ގއ. މާމެންދޫ

ރަށް ގިރުމަށް ހައްލެއް ނުލިބޭތީ ކައުންސިލްގެ ޖަލްސާ ގޮނޑުދޮށުގައި

ގއ. މާމެންދޫގެ އުތުރުކޮޅު ގޮނޑުދޮށް ގިރާތީ ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުގެ ގޮތުން އެ ރަށު ކައުންސިލުގެ ޖަލްސާ ގިރާ ސަރަހައްދުގެ ހޭޅިފަށުގައި ބާއްވަފައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ގއ. މާމެންދޫ ކައުންސިލުގެ ރައީސް އަހްމަދު އަޒީޒް ވިދާޅުވީ އެ ރަށު އުތުރު ފަރާތުގެ ރަށް ގިރުމުގެ މައްސަލަ ބޮޑުވެ ގޮނޑުދޮށާއި ކައިރީގައި އުޅޭ މީހުންނަށް ވެސް ގެއްލުންތައް ވަމުން ދާތީ އެތައް ފަހަރެއްގެ މަތިން ޝަކުވާ ހުށަހަޅައި ސަރުކާރައި މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

"ރަށް ގިރާތީ ގޮނޑުދޮށް ކައިރީ ހުންނަ ގެތަކަށް ލޮނުވަދެ އެބަ ގެއްލުންވޭ. އަޅުގަނޑުމެން މި މައްސަލައަށް ހައްލެއް ހޯދަން އެކި ފަހަރު މަތިން އެދިފަ ވާނެ. އެކަމަކު ސަރުކާރުގެ ފަރާތުން އެއްވެސް ޕޮސިޓިވް ޖަވާބެއް ނުލިބޭ،" އަޒީޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ހަމައެކަނި މަސައްކަތް ކުރަނީ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ރަށް ގިރުމުގެ މައްސަލަތަކަށް ހައްލު ހޯދައިދޭންކަން ފަހާގަކުރެވޭ ކަމަށެވެ. އެކަމަކު ދެކުނު ރަށްތަކާއި ހާއްސަކޮށް ގއ. ގެ ރަށްތައް އެކަހެރިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަސް ހައްލެއް ހޯދައިދޭން މީގެ ކުރިން އެކި ސަރުކާރުގެ އެކި މުއައްސަސާތަކާއި މަޝްވަރާކުރުމުގެ އިތުރުން ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މާމެންދޫއަސް ކުރި ޒިޔާރަތެއްގައި ރަށް ގިރާ ސަރަހައްދަށް ޒިޔާރަތްކޮށް ވެސް ގިނަ މަޝްވަރާތަކެއް ކުރިކަން ވެސް އަޒީޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ޝަކުވާ ހުށަހަޅާ މަޝްވަރާ ކުރާ ކޮންމެ ފަހަރަކު ހައްލު ހޯދައިދޭނެކަމަށް ބުނޭ. އެކަމަކު އެ ހައްލުތަކަސް އަމަލީ ސިފައެއް ނުގެނެވޭ،" އަޒީޒް ވިދާޅުވިއެވެ.

އަޒީޒް ވިދާޅުވި ގޮތުގައި މިފަދައިން ގޮނޑުދަށުގައި ޖަލްސާ ބެއްވުމުގެ މަގުސަދީ ސަރުކާރުގެ އަދި ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަސް މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ގެނައުމެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު ރައީސް ސޯލިހު އެ އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތްކަމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މާމެންދޫ އުތުރު ސަރަހައްދުން މިހާތަނަށް 300 ފޫޓާއި 400 ފުޓާ ދެމެދުގެ ސަރަހައްދެއް ގިރައިގެން ގޮސްފައިވާއިރު މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ގޮނޑުދަށް ސަރަހައްދާއި ދެމެދު ހުންނާނީ 30-50 ފޫޓުކަމަށް ކައުންސިލުން ބުނެއެވެ.

މިއަދު ހެނދުނު 10:00 ގިރާ ސަރަހައްދު ގޮނޑުދަށުގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ފަސް މެންބަރުން ވެސް ބައިވެރިވެފައިވާއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ ވެސް މި މައްސަލައާއި ބެހޭ ގޮތުން ވާހަކަދެއްކުމެވެ. އަދި މި ޖަލްސާ ވަނީ މާމެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ލައިވްކޮށްފައެވެ.