ފިނިޕޭޖް

އިންޒާރާ ގުޅިގެން ޕެޓީ ލަބެލްގެ ކޮންސެޓް ހުއްޓުވައިފި

އެމެރިކާގެ އާރް އެންޑް ބީ ލަވަ ކިޔުންތެރިޔާ ޕެޓީ ލަބެލްގެ ކޮންސަޓް ބޮމް ތްރެޓަކާ ގުޅިގެން ހުއްޓުވައިފި އެވެ.

މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ވިސްކޮންސިންގެ މިލްވޯކީގެ ރިވާސައިޑް ތިއޭޓާގައި އޮތް ޝޯގައެވެ. އޮންލައިންކޮށް ދައުރުވަމުން އަންނަ ވީޑިއޯ ކްލިޕްގައި ފެންނަނީ 78 އަހަރުގެ ޕެޓީ ސްޓޭޖް މަތީ މާބޮނޑިއެއް ހިފައިގެން ހުއްޓާ، ތިން މީހުން ސްޓޭޖަށް އަރާ، އެ މާބޮނޑި ވައްޓާލާފައި ޕެޓީ ބެކް ސްޓޭޖަށް އެސްކޯޓް ކުރާ ތަނެވެ. ޕެޓީ އަށް ވީގޮތް ނޭނގޭކަން އެ ކްލިޕުން ހާމަވެ އެވެ.

އެ އިވެންޓްގެ އޯގަނައިޒާ ކަމުގައިވާ ޕަބްސްޓް ތިއެޓާ ގްރޫޕުން އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޝޯ ކެންސަލް ކުރަންޖެހުނީ މިލްވޯކީ ޕޮލިސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ބޮމް ތްރެޓަކާ ގުޅިގެން ކަމަށާއި ޕެޓީ އާ ގުޅިގެން އެ ޝޯ ރީޝެޑިއުލް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މެސެޖް ނިންމާލީ ޕޮލިސް ޑިޕާޓްމަންޓަށާއި ކަސްޓަމަރުންނަށާއި ސްޓާފުންނަށް މައްސަލައެއްނެތި އެ ތަނުން ނިކުމެވުނީތީ ޝުކުރު އަދާ ކުރަމުންނެވެ.

ޕެޓީ ލަބެލް އަކީ 1960 ވަނަ އަހަރުތަކުން ފެށިގެން ލަވަކިޔަމުންނާއި ފިލްމު އަދި ޓީވީ ޝޯތައް ގެނެސްދެމުން އަންނަ ފަންނާނެކެވެ. މީގެ އިތުރުން ޕެޓީގެ ކައްކާ ފޮތްތަކާއި ބެޑިންގްސް ނެރުމުގެ އިތުރުން އެކި ކުންފުންޏާ ގުޅިގެން ޕެޓީ ބްރޭންޑްގެ ކާތަކެތި ވަރަށް ކާމިޔާބު ކަމާއެކު ވިއްކަމުން އާދެއެވެ. ޕެޓީ އަކީ ދެ ގްރެމީ އެވޯޑާއި އެހެނިހެން އެވޯޑް ލިބިފައިވާ ތަރިއެކެވެ.