ހޯޑެއްދޫ

ހޯޑެއްދޫ ނޭޗާ ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ހޯޑެއްދޫގައި އަޅަން ނިންމި ނޭޗާ ޕާކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހޯޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން
ބޭނުންހިފޭ ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމުގެ ގޮތުން ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ.

މިއީ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތިން އަހަރުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކޮށް ،ތައުލީމީ ދިރާސާކުރުމާއި، ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށްޓަކައި ކުޅިތަކުގެ ތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބޭނެ ޕްލެޓްފޯމުތަކެއް ގާއިމުކުރެވޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތައް:

  • 1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމްސް ތަރައްގީކުރުން
  • މީޓިން އަދި ހަފްލާތައް ބޭއްވޭގޮތަށް ނޭޗާ ޕާކް ޓަވަރު ގާއިމުކުރުން
  • 3ކެނޯ އަދި 3 ޕެޑަލް ބޯޓް ބައްވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗާ ޕާކް ސަރަހައްދު ބައްޓަން ކުރުން
  • ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން ދެ ޕްރޮގްރާމެއް ހިންގުން
  • މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވަ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރުން.
  • ކުޅީގައި ހެދޭ އެކިވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެ ސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުން
  • ކުޅިތަކުގެ މުހިއްމުކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުން
  • ކުޅި ހިމާޔަތްކޮށް ބެލެހެއްޓުން ރަށު ތަރައްގީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހަދައި ތަންފީޒުކުރުމަށް ކައުންސިލަށް އެހީތެރިވެ ދިނުން

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވީ ކުރަން ޖެހޭ ދިރާސާތައް ކުރުމުގެ އިތުރުން މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ކަމުގައި ހުވަދޫ އެއިޑުން މައުލޫމާތުދެ އެވެ. އަދި އަމަލީ މަސައްކަތް ނުފެށި ލަސްވި މުއްދަތުގެ ތެރޭގައި މަޝްރޫއު ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާއެއް ފުރިހަމަ ކޮށްފައިވާނެ ކަމަށްވެސް ހުވަދޫ އެއިޑުން ބުނެ އެވެ.

"މީ ނާޒުކު ވެއްޓެއް ވީމަ އަޅުގަނޑުމެން ހަދަންޖެހޭ ހުރިހާ ދިރާސާއެއް ހެދުމަށްފަހު މަސައްކަތް މި ފެށީ. އަންނަ އަހަރު ޖޫން ހިސާބަަށް ފުރަތަމަ ފޭސްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލުކުރަން،" ހުވަދޫ އެއިޑްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފޔަވަހީގައި ހިމެނޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓާއި، ގްލޯބަލް ނޭޗާ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.