ނިޝާމާ މުހައްމަދުގެ މަރު

ފައިސަލްއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ، ހާލު ކްރިޓިކަލް

އަނބިމީހާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުނު ފިރިމީހާ، އދ. ފެންފުށީ، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލްގެ ހާލު ކްރިޓިކަލް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ ރޭ 11:15 ހާއިރު ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސަ ވިދާޅުވީ ފައިސަލް އަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާ މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

"ފައިސަލްގެ ކޮންޑިޝަން ވަރަށް ކްރިޓިކަލް. ވެންޓިލޭޓަރުގައި ފަރުވާދެމުން މިދަނީ،" މޫސަ ވިދާޅުވި އެވެ.

ފައިސަލް ދަންޖެހިފައިވަނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި ވަނިކޮށެވެ.

ފުލުހުން ފައިސަލް ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ.

ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުވެސް ކުރެ އެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.