މާލެ ސިޓީ ކައުންސިލުން 7،000 ރުފިޔާގެ މަހު މުސާރައަށް މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ކުނި ކަހައިދޭނެ މަސައްކަތު މީހުން ހޯދަން އިއުލާނުކޮށްފި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރަން އެ ކައުންސިލުން ނިންމީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 26، 2016 ގައި ނިމިދިޔަ ކައުންސިލުން ސޮއިކުރި އެއްބަސްވުމެކެވެ.
މިގޮތުން މާލެއާއި ވިލިމާލޭގެ އާންމު ތަންތާގައި ހުންނަ ކުނި މި މަހު 26 އިން ފެށިގެން ނަގާއިރު، ސިޓީ ކައުންސިލުން ކުނި ނަގާނީ މާލެ 16 ޒޯނަކަށް އަދި ވިލިމާލެ ހަތަރު ޒޯނަކަށް ބަހައިލަައިގެންނެވެ.
އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމުލަ 108 މީހަކަށް މަސައްކަތު މީހުންގެ ވަޒީފާ ހުޅުވާލާފައެވެ.
މިގޮތުން ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ވަނީ ވިލިމާލެއިން 28 މީހުންނާއި މާލެއިން 80 މީހުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
މަސައްކަތު މީހުންގެ މުސާރަ:
- އަސާސީ މުސާރަ: 3،100 ރުފިޔާ
- ސާވިސް އެލަވެންސް: 3،900 ރުފިޔާ
- އިތުރު ގަޑީގެ އެލަވެންސް: 2،600 ރުފިޔާ
މި ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ. އަދި މި މަހުގެ 25 އަދި އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެ ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވަ އިންޓަވިއުތައް އޮންނާނެވެ.
ވަޒީފާއަށް މީހުން ހޮވާ އިރު ވެމްކޯގެ މަސައްކަތްތެރިންނަށް އިސްކަންދޭނެކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.