ދުނިޔެ

އދގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި

އދ. ގެ "ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން"ގެ މެންބަރުކަމުން އީރާން ވަކިކޮށްފި އެވެ. އަންހެނުން ބާރުވެރިކޮށް ހަމަހަމަކަން ދެމެހެއްޓުމަށް ބާރުއަޅާ އދ. ގެ ގުނަވަނުން އީރާން ބޭރުކުރީ ބުދަ ދުވަހުގެ ރޭގައި 29 ވޯޓު އަށް ވޯޓުންނެވެ.

އީރާން ވަކިކުރަން ނުފެންނަ ކަމަށް އަށްގައުމަކުން ވޯޓުދިން އިރު އެއްވެސް ކޮޅަކަށް 16 ގައުމަކުން ބުރައެއް ނުވެ އެވެ.

އީރާނާ އެއްކޮޅަށް ވޯޓުދިން އަށްގައުމަކީ ބޮލީވިއާ، ޗައިނާ، ކަޒަކިސްތާން، ނިކަރާގުއާ، ނައިޖީރިއާ، އޮމާން، ރަޝިއާ އަދި ޒިމްބާބްވޭ އެވެ.

އީރާނަށް އދ. އިން އަދަބުދިނީ އެމެރިކާއާ ހެދި ބޮލަށް އުނދަގޫ ވެގެންނެވެ. މިކަމުގައި އޮތް ސަބަބެއް ކަމަށް އެމެރިކާ ބުނަނީ އީރާނުން އަންހެނުންގެ ހައްގުތަކަށް އަރައިގެންފައި އޮތުން ކަމަށެވެ.

އީރާންގައި މިހާރު ހިންގަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން އީރާނުން ވަނީ އަންހެނެއް ފިރިހެނެއް ބެލުމެއް ނެތި އަނިޔާވެރިވެފައި ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެ އެވެ.

އީރާންގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފަމުން ގެންދާ ސަބަބަކީ އެ ގައުމުގެ މޯރަލިޓީ ފުލުހުންގެ އިހުމާލުން މަހްސާ އަމީނީއޭ ކިޔާ ޒުވާން އަންހެނަކު ސެޕްޓެމްބަރުގައި މަރުވި މައްސަލާގަ އެވެ.

މަހްސާ އަމީނީ ފުލުހުންގެ އަތްދަށަށް ދިޔައީ އަންހެނުން ހެދުންއަޅަން އޮންނަ ގޮތާ ޚިލާފުވުވުން ކަމަށް ޚަބަރުތައް ބުނެ އެވެ.

އީރާނާ ދެކޮޅަށް އދ. އިން އެޅި ފިޔަވަޅާ ގުޅިގެން 54 މެމްބަރުގެ މައްޗަށް ގާއިމުވެފައި އޮންނަ "ޔޫއެން އިކޮނޮމިކް އެންޑް ޝޯޝަލް ކައުންސިލް" ވަނީ އީރާން ވަކިކުރުމަށް ތާއީދުކޮށްފަ އެވެ.

މިއީ އެމެރިކާ އިސްވެ އދ. އަށް ހުށަހެޅި މައްސަލައެކެވެ.

އދ. އިން ނިންމީ މިއަދުން މިއަދަށް ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އިން އީރާން ވަކިކުރުމަށެވެ.

އެހެންކަމުން މިއަހަރުގެ ބާކީ އޮތް ދުވަސްތައް ހިމެނޭ ގޮތުން -- މިހާރު ހިނގަމުންދާ ޓާމް 2026 ގައި ނިމެންދެން އީރާނާ މެދު އޮންނާނީ ބުދަދުވަހުގެ ރޭ ފާސްކުރި ހުކުމެވެ.