ކުޅިވަރު

ރެގްރާގީ: މޮރޮކޯގެ ކޯޗުކަމުގައި އުފަން ގައުމު ފްރާންސާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މިރޭ މޮރޮކޯ އިން ފްރާންސާ ދެކޮޅަށް ނުކުންނައިރު މެޗު އެންމެ ހާއްސަވާނެ އެކަކީ މޮރޮކޯގެ ކޯޗު ވާލިދު ރެގްރީ އެވެ.

ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެ މޮރޮކޯ ސެމީ ފައިނަލަށް ކުރި ދަތުރުގެ މުގުލުގައި ހުރީ ކޯޗު ރެގްރާގީ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ރެގްރާގީ ހާއްސަވާ ސަބަބަކީ އޭނާ އުފަން ގައުމަކީ ފްރާންސަށް ވުމެވެ. ފްރާންސަށް އުފަންވެ ކްލަބް ކެރިއަރުގައި އެގައުމުގެ ފަސް ކްލަބަކަށް ރެގްރާގީ ކުޅުނެވެ. އެކަމަކު ބައިނަލްއަގްވާމީ ސްޓޭޖުގައި ރެގްރާގީ ކުޅުނީ މޮރޮކޯ އަށެވެ. ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުވި ރެގްރާގީ ވަނީ މޮރޮކޯގެ ގައުމީ ޓީމަށް 45 މެޗު ކުޅެފަ އެވެ.

މިރޭ ފްރާންސާ ދެކޮޅަށް ނުކުތުމަކީ ރެގްރާގީ އަށް ހާއްސަ ކަމެކެވެ. މެޗުގެ ކުރިން ދެއްކި ވާހަކައިގައި ރެގްރާގީ ބުނީ އޭނާ އުފަންވި ގައުމާ ދެކޮޅަށް ނުކުތުމަކުން ފްރާންސަށް އޮތް ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"މެޗު އެންމެ ހާއްސަވާނީ އަހަރެންގެ އާއިލާ އާއި ގާތްތިމާގެ މީހުންނަށް. އަހަރެންނަށް ވެސް ކޮންމެވެސް ގޮތަކުން މި މެޗު ހާއްސަ. އަހަރެން ބޮޑުވީ ފްރާންސްގަ. އެކަމަކު މިވަގުތު އެކަން ބަހުސަކަށް ނުހަދައި އަހަރެން ބޭނުންވަނީ ފުޓްބޯޅަ އަށް ސަމާލުކަން ދޭން" ރެގްރާގީ ބުންޏެވެ.

ރެގްރާގީ މޮރޮކޯގެ ކޯޗުކަމާ ހަވާލުވީ ވޯލްޑް ކަޕްގައި އިރުޝާދު ދިނުމަށެވެ. އޭނާގެ ކޯޗުކަމުގައި މޮރޮކޯ މިހާތަނަށް ކުޅުނު އަށް މެޗުން ބަލިވެފައެއްނުވެ އެވެ. ވޯލްޑް ކަޕްގައި އެޓީމު ކޮޅަށް މިފަހަރު ވަނީ އެންމެ ގޯލެކެވެ. އެއީ ކެނެޑާ މެޗުގައި މޮރޮކޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރެގްރާގީގެ ކޯޗިން ސްޓައިލްގައި މޮރޮކޯ ހޯދަމުން އަންނަ ކާމިޔާބީއާ އެކު އޭނާ އަށް އަންނަނީ ތައުރީފް އޮހެމުންނެވެ. ރެގްރާގީގެ ސަމާލުކަން މިރޭ ހުރީ ވެސް އުފަން ގައުމު ބަލިކޮށް ފައިނަލަށް ދިއުމަށެވެ. ރެގްރާގީ ބުނީ އޭނާ ވިސްނަނީ އިދިކޮޅުން ކުޅެނީ ކޮން ޓީމެއްތޯ ނުބަލައި މެޗުން މޮޅުވާން ކަމަށެވެ. ވޯލްޑް ކަޕްގެ މިހިސާބަށް މޮރޮކޯ ގޮވައިގެން އައިސް ފައިނަލަށް ދާން ބޭނުންވާކަމަށް ރެގްރާގީ ބުންޏެވެ.

