ލައިފްސްޓައިލް

ހިޕޯއެއް ދިރުވާލި ކުޑަ ކުއްޖެއް މަރުނުވަނީސް ސަލާމަތްކޮށްފި

ހިޕަޕޮޓެމަސް އެއްގެ ހަމަލައިން ދެ އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތްވެއްޖެ އެވެ. ޔޫގެންޑާގެ ކަބަޓޯރޯގެ ކަސާސީ ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާގައި ހިޕޯގެ ކިބައިން ކުއްޖާ ސަލާމަތްކުރެވުނުއިރު ކުއްޖާގެ ދެބައިކޮށް އެއްބައި އޮތީ ދިރުވާލާފައެވެ.

ޔޫގެންޑާ ފުލުހުންގެ ތަރުޖަމާނު ފިރެޑް އެނަންގޭ ބުނި ގޮތުގައި އިގާ ޕޯލް ނަމަކަށް ކިޔާ މި ކުޑަ ކުއްޖާ އަށް ހިޕޯ ހަމަލަދީފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ހަވީރު 3.00 ހާއިރު އެވެ. އޭރު އެ ކުއްޖާ ހުރީ ރުވެންޖުބޫ ސެލް ކިޔާ އަވަށެއްގައި ހުންނަ އޭނާގެ ގޭގެ ގޯތިތެރޭގައި ކުޅޭށެވެ. މި ގެ ހުންނަކީ އެޑްވަޑް ކޯރާ 800 މީޓަރު ދުރުގަ އެވެ.

ފުލުހުން ބުނި ގޮތުގައި ކޯރުން އެއްގަމަށް އަރައި ހިޕޯއެއް މީހަކަށް ހަމަލަދިނުމުގެ ހާދިސާއެއް މީގެ ކުރިން އެހިސާބުގައި ހިނގާފައި ނުވާ ކަމަށެވެ.

މި ކުއްޖާ ސަލާމަތްވީ ކްރިސްޕޯ ބަގޮންޒާ ކިޔާ މީހެއްގެ ހިތްވަރުގަދަކަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ހިޕޯ ކުޑަ ކުއްޖާ އަނގައިން ހިފައިގެން ދާތާން ފެނުމުން ބަގޮންޒާ ވަނީ އެސޮރުގެ ގައިގައި ހިލައިން ތަޅާފަ އެވެ. އެންމެފަހުން އެސޮރު ބިރުން ކުއްޖާ ދޫކޮށްލާފައި ގޮސް ކޯރަށް އެރުނީ އެވެ. އޭރު ކުއްޖާގެ ބޮޑުބައެއް އޮތީ އެސޮރުގެ އަނގައިގެ ތެރޭގަ އެވެ.

ވަގުތުން ކުއްޖާ ފުރަތަމަ ގެންދިޔައީ ކައިރީގައި ހުރި ކްލިނިކަކަށެވެ. ފަހުން ބޮޑު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައި މިހާރު ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

"އޭނަ މުޅިން ރަނގަޅުވެގެން ޑިސްޗާޖްކުރުމުން އޭނާގެ މައިންބަފައިން ވަނީ އޭނާއާ ހަވާލުވެފައި. އޭނާގެ ގަޔަށް ރޭބީޒް އިންޖެކްޝަން ވެސް ޖެހި،" ފުލުހުންގެ އިސް އޮފިޝަލް ބުންޏެވެ.

ފުލުހުން ވަނީ ތާޅަފިލި ހިފައިގެން މުޅި އަވަށުގައި ހިނގާ ކޯރު ކައިރިއަށް ނުދިއުމަށާއި ކޯރުގައި އުޅޭ ޖަނަވާރުންގެ ހަމަލައަކަށް ފަރުވާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

އެ ސަރަހައްދަކީ ވަރަށް ގިނަ ވަލު ޖަނަވާރުތައް އުޅޭ ހިސާބެކެވެ. ފުލުހުން ބުނި ގޮތުގައި އިންސާނަކު ފެނުމުން އެފަދަ ޖަނަވާރުންނަށް ހީވަނީ އެއީ އެސޮރުމެންނަށް ގެއްލުމެއްދޭން އުޅޭ ބަޔެއްކަމަށެވެ. މި ސޮރުމެންގެ ހަމަލަ އިންސާނުންނަށް އަމާޒުވަނީ އެހެންވެ ކަމަށެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އިންސާނުންނަށް ހިޕޯ ހަމަލަ ދިނުމުގެ 500 ވަރަަކަށް ހާދިސާ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަ އެވެ.