ޔޫތު މިނިސްޓްރީ

12،00 ޖަމިއްޔާ އުވާލެވޭ ހާލަތުގައި

ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަމިއްޔާ -- 1200 ޖަމިއްޔާ ހަރަކާތްތެރި ނުވާތީ އުވާލުމުގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކޮށް ކަންކަން އިސްލާހުކުރަން އިތުރު ފުރުސަތު ދީފި އެވެ.

ޔޫތް މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ޖަމިއްޔާތަކުގެ ދަފްތަރުގައި ގާތްގަނޑަކަށް 2،250 ޖަމިއްޔާ ހިމެނެ އެވެ.

މަދަނީ ޖަމިއްޔާތަކުގެ ގާނޫނާ އެއްގޮތަށް ހިންގަމުން ނުދާ ޖަމިއްޔާތައް އުވާލަން މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ބާރު އޮވެ އެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ލިޔެކިޔުންތައް ފުރިހަމަކުރަން ބޭނުންވާ ޖަމިއްޔާތަކަށް އެ ފުރުސަތު ދީފައިވަނީ އަންނަ އަހަރުގެ މެއި ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ލިޔެކިޔުންތައް ފުރިހަމަކުރަން ޖަމިއްޔާތަކަށް އިތުރު ފުރުސަތެއް ދިނީ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް، ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެ އެވެ.