އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބަށް މުވަޒަފުން ހޯދަން އިއުލާންކޮށްފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މަސައްކަތް ކުރުމަށް ވަގުތީ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އީސީން ވަނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ކޮންޓްރެކްޓް އުސޫލުން 11 މީހުން ހޯދުމަށް އިއުލާން ކޮށްފަ އެވެ. މި މީހުން މަސައްކަތް ކުރަން ޖެހޭނީ އިންތިހާބު ނިމެންދެން ކަމަށް އިއުލާނުގައިވެ އެވެ.

އީސީން ނަގާ 11 މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4،465 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1،500 ރުފިޔާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155 ރުފިޔާވެސް ލިބޭނެ އެވެ.

އީސީން ބުނީ މި މަގާމަށް ހޮވޭ މީހުން ރަސްމީގަޑީގެ އިތުރުން ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މަގާމަށް މީހުން ހޯދުމަށް ބަލާ ޝަރުތުތައް

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.
  • އޮފިސާ ލެވެލް މަގާމެއް ނުވަތަ އެއާ އެއަށްވުރެ މަތީ މަގާމެއްގައި އުޅެ އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ވޭތުވެދިޔަ އިންތިހާބެއްގައި ޖީއެސް 3 ރޭންކުގެ މަގާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މި މަގާމަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން މީގެ ކުރިން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ރާވާލާނެ ގޮތުގެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ތާވަލްގެ މަސައްކަތް ނިންމާ، އިންތިހާބު ބޭއްވޭނެ ސީދާ ދުވަހެއް ހަމަޖެއްސޭނެ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވި އެވެ.