"އަހަރެން މިއީ މިއަދު އަހަރެންގެ ގައުމުގެ ކޯޗު. ކުޅެން މި ޖެހެނީ އަހަރެންގެ ދެވަނަ ގައުމާ. އަހަރެންގެ އަމާޒަކީ ފްރާންސް މުބާރާތުން ކަޓުވާލުން. މިއީ ފުޓްބޯޅަ މެޗަކަށް ވިޔަސް ކަން އޮންނާނީ އެހެން. އެކަމަކު އޭގެ މާނައެއް ނޫން އަހަރެން ފްރާންސަށް ލތްބެއް ނެތޭ" ރެގްރާގީ ބުންޏެވެ.

ރެގްރާގީގެ ކޯޗުކަމުގައި މޮރޮކޯ އިން ވަނީ ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. މޮރޮކޯ ވެފައިވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އުތުރު އެފްރިކާގެ ފުރަތަމަ ގައުމަށެވެ. އަދި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަރަބި ދުނިޔެއަށް ނިސްބަތްވާ ހަމައެކަނި ގައުމަކީ ވެސް މޮރޮކޯ އެވެ. ސެމީ ފައިނަލުގެ ޖާގައާ އެކު މޮރޮކޯ ވެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. އަނެއްކޮޅުން ރެގްރާގީ އަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ޓީމެއް ގެންގޮސްދިން އެފްރިކާގެ ފުރަތަމަ ކޯޗެވެ.

ވޯލްޑް ކަޕްގައި މޮރޮކޯ އިން ވަނީ ދުނިޔޭގެ ގަދަ ބާރުތައް އަތުން ކުރި ހޯދާފަ އެވެ. ގްރޫޕް ސްޓޭޖުގައި މޮރޮކޯ ހިމެނުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އާއި އެފަހަރު ތިން ވަނަ ހޯދި ބެލްޖިއަމާ އެކު އެއް ގްރޫޕެއްގަ އެވެ. ކްރޮއޭޝިއާއާ އެއްވަރުކޮށް، އޭގެފަހުން ބެލްޖިއަމް ބަލިކޮށް މޮރޮކޯ ވަނީ ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނަ ބުރުގައި މޮރޮކޯ އިން ވަނީ 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ޕެނަލްޓީ ޖަހައިގެން ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ އިން ވަނީ ވަރުގަދަ ޕޯޗުގަލް 1-0 އިން ބަލިކޮށްފަ އެވެ. ވަރުގަދަ ޓީމުތައް އަތުން ކުރި ހޯދަމުން އައިސް މިރޭ މޮރޮކޯ ނުކުންނަނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ މޮރޮކޯގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ. ޑެޝޯމްޕްސް ބުނީ މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރީ ހަމައެކަނި ޑިފެންސް ރަނގަޅުވެގެން ނޫން ކަމަށާއި، ޓީމެއްގެ ގޮތުގައި މޮރޮކޯގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރަށް ވަރުގަދަ ކަމަށެވެ. އަދި މޮރޮކޯ ކޮޅަށް ގޯލު ޖަހަން ފަސޭހަ ނުވާނެކަމަށް ފްރާންސްގެ ކޯޗު ބުންޏެވެ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ކްރޮއޭޝިއާ ބަލިކޮށް ހޯދީ އާޖެންޓީނާ އެވެ. އާޖެންޓީނާއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް ކަށަވަރުކުރަން ފްރާންސާއި މޮރޮކޯ ނުކުންނާނީ މިރޭ 12 ޖަހާއިރު އެވެ. މެޗު ކުޅޭތީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގަ އެވެ.