އައްޑޫ ސިޓީ

އައްޑޫ ތަރައްގީކުރަން ވަރުގަދަ ޕްލޭނެއް އެެބައޮތް: އަސްލަމް

އައްޑޫގައި 8،000 އެނދު އެޅުމަށް އެހީވުމުގެ ގޮތުން އިތުރު ތިން ރިސޯޓެއް ހުޅުވުމަށާއި އައްޑޫ ތަރައްގީކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރުގަދަ ޕްލޭނެއް ގެންގުޅޭ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީ ޕީޖީ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް 8،000 އެނދު ހިދުމަތަށް ނެރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިކަމާ ގުޅިގެން އަވަސްއާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން ސީދާ ހަރަދުކޮށްގެން އައްޑޫގައި 8،000 އެނދު އަޅައިދެނީ ނޫން ކަމަށާއި އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދެނީ ކަމަށެވެ. އެގޮތުން އައްޑޫ ހިއްކައިގެން ތިން ރިސޯޓެއް ހެދުމުގެ ރަނގަޅު ޕްލޭނެއް ސަރުކާރުން ގެންގުޅޭ ކަމުގައި އަސްލަމް ވިދާޅުވި އެވެ.

"އައްޑޫ ހިއްކައިގެން އިތުރު ތިން ރިސޯޓަށް ޖާގަ ދިނުމާއި ހެރެތެރެ ތަރައްގީކުރުމާއި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން ސަރުކާރުން ދަނީ،" އަސްލަމް ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރި އައްޑޫގައި ކުރިއެރުވުމަށް މިހާރުވެސް 91 ބިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މި ފަރާތްތަކަށް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށްޓަކައި ލޯނު ހޯދައިދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގައި ވިދާޅުވި އެވެ.

އަސްލަމް ވަނީ އައްޑޫގެ ފަތުރުވެރިކަން ހުއްޓުވާލީ މިސަރުކާރުން ކަމަށް ބުނެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އައްޑޫގައި ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ވިލިގިލި އޭރު ވަރަށް ހެޔޮ އަގުގައި ދީފައި އޮއްވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ އަގު ދެ މިލިއަނަށް ބޮޑު ކުރި ކަމަށް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އެތަން ދޫ ކޮށްފައި އޮތީ ފަސް ލައްކައަށް. ފަހުން 2010 ވަނަ އަހަރު އަކަމީޓަރަކަށް އަށް ރުފިޔާ ނަގަން ފެށުމުން އެ އަގު ބޮޑުވީ ދެ މިލިއަނަށް. ހެރެތެރެއަށްވެސް ވީ އެހެން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އައްޑޫގައި ފަތުރުވެރިކަމަށް ދޫކުރާ ބިމުން އަކަމީޓަރަކަށް ނަގާ ރޭޓު ދެ ރުފިޔާއަށް ކުޑަ ކޮށްދިނީ މިސަރުކާރުން ކަމަށާއި އެކަމާ ގުޅިގެން އައްޑޫއަށް އިންވެސްޓަރުންގެ ޝައުގު ބޮޑުވެފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މިހާރު އައްޑޫގައި މަޑުޖައްސާލައިފައިވާ ރިސޯޓުތަކުގެ މަސައްކަތްވެސް އަލުން ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރުމަށްވީ ވައުދު ފުއްދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބިމު ކުލި ދަށް ކޮށްދިނުމާއި ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމާއި އިތުރުު އެއާލައިންތައް އައްޑޫ އަށް ފެށުމާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކާ އެކު 8،000 އެނދުގެ އަމާޒަށް ވާސިލް ވެވޭނެ ކަމުގައި ވިދާޅުވި އެވެ.

ފްލައި ޑުބާއީގެ ދަތުރުތައް އައްޑޫއަށް ފެށުމަށް ވަރަށް ފަހުން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަންވެސް އަސްލަމް ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 250 އަށް ވުރެ ގިނަ އެއާޕޯޓުތަކާއި އައްޑޫ އެކި ގޮތްގޮތުން ގުޅާލެވިގެން ދާނެ ކަމަށާއި އެކި ގައުމުތަކުން އަންނަ ފަތުރުވެރިންނަށް އައްޑޫގައި ތިބުމުގެ ފުރުސަތު ވަރަށް އަވަސް މުސްްތަގުބަލެއްގައި ފަހިވެގެން ދާނެ ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.

"އައްޑޫއަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދެއްވީ މިސަރުކާރުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް އެއީ ހަމަހަމަކަން ގާއިމު ކުރުން. ކުޑަ ރަށެއްތޯ ބޮޑު ރަށެއްތޯ ނުބަލާ. އެކަން ކުރައްވަމުން އެގެންދަވަނީ. އައްޑޫ ތަރައްގީކުރަން އައްޑޫގައި ޓޫރިޒަމް ފުޅާކުރަން މިސަރުކާރުގެ ފުޅާ ވިސްނުމެއް ވަރުގަދަ ޕްލޭނެއް އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.