ލައިފްސްޓައިލް

ކޮއްކޮގެ ބްރެއިން ޓިއުމާ އިން ދައްތަގެ ބޮލުގައި ރިއްސައިފި

އެއްމާބަނޑު އަންހެން ދެބެންގެ ތެރެއިން ކޮއްކޮގެ ސިކުނޑީގައި ޓީއުމަރެއް އިނދެގެން ދައްތައަށް މައިގްރޭން އެޓޭކް އަތުވެއްޖެ އެވެ. އަދި ކޮއްކޮގެ ޓީއުމަރަށް ފަރުވާ ކުރަން ފެށުމާއެކު ދައްތަގެ މައިގްރޭން މައްސަލައަށް ވަނީ ލުއި ލިބިފަ އެވެ. މި ދެބެން ބުނާ ގޮތުގައި ވަރަށް ގިނައިން މިކަހަލަ ކަންތައް މި ދެބެންނަށް ދިމާވެ އެވެ.

ހިލަރީ ސްޓޮކްޓަންގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސާ ލޮލުގެ ފެނުމަށް ވެސް ގޮތް ވާން ފެށީ އުމުރުން 18 އަހަރުގަ އެވެ. ހަމަ އެ ދުވަސްވަރު އޭނާގެ އެއްމާބަނޑު ދައްތަ ހޭލޭއަށް ވެސް މައިގްރޭން އެޓޭކްތަކެއް އަންނަން ފެށި އެވެ.

ހިލަރީ އެންމެ ކުރިން ދެއްކީ ލޮލުގެ ޑޮކްޓަރަކަށެވެ. އެ ޑޮކްޓަރު ބުނެގެން ހޮސްޕިޓަލަށް ގޮސް އެހެން ޑޮކްޓަރަކަށް ދައްކައިގެން ހެދި ސްކޭންތަކުން އޭނާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ އެވެ.

ޑިސެމްބަރު 27، 1993ގައި އުމުރުން 19 އަހަރު ވެސް ނުފުރެނީސް ހިލަރީގެ ކެންސަރު ހުރިކަން އެނގުނެވެ. ނަސީބަކުން އޭރު ކެންސަރު ހުރީ ވަރަށް ދަށް ސްޓޭޖެއްގަ އެވެ. އޭގެ އަނެއް ދުވަހު އޭނާ އިނގިރޭސި ވިލާތުގެ ލިވަޕޫލް ހޮސްޕިޓަލެއްގައި ސިކުނޑީގެ ސާޖަރީ ހަދައި ޓިއުމާ ނެގި އެވެ.

ޓިއުމަރު ނެގުމާއެކު ހިލަރީގެ ބޮލުގައި ރިހުން ކެނޑުނުއިރަށް ހޭލޭގެ މައިގްރޭން ކަންތައް ވެސް ރަނގަޅުވެއްޖެ އެވެ.

ޓިއުމަރު ނަގަން ހިލަރީގެ ސިކުނޑީގެ ސާޖަރީ ހެދިއިރު އޭނާ ބަނޑުބޮޑެވެ. އަދި ހޭލޭ ވެސް އޭރު އިނީ ބަލިވެ އެވެ. އިއްތިފާގުން ދެބެން ބަލިވެ އިނދެފައިވަނީ އެކުއެކުގަ އެވެ.

ސިކުނޑީގެ ސާޖަރީ ހެދުމުގެ ތެރޭގައި ހިލަރީގެ ބަނޑުގައި އޮތް ބޭބީ އަށް ގެއްލުން ވެދާނެތީ އޭނާ ވަރަށް ކަންބޮޑުވި އެވެ. އަދި ފަހަރެއްގައިވާ ގޮތަކުން ހިލަރީގެ ބަނޑުގައި އޮތް ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމަށް ޑޮކްޓަރުންވެސް އެމީހުންގެ އާއިލާއަށް އަންގާފައި ވެއެވެ.

ނަސީބަކުން ހިލަރީގެ ސާޖަރީ ކާމިޔާބުވެ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް ސަލާމަތްވި އެވެ. އަދި ފަހުން ދެބެން ވިހާފައިވަނީ ދާދި އެކުއެކުގަ އެވެ. ހިލަރީ ވިހޭތާ ދެ ހަފުތާ ތެރޭ ހޭލޭ ވިހެ އެވެ.

ހޭލޭގެ ދަރިފުޅު ޖޯޑަން އަށް މިހާރު 29 އަހަރެވެ. އޭނާ އުފަންވީ ނޮވެމްބަރު 1، 1993 ގައެވެ. ހިލަރީގެ އަންހެންދަރިފުޅު ޝޯނާ އުފަންވީ ނޮވެމްބަރު 16، 1993 ގައެވެ.

މިހާރު އުމުރުން 47 އަހަރުގެ ހޭލޭ ބުނި ގޮތުގައި ކުޑައިރުއްސުރެ އެ ދެބެންނަށް މި ކަހަލަ ކަންތައް ވަރަށް ގިނައިން ދިމާވެ އެވެ. އެކަކު ގައިގައި ވޭނެއް އަޅާނަމަ އަނެކަކަށް އޭގެ އުނދަގޫތައް ކުރިމަތިވެ އެވެ. އަދި ހަޔާތުގެ އެކި މަރުހަލާތަކުގައި ދެބެން ކުރެ އެކަކަށް ބޮޑުކަމެއް ދިމާވާއިރަށް އެނަކަކަށް އެކަން އިހްސާސް ކުރެވެ އެވެ.