ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ސީއެސްއާރް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ހެޔޮ ވެރިކަމުގެ އެއް ސިޔާސަތު ކަމުގައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ކޮރަޕްޝަނާ ދެކޮޅު އަދި ދެފުށް ފެންނަ ސީއެސްއާރް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ގުޅިގެންނެވެ.
މި އުސޫލު އެކުލަވާލާ ތަންފީޒުކުރަން ފެށުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރް އަދި އެކިއެކި ސްޕޮންސާޝިޕް ހަރަކާތްތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ޕީސީބީ އިން ބުނެ އެވެ.
ޕީސީބީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނެ އެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާ ނުވަތަ ސީއެސްއާރްގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގަ އެވެ. އެފަދަ ބައެއް ސްޕޮންސާޝިޕް ހަރަކާތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ ކުންފުނިތަކުން ކުރާ ކަންކަމުގެ ތުހުމަތު ބައެއް ފަހަރު ކުރެވެ އެވެ.