ސަރުކާރުން މިހާރު މަސަތްކަތް ކުރަމުންދަނީ ޝަރުއީ ދާއިރާ އާއި ފުލުހުންނާއި ސިފައިން އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގދ. ހޯޑެއްދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައި އިރު އިދިކޮޅުން މިސަރުކާރުގެ މެނިފެސްޓޯގައި ހުރި ސިޔާސަތުތައް ތަންފީޒު ނުވާނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވާނީ ސިޔާސަތުތަކުގައި ހިމެނޭ 90 ޕަސަންޓް މަސައްކަތް ރައްޔިތުންނަށް ކޮށްދީފައި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މެނިފެސްޓޯއާއި އެއްގޮތަށް ސަރުކާރުން ވާނީ މިނިމަމް ވޭޖް ކަނޑައަޅައި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސަތްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައި ކަމަށްވެސް ވިދާޅުވި އެވެ.
"ހިލޭ ޑިގްރީއޭ ބުނީމަވެސް ބުނީ ހަމަ ނުވާނެއޭ. އެހެން ނަމަވެސް އެ ޕްރޮގްރާމް ފަށައިގެން މިހާތަނަށް އައި އިރުގައި މިހާތަނަށް 18،000 ދަރިވަރުން ބައިވެރިވެ 7،000 އަށް ވުރެ ގިނަ ކުދިން މިހާރު ހިލޭ ޑިގްރީއަށް ކިޔަވާ ނިމިއްޖެ،" ރައިސް ވިދާޅުވި އެވެ
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރީ މިއަހަރުގެ މެއި މަހުން ފެށިގެންނެވެ.
އެމްޑީޕީއާ މެދު ބައެއް ބޭފުޅުން ހިޔާލުތަފާތުވި ނަމަވެސް ތަރައްގީއާއި އެކު ކުރިއަށް ދިއުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ހޯޑެއްދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވީ ވައުދުތައް މިހާރު ފުއްދަމުންދާ ކަމަށެވެ. ހޯޑެއްދޫގެ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސަތްކަތް މުޅިން ފުރިހަމަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮވިޑް ތެރޭ ހޯޑެއްދޫގެ ރައްޔިތުންނަށް ލުއި ކޮށްދިނުމުގެ ގޮތުން އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި، ރަށު ރައްޔިތުންނަށް 2.7 މިލިއަން ރުފިޔާ ދެވިގެން ދިޔަ ކަމަށާއި އެސްޑީއެފް ލޯންގެ ދަށުން އެ ރަށަށް 16 މިލިއަން ރުފިޔާ އެޕްރޫވްކޮށް މިހާތަނަށް އެކި އެކި ރައްޔިތުންނަށް 15 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާނެ ކަމަށް ރައިސް ވިދާޅުވި އެވެ.
"9 ސެޕްޓެމްބަރުގައި މި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އަޅުގަނޑުމެން ދެވަނަ ދައުރެއްގައި މަސައްކަތް ކުރާ އިރު ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާދޭނެކަމުގެ ޔަގީންކަން އަޅުގަނޑު މިތާ ހުރެ ދެން،" ހޯޑެއްދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓް ހިއްސާކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހޯޑެއްދޫގެ އުތުރުކޮޅުގައި އެޅިގެންދާ ހައުސިން ޔުނިޓުތަކުގެ ކައިރީގައި މިސްކިތެއް އަޅައިދޭނެ ކަމަށާއި އަންހެނުންނަށް ހާއްސަ ފުޓްސަލް ދަނޑެއް ވެސް އަޅައިދޭނެ ކަމަށެވެ. އަދި މުޅި ރަށަށް ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދިނުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން ހޯޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް ވެރިކަމުގެ ދެވަނަ ދައުރެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.