ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯންގެ އާ ފިލްމު "ޕަތާން"ގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގް"ގެ ޖާދޫގައި ބެލުންތެރިން ޖެހިއްޖެ އެވެ.
ލަވައިގެ މަންޒަރުތައް ބެލި ބައެއް މީހުން ހައިރާންވީ އުމުރުން 57 އަހަރުގެ ޝާހް ރުކްގެ ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލުންނެވެ. އަނެއް ބަޔަކަށް ޝޮކް ލިބުނީ ދީޕިކާ ޕަދުކޯންގެ ނެށުމާއި އަޅާފައިވާ ހެދުމުންނެވެ.
ހީނުކުރާ ވަރުގެ ފާޑުކިޔުންތައް މި ލަވައަށް މިހާރު އަމާޒުވެފައި ވެއެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ލަވައިގެ ކޯރިއޮގްރަފީގައި ވެސް މައްސަލަތަކެއް އެބަހުއްޓެވެ. އަދި ދީޕިކާ އަޅާ ހެދުންތަކުގައި ވެސް މައްސަލަތައް ބައިވަރެވެ.
މި ލަވައިގެ މިއުޒިކް ތައްޔާރުކުރީ ވިޝާލް-ޝޭކަރް އެވެ. ކޯރިއޮގްރާފަރަކީ ވައިބަވީ މާޗަންޓް އެވެ. ވައިބަވީ ދާދިފަހުން ވަނީ މި ލަވައަށް ދީޕިކާ ކުރި ބުރަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި އެ ލަވައިގައި ފެންނަ ސިފަ ޖެހެން ދީޕިކާ އިތުރު ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވައިބަވީ ބުންޏެވެ.
ވައިބަވީ ބުނެފައިވާ ގޮތުގައި ދީޕިކާ މި ލަވައިގައި އެޅި ކޮންމެ ހެދުމެއް އޭނާ އަޅައިގެން ހުރީ އެއްވެސް މައްސަލައެއް ނެތި ހިތްހަމަޖެހިގެންނެވެ. މިކަމުގެ ޝުކުރު މި ލަވައަށް ދީޕިކާ ތައްޔާރުކުރަން ބުރަ މަސައްކަތެއް ކުރި ޑައިޓީޝަނުންނަށާއި ފިޒިކަލް ޓްރެއިނަރަށް އަދި ކޮސްޓިއުމް ޑިޒައިނާ ޝަލީނާ އަށް ހައްގު ކަމަށް ވައިބަވީ ބުންޏެވެ.
ވައިބަވީ ބުނި ގޮތުގައި އޭނާ ބޭނުން ގޮތަށް އެ ލަވަ ޝޫޓް ކުރެވުނީ ދީޕިކާ ކައިރީ އަޅަން ބުނި ހެދުންތައް އަޅައި އޭނާ ބުނި ގޮތަށް ނެށީމަ އެވެ.
ސްޕޭނުގެ ތަފާތު ޓައުންތަކުގައި ޝޫޓްކޮށްފައިވާ މި ލަވައަކީ ދީޕިކާއާ އެކު ވައިބަވީ މަސައްކަތްކުރި ފުރަތަމަ ލަވަ އެވެ.
ވައިބަވީ އަކީ ވަރަށް ގިނަ މަޝްހޫރު ހިންދީ ޑާންސް ލަވަތައް ކޯރިއޯގްރާފް ކޮށްދީފައިވާ ވަރަށް ކުޅަދާނަ ޑާންސް މާސްޓަރެކެވެ. "ޑޮލީ ތާރޯ ޑޯލް ބާޖޭ"، "ކަޖްރާ ރޭ"، "އާޗާ ނަޗްލޭ" އަދި "ކަމްލީ" އަކީ ވައިބަވީ ކޯރިއޮގްރާފް ކޮށްފައިވާ ލަވަ ތަކެވެ.
މި ލަވަ ދިފާއުކޮށް ވައިބަވީ ވާހަކަ ދެއްކިޔަސް ލަވަ ބަލާފައި ދީޕިކާގެ ފޭނުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
ދީޕިކާ މި ލަވައިގައި ނަށާ ނެށުން ވަރަށް ބޭއަދަބީ ކަމަށާއި ދީޕިކާ ކަހަލަ ބަތަލާއަކާ ނުގުޅޭ ކަމަށް އެއް ބަޔަކު ބުންޏެވެ. އަނެއް ބަޔަކު ބުނެފައިވަނީ ދީޕިކާ މި ލަވައިގައި އަޅާ ހެދުންތައް ނިވާކަން ކުޑަކަމުން ހިތްހަމަނުޖެހޭ ކަމަށެވެ.