ބުނެ އެވެ.